ޚަބަރު

އީރާނުގެ ދިފާޢީ ވުޒާރާގެ މައި މަރުކަޒަކަށް ޑްރޯން ހަމަލާތަކެއްދީފި


އީރާނުގެ އިސްފަހާން ޕުރޮވިންސުގައި ހުންނަ އެ ޤައުމުގެ ދިފާޢީ ވުޒާރާގެ މަރުކަޒަކަށް ޑްރޯން ހަމަލާތަކެއްދީފިއެވެ. ދަންވަރުގެ ވަގުތު ދީފައިވާ ހަމަލާތަކުގެ އެއް ހަމަލާ، މަރުކަޒަށް އަރާފައިވާ ކަމުގައި އީރާނުން ބުނެއެވެ. ނަމަވެސް، އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާނުވާ ކަމަށާއި، މަރުކަޒަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައި ނުވާ ކަމުގައި އެ ޤައުމުން ބުނެއެވެ.

އީރާނުން ވަނީ ޑްރޯން ހަމަލާތައް ކުށްވެރިކޮށްފައެވެ. އެ ޤައުމުގެ ދިފާޢީ ވުޒާރާއިން ބުނީ، އެ ޤައުމުގެ ދިފާޢީ ނިޒާމު ބޭނުންކޮށްގެން އެއް ޑްރޯން ނައްތައިލި ކަމުގައެވެ. އަދި، އިތުރު ދެ ޑްރޯން ވައިގެ ތެރޭގައި ގޮވާފައިވާ ކަމުގައި ވެސް އެ ވުޒާރާއިން ބުންޏެވެ.

"މިއީ އީރާނުގެ އަދުއްވުން ދީފައިވާ ހަމަލާއެއް. އެއީ ވަރަށް ފިނޑި އަމަލެއް. މިއީ، އީރާނުގެ ހަމަޖެހުން ނަގައިލުމުގެ އަމާޒުގައި ދީފައިވާ ޑްރޯން ހަމަލާތަކެއް،" އެ ޤައުމުގެ ޚާރިޖީ ވަޒީރު ޙުސައިން އާމިރު-ޢާބްދުاللهހިއަން ވިދާޅުވިއެވެ. އީރާނަށް ޑްރޯން ހަމަލާތަކެއް ދީފައި މި ވަނީ، ޤަޠަރުގެ ޚާރިޖީ ވަޒީރު މުޙައްމަދު ބިން ޢަބްދުއްރަޙްމާން އަލް-ޘާނީ އެ ޤައުމަށް ޒިޔާރަތް ކުރައްވަމުން ގެންދެވި ދަނޑިވަޅެއްގައެވެ.

އިސްފަހާންގައި ހުންނަ ދިފާޢީ ވުޒާރާގެ މަރުކަޒަށް ޑްރޯން ހަމަލާ އެރި މަންޒަރު ފެންނަ ވީޑިޔޯތައް ސޯޝަލް މީޑިޔާގައި ވަނީ ޢާންމުވެފައެވެ. ފެންނަނީ، ހަމަލާ އަރާ ވަގުތު އެ ތަނުގައި ބާރުގަދަ އެއްޗެއް ގޮވާ މަންޒަރެވެ. އަދި، އެ ސަރަޙައްދުގައި އެ ވަގުތު ތިބި މީހުން ސަލާމަތްކަން ހޯދުމަށް މަސައްކަތް ކުރާ މަންޒަރެވެ.
ނަމަވެސް، މި ހަމަލާގައި މަރުކަޒަށް އެއްވެސް ގެއްލުމެއް ނުވާ ކަމުގައި އެ ޤައުމުގެ ދިފާޢީ ވުޒާރާއިން ބުނެއެވެ. އަދި، ހަމަލާ އަރާފައި ވަނީ އެ ތަނުގައި ހުރި ވޯކްޝޮޕަކަށް ކަމަށާއި، ހަމަލާއާ ގުޅިގެން އެ ތަނުގެ މަސައްކަތްތަކަށް ބުރޫއަރާފައި ނުވާ ކަމުގައި ވެސް އެ ވުޒާރާއިން ބުނެއެވެ.

އީރާނަށް ޑްރޯން ހަމަލާތަކެއް ދީފައި މި ވަނީ، އެ ޤައުމުގެ ސަރުކާރާ ދެކޮޅަށް ޢާންމު ރައްޔިތުން ތެދުވެ، ބޮޑެތި މުޒާހަރާތަކެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ. 2022 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު އެ ޤައުމުގެ ސަރުކާރާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް ފަށާފައި ވަނީ، ފުލުހުންގެ ބެލުމުގައި ދަށުގައި ހުއްޓާ 22 އަހަރުގެ އަންހެން ކުއްޖެއް ކަމުގައިވާ މަޙްސާ އަމީނީ މަރުވި ހާދިސާއާ ގުޅިގެންނެވެ.

އީރާނުގެ ނިއުކްލިޔަރ ހަތަކަ އުފެއްދުމުގެ ޕުރޮގުރާމު ކޮންޓްރޯލް ކުރުމަށް ހަދާފައިވާ އެއްބަސްވުން އަލުން އެކުލަވައިލުމަށް ކުރަމުންދާ މަސައްކަތްތައް ވެސް މި ވަގުތު އޮތީ ހުއްޓިފައެވެ. އަދި، އެމެރިކާއާއި ޔޫކްރެއިނުން ދަނީ، އީރާނުގައި އުފައްދާ ޑްރޯން ފަދަ ހަތިޔާރު، ރަޝިޔާއިން ޔޫކްރެއިނަށް އަރައި ކުރަމުންދާ ހަނގުރާމައިގައި ބޭނުންކުރަމުންދާ ކަމަށް ތުހުމަތު ކުރަމުންނެވެ.

އިސްފަހާންގެ މަރުކަޒަށް ދީފައިވާ ޑްރޯން ހަމަލާތަކުގެ ފަހަތުގައި ވަނީ ޔަހޫދީ ޓެރެރިސްޓު އިސްރާޢީލު ކަމަށް ބެލެވޭ ކަމުގައި އީރާނުން ތުހުމަތު ކުރެއެވެ. އިސްރާޢީލަކީ އީރާނުގެ އެންމެ ބޮޑު އަދުއްވުގެ ގޮތުގައި އެ ޤައުމުން ގަބޫލު ކުރެއެވެ. އީރާނުގެ ނިއުކްލިޔަރ ހަކަތަ އުފެއްދުމުގެ ޕުރޮގުރާމާ ދެކޮޅަށް މީގެ ކުރިން ވެސް އިސްރާޢީލުން ހަމަލާތައް ދީފައިވެއެވެ.

އިސްފަހާންގައި ދިން ހަމަލާތަކުގެ ކުޑަ ވަގުތުކޮޅެއް ކުރިން އީރާނުގެ ހުޅަނގުއުތުރުގައިވާ އިރުމަތީ އަޒަރުބައިޖާން ޕުރޮވިންސުގައި ބޮޑު އަލިފާނުގެ ހާދިސާއެއް ވެސް ހިނގާފައިވެއެވެ. އަލިފާން ރޯވެފައި ވަނީ ތެޔޮ ސާފުކުރާ ކާރުޚާނާއެއްގައެވެ. އެއީ، އެ ޤައުމުގެ ސިނާޢީ މަސައްކަތްތަކާ ބެހޭ ވުޒާރާއާ ގުޅުންހުރި ކާރުޚާނާއެކެވެ.

އިސްފަހާން ސަރަޙައްދަކީ އީރާނުން ނިއުކްލިޔަރ ހަކަތައިގެ ދާއިރާއިން ދިރާސާތައް ކުރާ ސަރަޙައްދެކެވެ. 2021 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި އެ ޤައުމުން ވަނީ، ޔުރެނިއަމް 60 އިންސައްތައަށް މުއްސަނދިކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ބުނެފައެވެ. މިއީ، ނިއުކްލިޔަރ ބޮމެއް އުފެއްދުމަށް ބޭނުންވާ މިންވަރާ ގާތް ޢަދަދެކެވެ.