ދުރުރާސްތާ ރޮކެޓު ހިމެނޭ 2 ބިލިޔަން ޑޮލަރުގެ އަސްކަރީ އެހީގެ ޕެކޭޖެއް ޔޫކްރެއިނަށް ފޮނުވަން އެމެރިކާއިން ނިންމައިފިއެވެ. އެމެރިކާއިން ޔޫކްރެއިނަށް ފޮނުވަން ނިންމާފައިވާ އައު ރޮކެޓްތަކާ އެކު، ޔޫކްރެއިނަށް އަރައި ހަނގުރާމަ ކުރަމުންދާ ރަޝިޔާ ސިފައިންނަށް މި ވަނީ ބޮޑު ނުރައްކަލާ ކުރިމަތިލާން ޖެހިފައެވެ.
އައު ރޮކެޓްތަކާ އެކު، ދެ ގުނަ ދުރު ރާސްތާއަކަށް ހަމަލާދިނުމުގެ ގާބިލުކަމާ އެކު، ކްރައިމިޔާ ނޫން އެހެން ހުރިހާ ސަރަޙައްދަކަށް ހަމަލާދިނުމުގެ ގާބިލުކަން ޔޫކްރެއިނުގެ ފައުޖުތަކަށް ލިބޭނެއެވެ. ޔޫކްރެއިނުގެ ދެކުނުގައި އޮންނަ ކްރައިމިޔާއަކީ 2014 ވަނަ އަހަރު ރަޝިޔާއިން އަތްގަދަކޮށްފައިވާ ސަރަޙައްދެކެވެ.
އެމެރިކާއިން ޔޫކްރެއިނަށް ދުރުރާސްތާ ރޮކެޓް ފޮނުވަން ނިންމާފައި މި ވަނީ، ދުރުރާސްތާ މިސައިލް ހޯދުމަށް ޔޫކްރެއިނުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ މަސައްކަތް ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ. އަދި، ހަތަރުވަނަ ޖެނެރޭޝަންގެ ޒަމާނީ އަސްކަރީ މަތިންދާބޯޓުތައް ފޯރުކޮށްދިނުމަށް ވެސް އޭނާ ވަނީ ނޭޓޯގެ ޤައުމުތަކުގައި އެދިފައެވެ.
2 ބިލިޔަން ޑޮލަރުގެ އަގުހުރި އަސްކަރީ އެހީގެ ޕެކޭޖެއް ޔޫކްރެއިނަށް ފޮނުވަން އެމެރިކާއިން ނިންމާފައިވާއިރު، ކުރިއަށް އޮތް ހަފުތާގެ ތެރޭގައި އެމެރިކާއިން އެ ކަން ރަސްމީކޮށް އިޢުލާނުކުރާނެއެވެ. މިއީ، އެމެރިކާއިން ދުރުރާސްތާ ރޮކެޓް ސިސްޓަމެއް ކަމުގައިވާ "ގްރައުންޑް ލޯންޗްޑް ސްމޯލް ޑައިމީޓަރ ބޮމް (ޖީ.އެލް.އެސް.ޑީ.ބީ)" ޔޫކްރެއިނަށް ފޯރުކޮށްދޭ ފުރަތަމަ ފަހަރެވެ.
ޖީ.އެލް.އެސް.ޑީ.ބީ.އަކީ 150 ކިލޯމީޓަރު ދުރުގައި އޮންނަ އަމާޒުތަކަށް ހަމަލާދިނުމަށް ބޭނުން ކުރެވޭނެ ރޮކެޓްތަކެކެވެ. އެއީ، އެމެރިކާއިން ޔޫކްރެއިނަށް ކުރިން ފޮނުވާފައިވާ "ހައިމާސް" ރޮކެޓް ސިސްޓަމަށްވުރެ ދެ ގުނަ ދުރު ރާސްތާއެކެވެ. ހައިމާސް ރޮކެޓް ސިސްޓަމްތަކާ އެކު ވެސް ޔޫކްރެއިނުގެ ފައުޖުތަކުން ވަނީ ރަޝިޔާގެ ސިފައިންނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އިތުރަށް ވަރުގަދަކޮށްފައެވެ.
ރަޝިޔާއިން ސިފައިން މިހާރު ދަނީ ޔޫކްރެއިނުގެ އިރުމަތީގައިވާ ސަރަޙައްދުތައް ހިފުމަށް މަސައްކަތް ކުރަމުންނެވެ. އަދި، އެ ސަރަޙައްދުތަކުގައި ޔޫކްރެއިނުގެ ފައުޖުތަކާ ވަރުގަދައަށް ހަނގުރާމަ ކުރަމުންނެވެ. އައު ރޮކެޓްތަކާ އެކު، އިރުމަތީ ދޮންބާސްގައި ހިމެނޭ ލުހާންސްކާއި ޑޮނެޓްސްކުގައި ރަޝިޔާއިން ގާއިމުކޮށްފައިވާ އަސްކަރީ މަރުކަޒުތަކަށް ހަމަލާދިނުމުގެ ގާބިލުކަން ޔޫކްރެއިނުގެ ފައުޖުތަކަށް ލިބޭނެއެވެ.
މިއާ އެކު، ރަޝިޔާއިން ޔޫކްރެއިނުގައި ގާއިމުކޮށްފައިވާ އަސްކަރީ މަރުކަޒުތަކާއި ހަތިޔާރު ގުދަންތަކަށް ނުރައްކާވެ، އެ ތަންތަން ރަޝިޔާއަށް ބަދަލުކުރަން މަޖުބޫރުވާނެ ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލުކުރެއެވެ. އަދި، ޔޫކްރެއިނުގެ ދިފާޢުގައި ކުރަމުންދާ ހަނގުރާމަ ކާމިޔާބު ކުރުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް ވެސް ބެލެވެއެވެ.
ނަމަވެސް، އިރުމަތީގެ ސަރަޙައްދުތަކުގައި ރަޝިޔާ ސިފައިން ދަނީ ކުރިއެރުންތަކެއް ހޯދަމުންނެވެ. ޑޮނެޓްސްކްގެ ސިނާޢީ ސަރަޙައްދެއް ކަމުގައިވާ ބަޚްމުތް ހިފުމަށް ރަޝިޔާއިން މަސައްކަތް ކުރަމުންދާއިރު، އެ ސަރަޙައްދުގައިވާ އެހެން ރަށެއް ކަމުގައިވާ ވޫލެދާރް ރަޝިޔާގެ އަތްދަށަށް ވެއްޓުމާ ގާތްވެފައިވާ ކަމުގައި އެ ޤައުމުން ވަނީ ބުނެފައެވެ. އަދި، އެ ރަށާ އިންވެގެން އޮންނަ ސޮލޭދާރް ވެސް ހިފާފައިވާ ކަމަށް ރަޝިޔާގެ ދިފާޢީ ވުޒާރާއިން މީގެ ކުރިން ވަނީ ބުނެފައެވެ.
ޒެލެންސްކީގެ އިސް މުޝީރެއް ކަމުގައިވާ މިޚައިލޯ ޕޮޑޮލްޔެކް ވިދާޅުވީ، ދުރުރާސްތާ މިސައިލާއި އެމެރިކާގައި އުފައްދާ އެފް-16 މަރުކާގެ އަސްކަރީ މަތިންދާބޯޓު ހޯދުމާ ގުޅޭ މަޝްވަރާތައް ކުރިއަށްދާ ކަމުގައެވެ. އަދި، އެ ފަދަ ހަތިޔާރު ލިބުމުގެ އުންމީދު ބޮޑު ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް، ރަޝިޔާއިން ބުނީ، އެ ފަދަ ހަތިޔާރު ޔޫކްރެއިނަށް ފޮނުވައިފިނަމަ، ހަމަނުޖެހުންތަކާއި ހަނގުރާމައިގެ ހާލަތު އިތުރަށް ގޯސްވާނެ ކަމުގައެވެ.
ނޭޓޯގެ ޤައުމުތަކުން ދާދިފަހުން ވަނީ އެންމެ ފަހުގެ ޒަމާނީ ހަނގުރާމަތީ ޓޭންކު ޔޫކްރެއިނަށް ފޮނުވަން ނިންމާފައެވެ. މީގެ ތެރޭގައި ހިމެނެނީ އެމެރިކާގައި އުފައްދާ "އެބްރާމްސް" މަރުކާގެ ޓޭންކާއި، އިނގިރޭސިވިލާތުގައި އުފައްދާ "ޗެލެންޖަރ 2" މަރުކާގެ ޓޭންކުގެ އިތުރުން ޖަރުމަނުވިލާތުގައި އުފައްދާ "ލެޕަޑް 2" މަރުކާގެ ޓޭންކުތަކެވެ. ޖުމުލަ 321 ޓޭންކު ޔޫކްރެއިނަށް ފޮނުވަން އެ ޤައުމުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.
އެފް-16 މަރުކާރުގެ އަސްކަރީ މަތިންދާބޯޓު ހޯދުމަށް ޔޫކްރެއިނުން މަސައްކަތް ކުރަމުންދިޔަ ނަމަވެސް، އެ ފަދަ ހަތިޔާރު ޔޫކްރެއިނަށް ފޮނުވަން އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ދެކޮޅު ހައްދަވާފައެވެ. ވައިޓް ހައުސްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ބައިޑަން ވިދާޅުވެފައި ވަނީ، ޔޫކްރެއިނަށް އެމެރިކާގައި އުފައްދާ އަސްކަރީ މަތިންދާބޯޓުތައް ފޮނުވުމުގެ ވިސްނުމެއް ނެތް ކަމުގައެވެ.