ޚަބަރު

ޕިޝާވަރުގެ މިސްކިތަށް ދިން ހަމަލާގައި މަރުވި މީހުންގެ ޢަދަދު 87އަށް އަރައިފި


ޕާކިސްތާނުގެ ހުޅަނގު އުތުރުގައިވާ ޚައިބަރ ޕަޚްތުންޚްވާ ޕުރޮވިންސުގެ ވެރިރަށް ޕިޝާވަރުގެ މިސްކިތެއްގައި ބޮމެއް ގޮއްވައިލައިގެން ދިން ނުރައްކާތެރި ހަމަލާގައި މަރުވި މީހުންގެ ޢަދަދު 87 އަށް އަރައިފިއެވެ. މިއީ، ފާއިތުވި އަހަރުތަކުގެ ތެރޭގައި ޕާކިސްތާނުގައި ދީފައިވާ މި ފަދަ އެންމެ ނުރައްކާތެރި އަދި އެންމެ ބޮޑު ހަމަލާއެވެ.

ބޮން ގޮއްވައިލާފައިވާ މިސްކިތް ހުންނަނީ، ޕިޝާވަރުގެ ފުލުހުންގެ އިދާރާއާއި ޓެރެރިޒަމާ ދެކޮޅަށް ހަރަކާތްތެރިވާ ފުލުހުންގެ އިދާރާ ކައިރީގައެވެ. މިސްކިތުގެ ތެރޭގައި ބޮން ގޮއްވައިލާފައި ވަނީ ގިނަ ޢަދަދެއްގެ ބަޔަކު މެންދުރު ނަމާދުގެ ޖަމާޢަތުގައި ބައިވެރިވުމަށް މިސްކިތަށް އެރި ވަގުތުގައެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ ފުލުހުން ވެސް ހިމެނެއެވެ.

މިސްކިތުގައި ބޮން ގޮއްވައިލި ވަގުތު އެ ތަނުގައި 150 އަށްވުރެ ގިނަ މީހުން ތިބި ކަމަށް ފުލުހުން ބުނެއެވެ. އަދި، މި ހަމަލާގައި ޒަޚަމުވި އިތުރު 57 މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާ ކަމުގައި ޕިޝާވަރުގެ އޮފިޝަލުން ވިދާޅުވެއެވެ. މި ހަމަލާގައި ޒަޚަމުވި މީހުންގެ ޢަދަދު ވެސް 150 އަށްވުރެ މައްޗަށް އަރާ ކަމުގައި އޮފިޝަލުން ވިދާޅުވެއެވެ.

މިސްކިތުގެ ތެރޭގައި ގޮއްވައިލާފައި ވަނީ ވަރަށް ބާރުގަދަ ބޮމެއް ކަމަށާއި، މި ހަމަލާގައި މިސްކިތުގެ ބައެއް ފާރުތަކާއި، ފުޅާރުން ބަޔެއް ވެއްޓުނު ކަމުގައި ފުލުހުން ވިދާޅުވެއެވެ. އަދި، ވެއްޓިފައިވާ ބައިތަކުގެ ދަށުވެފައިވާ ކަމަށް ބެލެވޭ މީހުން ހޯދުމަށް އަދިވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

ޕާކިސްތާނުގައި ހަރަކާތްތެރިވާ އެއްވެސް ޓެރެރިސްޓު ޖަމާޢަތަކުން މި ހަމަލާގެ ޒިންމާ އުފުލާފައެއް ނުވެއެވެ. ނަމަވެސް، އެ ޤައުމުގައި ހަރަކާތްތެރިވާ އައި.އެސް. ޖަމާޢަތުގެ ގޮތްޕެއް ކަމުގައިވާ ތަހްރީކުއްތާލިބާން ޖަމާޢަތުން މީގެ ކުރިން މި ފަދަ ހަމަލާތައް ދީފައިވާ ކަން ފާހަގަކުރެވެއެވެ.

ޕިޝާވަރުގައި ހުންނަ ފުލުހުންގެ އިދާރާއަކީ ސަލާމަތީ ފިޔަވަޅުތައް އެންމެ ވަރުގަދަ އެއް ޢިމާރާތެވެ. އެ ތަނުގައި، ޕާކިސްތާނުގެ ޖާސޫސީ އިދާރާގެ އޮފީހެއް ވެސް ހުރެއެވެ. މި ހަމަލާއާ ގުޅިގެން ޕިޝާވަރުގައި ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ. އަދި ޗެކްޕޮއިންޓުތައް އަޅައި، މަގުމަތީގައި ހަރަކާތްތެރިވާ ފުލުހުންގެ ޢަދަދު ވަނީ އިތުރުކޮށްފައެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވަނީ، މި ހާދިސާގައި ޒަޚަމުވެ، ފަރުވާ ހޯދަމުންދާ މީހުންގެ ގާތަށް ޒިޔާރަތް ކުރައްވާފައެވެ. އަދި އެ މީހުންގެ ހާލު ބައްލަވައިލައްވާފައެވެ. މި ހަމަލާ ކުށްވެރިކޮށް ވާހަކަފުޅު ދައްކަވަމުން ޝަރީފް ވިދާޅުވީ، އެ ޤައުމުގެ ސުލްޙަމަސަލަސްކަން ނަގައިލަން ޓެރެރިސްޓުން މަސައްކަތް ކުރަމުންދާ ކަމުގައެވެ. އަދި، ޓެރެރިސްޓުންނާ ދެކޮޅަށް ހިންގަމުންދާ އޮޕަރޭޝަންތައް އިތުރަށް ވަރުގަދަކުރާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

ޕިޝާވަރުގެ މިސްކިތަކަށް ހަމަލާދީފައި މި ވަނީ، އެކުވެރި ޢަރަބި ޢިމާރާތް (ޔޫ.އޭ.އީ)ގެ ރައީސް މުޙައްމަދު ބިން ޒައިދު އަލް ނަޔްހާން އެ ޤައުމަށް ޒިޔާރަތެއް ކުރައްވަން ހަމަޖެހިފައި އޮތް ދަނޑިވަޅެއްގައެވެ. ނަމަވެސް، މޫސުން ގޯސްވުމުގެ ސަބަބުން ކަމަށް ބުނެ، އެ ދަތުރު ވަނީ ކެންސަލްކޮށްފައެވެ. މީގެ އިތުރުން، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް)ގެ ވަފުދަކަށް މަރުޙަބާ ކިޔުމަށް ވެސް ޕާކިސްތާނުން ދަނީ ތައްޔާރުވަމުންނެވެ.

ޕިޝާވަރުގައި ހުންނަ ޝީޢީންގެ މިސްކިތަކަށް އަމާޒުކޮށް ވެސް ދާދިފަހުން މި ފަދަ ޓެރެރިސްޓު ހަމަލާއެއް ދީފައިވެއެވެ. އައި.އެސް. ޖަމާޢަތުން ޒިންމާ އުފުލާފައިވާ އެ ހަމަލާގައި 64 މީހުން މަރުވިއެވެ. އެ ހަމަލާގައި ވެސް ބޮން ގޮއްވައިލާފައި ވަނީ މިސްކިތަށް ގިނަ ޢަދަދެއްގެ ބަޔަކު އަރައި ތިބި ވަގުތެއްގައެވެ.

ޚައިބަރ ޕަޚްތުންޚްވާ ޕުރޮވިންސާ އިންވެގެން އޮންނަ ބަލޮޗިސްތާން ޕުރޮވިންސުގައި ވެސް ދާދިފަހުން ވަރުގަދަ ހަމަލާތަކެއް ދީފައިވެއެވެ. ސަރަޙައްދީ ރޮނގުގައި ހުންނަ ޗެކްޕޮއިންޓަކަށް 2022 ޑިސެންބަރު މަހުގެ ކުރީކޮޅު ދިން މޯޓަރު ބަޑީގެ ހަމަލާތަކުގައި ހަ މީހުން މަރުވިއެވެ. އެ ހަމަލާގެ ފަހަތުގައި ވަނީ އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ތާލިބާން ޖަމާޢަތެވެ.