އިންޑިއާގެ ކޮޗިންއަށް ބޭސްފަރުވާއަށް ގޮސް އުޅެނިކޮށް ގެއްލުނު ޒުވާނާ ފެނިއްޖެއެވެ.
ކޮޗިންއަށް ބޭސްފަރުވާއަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދީ، ކ.ތުލުސްދޫއަށް ނިސްބަތްވާ މުޙައްމަދު މަހުދީ ނަމަކަށް ކިޔާ 35 އަހަރުގެ މީހެކެވެ. އޭނާގެ އާއިލާއިން ވަނީ މިހާރު މަހުދީ ފެނިފައިވާކަމަށް ބުނެފައެވެ. އަދި އޭނާގެ ހާލު ރަނގަޅުކަމަށްވެސް އާއިލާއިން ބުންޏެވެ. އިތުރު ތަފްސީލެއް އާއިލާއިން ނުދެއެވެ.
މަހުދީ ގެއްލިގެން، އޭނާ ހޯދުމަށް އާއިލާއިން އެހީތެރިކަމަށް އެދުނި ޖެނުއަރީ 31 ވަނަ ދުވަހުގެ ހެނދުނެވެ. މަހުދީއަކީ ނަފްސާނީ ބައްޔެއްކަމަށްވާ ބައިޕޯލަރ ޑިސްއޯޑަރއަށް ފަރުވާ ހޯދާ މީހެއްކަމަށް އާއިލާއިން ބުނެފައިވެއެވެ.
ގެއްލުނު ޒުވާނާ ހޯދުމަށް ކޮޗިންގައި ހުންނަ އަމްރީތާ ހޮސްޕިޓަލާއި ކޮޗިންގެ އެކި ސަރަހައްދުތަކުގެ ސީސީޓީވީ ފުޓޭޖު ހޯދާފައިވެއެވެ. އަދި އެ ފޫޓޭޖުތަކުން މަހުދީ ފެނުނުކަމަށްވެސް އާއިލާއިން ބުނެފައިވެއެވެ.
މަހުދީ ފެނުމާއި ގުޅިގެން އާއިލާއިން ވަނީ އެކަމުގައި އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.