ޚަބަރު

މިސައިލް ހަމަލާއެއްދޭނެ ކަމަށް ބުނެ ޕުޓިން ބިރުދެއްކި: ޖޮންސަން


އިނގިރޭސިވިލާތަށް މިސައިލް ހަމަލާއެއް ދޭން ޖެހިދާނެ ކަމަށް ބުނެ ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން އިންޒާރުދެއްވާ، ބިރުދެއްކެވި ކަމުގައި އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ބޮރިސް ޖޮންސަން ވިދާޅުވެއްޖެއެވެ. އޭނާ މި ކަން ހާމަކުރެއްވީ، ބީ.ބީ.ސީ.ގެ ޑޮކިޔުމެންޓްރީއަކަށް ދެއްވި ބަސްދީގަތުމެއްގައެވެ.

އޭނާ ވިދާޅުވީ، ޕުޓިން އޭނާއަށް ބިރުދައްކަވައި އިންޒާރުދެއްވާފައި ވަނީ، ދެ ބޭފުޅުންގެ ދެމެދުގައި ފޯނުން ގުޅައި ދެއްކެވި ވާހަކަފުޅުތަކެއްގެ ތެރެއިން ކަމުގައެވެ. އަދި، ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައި ވަނީ ރަޝިޔާއިން ޔޫކްރެއިނަށް އަރައި ކުރަމުންދާ ހަނގުރާމައާ ގުޅޭގޮތުން ކަމުގައި ޖޮންސަން ވިދާޅުވިއެވެ.

ފޯނުން ދެ ބޭފުޅުން ވާހަކަފުޅު ދައްކަވާފައި ވަނީ، 2022 ވަނަ އަހަރުގެ ފެބްރުވަރީ މަހު ޖޮންސަން ޔޫކްރެއިނަށް ކުރެއްވި ދަތުރުފުޅަކާ ގުޅިގެންނެވެ. އެ މަޝްވަރާތަކުގެ ތެރެއިން ޔޫކްރެއިނަށް ނޭޓޯއާ ގުޅުމުގެ ފުރުޞަތު އޮތްތޯ ޕުޓިން ސުވާލުކުރެއްވި ކަމަށް ޖޮންސަން ވިދާޅުވިއެވެ. ޖަވާބުގައި، އެއީ އެހާ އަވަސް މުސްތަޤުބަލެއްގެ ވެދާނެ ކަމެއް ކަމަށް ނުބެލެވޭ ކަމުގައި ޕުޓިން އަރިހުގައި ވިދާޅުވި ކަމުގައި ޖޮންސަން ވިދާޅުވިއެވެ.

އަދި، މަޝްވަރާތަކުގެ ވަކި ހިސާބަކުން ޕުޓިން ވަނީ، ޖޮންސަންއަށް އަނިޔާއެއް ދެއްވަން ބޭނުންފުޅު ނުވާ ކަމަށާއި، ނަމަވެސް ރަޝިޔާއިން އިނގިރޭސިވިލާތަށް މިސައިލް ހަމަލާއެއް ދިނުމަށް ހޭދަވާނީ އެންމެ މިނެޓެއް ކަމަށް ވިދާޅުވެ، އިންޒާރު ދެއްވާފައި ކަމުގައި ޖޮންސަން ވިދާޅުވިއެވެ. ރަޝިޔާއިން ޔޫކްރެއިނަށް ސިފައިން ފޮނުވައި ހަނގުރާމަ ފެށުމާ ގުޅިގެން ޔޫކްރެއިނުން ވަނީ ނޭޓޯގެ މެންބަރަކަށްވުމަށް މަސައްކަތް ފަށާފައެވެ.

މި ހަނގުރާމައާ ގުޅިގެން ރަޝިޔާއާއި އިނގިރޭސިވިލާތާ ދެމެދުގައި އޮތް ގުޅުން ވަނީ ގޯސްވެފައެވެ. އަދި، 2018 ވަނަ އަހަރު ރަޝިޔާއިން ވަނީ އިނގިރޭސިވިލާތުގައި ދިރިއުޅެމުންދިޔަ ރަޝިޔާގެ ޖާސޫސެއް ކަމުގައިވާ ސަރްގޭ ސްކްރިޕަލްއަށް ޒަހަރުދީގެން މަރައިލަން ވެސް މަސައްކަތް ކޮށްފައެވެ. އެ ހާދިސާއާ ގުޅިގެން ވެސް ދެ ޤައުމުގެ ގުޅުމަށް ވަނީ އަސަރުކޮށްފައެވެ.

ރަޝިޔާއިން ޔޫކްރެއިނުގައި ކުރަމުންދާ ހަނގުރާމައިގައި އެމެރިކާއާއި ވިލާތުގެ އެހެން ޤައުމުތަކޭ އެއްފަދައިން އިނގިރޭސިވިލާތުން ވެސް ތާޢީދުކުރަމުން ދަނީ ޔޫކްރެއިނަށެވެ. އަދި، އިނގިރޭސިން ދަނީ ޔޫކްރެއިނަށް އަސްކަރީ ގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ދާދިފަހުން އިނގިރޭސިވިލާތުން ވަނީ އެ ޤައުމުގައި އުފައްދާ "ބްރިމްސްޓޯން" މަރުކާގެ މިސައިލާއި "ޗެލެންޖަރ 2" މަރުކާގެ ހަނގުރާމަމަތީ ޓޭންކު ޔޫކްރެއިނަށް ފޮނުވަން ނިންމާފައެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކަމުގެ މަޤާމުން ޖޮންސަން އިސްތިޢުފާ ދެއްވާފައި ވަނީ 2022 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުއެވެ. އަދި، އެ މަޤާމު ފުރުއްވި މުއްދަތުގައި އޭނާ ވަނީ އެތަކެއް ފަހަރަކު ޔޫކްރެއިނަށް ޒިޔާރަތް ކުރައްވާފައެވެ. އަދި، އެ ޤައުމުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީއާ އެތަކެއް ފަހަރެއްގެ މަތިން ފޯނުން ވާހަކަފުޅު ދައްކަވާފައެވެ.