ޚަބަރު

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި


މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގެ މުއްދަތު އިތުރުކުރައްވަަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނިންމަވައިފިއެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގެ މުއްދަތު އިތުރުކުރައްވަން ނިންމެވީ، އެކަމަށް ކަނޑައަޅާފައިވާ ސުންގަޑި ހަމަވާ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ހަމަޖެއްސެވުމާއި ގުޅިގެނެވެ.

އެގޮތުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގެ މުއްދަތު މިމަހުގެ 6 ވަނަ ދުވަހު ހަމަވާއިރު، ރިޔާސީ ބަޔާނާއި ގުޅިގެން އެ ދުވަހަކީ ބަންދުދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ،

ރައީސް އޮފީހުން ވިދާޅުވީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގެ ހަމަވާ ސުންގަޑިއެއްގެ ގޮތުގައި މިހާރު ކަނޑައަޅަފައިވަނީ 8 ފެބުރުވަރީ ވާ ބުދަ ދުވަހުގެ މެންދުރު 12:30އެވެ. އަދި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި، ކުށާއި ދަރަނީގެ ރެކޯޑު ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ފެބުރުވަރީ 7 އަދި 8 ވަނަ ދުވަހު ހެނދުނު 9:30 އިން މެންދުރުފަހު 12:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލީ އެކޮމިޝަނުގެ މެމްބަރު އަދި ނައިބު ރައީސްކަމުގެ މަޤާމުގައި ހުންނެވި އަޙުމަދު ގައިސް މަޤާމުން އިސްތިއުފާދެއްވުމާއި ގުޅިގެނެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އެކުލެވިގެންވަނީ 7 މެންބަރުންގެ މައްޗަށެވެ. އެކޮމިޝަންގައި މިހާރު ތިއްބެވީ ކޮމިޝަންގެ ރައީސާ މަރިޔަމް ވަހީދާއާއި، ނައިބު ރައީސް މުހައްމަދު ފަޒީންގެ އިތުރުން ކޮމިޝަންގެ މެމްބަރުން ކަމަށްވާ އަމްޖަދު ވަހީދު އާއި އަލީ ޔޫސުފް އާއި އާމިނަތު އަމީނާ އާއި ޝިފްލާ އިބްރާހީމްއެވެ.