ވިލިމާލޭގައި ޚިދުމަތް ފެށި އާރްޓީއެލްގެ ބަހުގެ ޚިދުމަތުން މާދަމާއިން ފެށިގެން އަގު ނަގައިގެން ޚިދުމަތް ދޭން ފަށާނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީން ބުނެފިއެވެ.
ވިލިމާލެ ބަހުގެ ޚިދުމަތަށް ނަގަން ނިންމާފައިވަނީ ދަތުރަކަށް 5 ރުފިޔާއެވެ.
މާލެ ސަރަޙައްދުގައި ފަށާފައިވާ އާރްޓީއެލް ބަހުގެ ޚިދުމަތުގައި އެންމެ ފަހުން ޚިދުމަތް ފަށާފައިވަނީ ވިލިމާލޭގައެވެ. ވިލިމާލޭގައި މި ޚިދުމަތް ދިނުމަށް ބޭނުންކުރަމުންދަނީ ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް ބަސްތަކެކެވެ. 15 މީހުންގެ ޖާގައިގެ 6 ބަސް މި ޚިދުމަތަށް ބޭނުންކުރެއެވެ.
މި ޚިދުމަތް ވިލިމާލޭގައި މިހާތަނަށް ދީފައިވަނީ އަޖުމަ ބެލުމުގެ ދަތުރުތަކުގެ ގޮތުގައި އެއްވެސް ފީއަކާ ނުލައެވެ. ނަމަވެސް މާލެ ސަރަޙައްދުގެ އެހެން ހިސާބުތަކޭ އެއްގޮތަށް، 2ފެބްރުއަރީވާ ހުކުރު ދުވަހުން ފެށިގެން ބަހުގެ ޚިދުމަތް ދެމުންދާނީ އަގު ނަގައިގެންނެވެ. ވިލިމާލޭގައި ބަހުގެ ޚިދުމަތަށް ނެގުމަށް ނިންމާފައިވަނީ 5 ރުފިޔާއެވެ.
ވިލިމާލޭގައި ޚިދުމަތަށް 3 ގޮތަކަށް ފައިސާ ދެއްކޭނެ އިންތިޒާމް އެމްޓީސީސީން ވަނީ ހަމަޖައްސާފައެވެ. އެގޮތުން އާރްޓީއެލް މޯބައިލް އެޕްލިކޭޝަނާއި، ކޭޝް ކާޑު ބޭނުންކޮށްގެން ޓިކެޓް ނެގޭނެއެވެ. އަދި އުމުރުން ދުވަސްވީ މީހުންނަށް ލުއިފަސޭހަ ކޮށްދިނުމަށް، ބަހުން ކަރުދާސް ޓިކެޓި ނެގޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ. އެމްޓީސީސިން ވިދާޅުވީ ބަސްތެރޭގައި ފައިސާ މާރުކުރެވޭނެ އިންތިޒާމް ނުހުންނާނެކަމަށާއި، ފައިސާއިން އަގު ދައްކާނަމަ ދައްކަންޖެހޭ އަދަދަށް ފައިސާ ގެނައުމަށް އެދޭކަމަށެވެ.
އާރްޓީއެލް ބަހުގެ ޚިދުމަތަކީ ޚިދުމަތް ހޯދާ މީހުންނަށް ވީހާވެސް ލުއިފަސޭހަވާނެހެން ދޭ ޚިދުމަތެކެވެ. އެގޮތުން 65 އަހަރުން މަތީގެ މީހުންނާ 3 އަހަރުން ދަށުގެ ކުޑަކުދިން އައިޑީ ކަރޑް ދެއްކުމުން ހިލޭ ދަތުރުކުރެވޭނެއެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާ، ޔުނިފޯމްގައި ތިބޭ ދަރިވަރުންނަށްވެސް ހިލޭ ދަތުރުކުރެވޭނެއެވެ.
ވިލިމާލެއަކީ އާއްމު އިންޖީނު އުޅަނދު ދުއްވުން މަނާ ރަށެކެވެ. އަދި އެރަށުގައި ދަތުރުފަތުރުގެ ޚިދުމަތް ދެމުން އައިސްފައިވަނީ ބަގީގައެވެ. ނަމަވެސް އެއީ މަދު ވެހިކަލްތަކެކެވެ. މިއާއެކު ބަހުގެ ޚިދުމަތް ވެފައިވަނީ ވިލިމާލެއަށް ވަރަށް މުހިންމު ޚިދުމަތަކަށެވެ.
ވިލިމާލޭގައި ބަހުގެ ޚިދުމަތް ފެށި ފުރަތަމަ 4 ދުވަހު، 8000އަށްވުރެ ގިނަ މީހުން ޚިދުމަތް ހޯދިއެވެ. އެ ރަށަކީ ރަށުގައި ދިރިއުޅޭ ރައްޔިތުންގެ އިތުރުން، ދަތުރު ދިއުމަށް މުޅި މާލެ ސަރަޙައްދުގެ ރައްޔިތުން ބޭނުންކުރާ ރަށެކެވެ. ޚާއްސަކޮށް ހަފްތާ ބަންދުގައި ގިނަ ބަޔަކު ޒިޔާރަތްކުރެއެވެ.
ވިލިމާލެއަށް ބަހުގެ ޚިދުމަތް ދޭ، ރޫޓުތައް ކަނޑައަޅާފައި ވަނީވެސް ރަށަށް ޒިޔާރަތް ކުރާ މީހުންނާއި އަދި ދަތުރުދާ މީހުން އާއްމުކޮށް ބޭނުންކުރާ ސަރަޙައްދުތައްވެސް ހިމަނައިގެންނެވެ.