ރައްޔިތުންނަށް ދޭ ޢާންމު ޚިދުމަތްތަކެއްގެ އަގުތައް އެންގުމަކާ ނުލައި، އާދަޔާ ޚިލާފަށް ސިޓީ ކައުންސިލުން ބޮޑު ކުރިކަމަށް ބުނާ މައްސަލަ ސްޓެކޯއިން ހައިކޯޓަށް ހުށައަޅައިފިއެވެ.
ސްޓެލްކޯއިން ބުނެފައިވަނީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް، ފޯރުކޮށްދޭ ޚިދުމަތްތަކުގެ އަގު ބޮޑުކުރުމުގެ ނިޔަތުގައި މާލޭ ސިޓީކައުންސިލުން ޤާނޫނާއި ޚިލާފަށް ޢަމަލުކުރަން ފަށާފައިވާ، ދެ އުސޫލެއް ބާޠިލުކުރުމަށް އެ ކުންފުނިން ހައިކޯޓަށް ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ހުށައަޅާފައިވާކަމަށެވެ.
ބާތިލުކޮށްދިނުމަށް އެދި ސްޓެލްކޯއިން ހުށައަޅާފައިވަނީ "މަގު ކޮނުމާއި، ޖަންކްޝަން ފަދަ ތަންތަނުގެ މަތި ނަގައިގެން ޢާއްމުކޮށް މަސައްކަތްކުރުމުގެ އުސޫލު" އަދި "މާލޭގެ މަގުމަތީގައި މަގު ބަންދު ނުކޮށް އަދި މަގު ބަންދުކޮށްގެން މަސައްކަތް ކުރުމާއި ބެހޭ އުސޫލު"އެވެ.
ޖެނުއަރީ މަހު ސިޓީ ކައުންސިލުން ގއަގުތަކަށް ބަދަލު ގެނެސް ގެޒެޓުކުރި އުސޫލުގައި މާލޭގެ މަގުކޮނުމަށް ނަގަމުން އައި ފީ 154 އިންސައްތަ ވަނީ ބޮޑުކޮށްފައެވެ. ނަމަވެސް ސިޓީ ކައުންސިލުން ބުނެފައިވަނީ އައު އުސޫލުގެ ދަށުން، އސާސީ ޚިދުމަތްތަކަށް މަގު ކޮނުމަށް ފީ ނަގަމުން ނުދާނެކަމަށެވެ.
ޢާންމު ޚިދުމަތްތަކަށް ނަގާ ފީ ބޮޑުކުރި މައްސަލާގައި ސްޓެލްކޯއިން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަރީފް ވިދާޅުވީ ކައުންސިލަށް ދައްކާ ފީތައް، %100 އަށްވުރެ ބޮޑު ކޮށްފައިވާކަމަށެވެ.
މަގު ކޮނުމުގެ މަސައްކަތަކާއި މަގު ބަންދުކޮށްގެން ކުރާ މަސައްކަތްތަކަށް ސިޓީ ކައުންސިލުން ނަގާ ފީ ބޮޑުކޮށްފައިވަނީ، މިފަދަ މަސައްކަތް ކުރާ އެއްވެސް ކުންފުންޏަކާ މަޝްވަރާކުރުމެއް ނެތި އަދި އެންގުމަކާވެސް ނުލާކަމަށް ޝަރީފް ތުހުމަތުކުރައްވާފައިވެއެވެ. އަދި އުސޫލު ނެރެފައިވާއިރު އެއަށް ޢަމަލުކުރަން ފެށުމުގެ ކުރިންވެސް މުހުލަތެއް ދީފައި ނެތްކަމަށާއި، ކުރިއާލައި އަންގާފަވެސް ނުވާކަމަށް ޝަރީފް ވިދާޅުވިއެވެ.
ސްޓެލްކޯއިން ވަނީ ކައުންސިލުން ބޮޑުކޮށްފައިވާ އަގުތަކުގެ ތަފްސީލް މީޑިއާއި ޙިއްސާކުރައްވާފައެވެ.
ސިޓީ ކައުންިސލުން އަލަށް ގެނައި ބަދަލުގައި ކުރިން ފީ ނަގަމުން ނުދާ ބައެއް މަސައްކަތްތަކަށް ފީ ނަގަން ފެށުންވެސް ހިމެނެއެވެ. އެގޮތުން ޕޭމަންޓް ކޮނެގެން ކުރާ މަސައްކަތަށް ފޫޓަކަށް 25 ރުފިޔާ، އަދި މަގުން ގައު ނަގައިގެން ކުރާ މަސައްކަތަށް ފޫޓާކަށް 100 ރުފިޔާ ނެގުމަށް ވަނީ ހިމަނާފައެވެ. އަދި ޖަންކްޝަނަކާއި ގުޅޭ މަސައްކަތެއް ކުރާނަމަ ކޮންނަ ކޮންމެ ފޫޓަކަށް 300 ރުފިޔާ ދައްކަން ޖެހެއެވެ.
މީގެއިތުރުން މަގުގައި ސައިން ބޯޑު ބެހެއްޓުމަށް ކުރިން ދައްކަމުން އައި 60 ރުފިޔާ، 200 ރުފިޔާއަށް ވަނީ ބޮޑުކޮށްފައެވެ. އަދި މަގު ބަންދުކޮށްގެން ކުރާ މަސައްކަތަށް ކުރިން ފޫޓަކަށް 150 ރުފިޔާ ނެގިނަމަވެސް މި އަދަދު ވަނީ 300 އަށް ބޮޑުކޮށްފައެވެ.
ޝަރީފް ވިދާޅުވީ، މި އުޞޫލާއެކު ބިލް ކުރަން ފެށުމުން، ގޭގެއަށް ކަރަންޓު ގުޅައިދިނުމާއި ޔޫޓިލިޓީއާއި ގުޅުންހުރި އެހެނިހެން ޚިދުމަތްތަކަށް ކުރިން ޢާންމު ރައްޔިތަކު 30000 ރުފިޔާ ދައްކަންޖެހޭ ޚިދުމަތަކަށް، މިހާރު 80000 އަށްވުރެ ބޮޑު އަގެއް ދައްކަންޖެހޭކަމަށެވެ. މިއީ ގާތްގަނޑަކަށް %154 ބޮޑުވުމެއްކަން ޝަރީފް ފާހަގަކުރެއްވިއެވެ.