ޚަބަރު

އަނޫރާގްގެ ފިލްމުގައި ވިކީ އަކީ ޑީޖޭ އެއް


ޑައިރެކްޓަރު އަނޫރާގް ކަޝަޕްގެ ކުރިއަށް އޮތް ފިލްމު "އޯލްމޯސްޓް ޕިޔާރު ވިތް ޑީޖޭ މުހައްބަތް" ގައި ޑީޖޭ މޮހައްބާތުގެ ކެރެކްޓާ ކުޅެނީ ކާކުކަން ނޭންގިގެން އުޅުމަށްފަހު އެންމެ ފަހުން އެއީ ކާކުކަން އަނޫރާގް ހާމަކޮށްފިއެވެ.

2020 ވަނަ އަހަރު ދެއްކި "ޖަވާނެ ޖާނެ މަން" އިން ބޮލީވުޑަށް ތަޢާރަފްވި ބަތަލާ އަދި އަނޫރާގްގެ ދަރިފުޅު އަލަޔާ އެފް އާއި ކަރަން މެހެތާ ލީޑް ރޯލުން ފެނިގެންދާ މި ފިލްމުގައި ޑީޖޭ މޮހައްބާތު ގެ ކެރެކްޓާ ކުޅޭނީ އެކްޓަރު ވިކީ ކޯޝާލް ކަމަށް އަނޫރާގް މިހާރު ވަނީ ހާމަކޮށްފައެވެ.

މި ކެރެކްޓާ އަކީ ވިކީ މީގެކުރިން ކުޅެފައި ނުވާ ކަހަލަ ކެރެކްޓާއެކެވެ. މިފިލްމަކީ ވިކީ އާއި އަނޫރާގް އެކުގައި މަސައްކަތް ކުރާ 4 ވަނަ ފިލްމެވެ. އަނޫރާގް ޑައިރެކްޓުކޮށްފައިވާ "މަންމަރުޒިޔާން"، "ލަސްޓް ސްޓޯރީޒް" އަދި "ރާމަން ރާގަވް 2.0" ގައި ވިކީ ވަނީ މީގެކުރިން މަސައްކަތްކޮށްފައެވެ.

އަނޫރާގް ބުނިގޮތުގައި ވިކީގެ މި ކެރެކްޓާއަކީ ފިލްމަށް އެންމެ މުހިންމު ކެރެކްޓާއެވެ. އަދި އެ ކެރެކްޓާ ކުޅެން އޭނާ ބޭނުންވީ ޚާއްސަ މީހެއް ކަމަށާއި ޝާހުރުކްހާން ފިޔަވައި ދެން އެ ކެރެކްޓާ ކުޅެވޭނެ މީހަކީ ވިކީ ކަމަށް އަނޫރާގް ބުންޏެވެ.

މި ރޯލާއި ބެހޭ ގޮތުން ވިކީ ބުނީ އާނޫރާގް ފުރަތަމަ ފަހަރަށް މި ކެރެކްޓާގެ ވާހަކަ ދެއްކުމާއެކު މި ރޯލު ކުޅެން އެއްބަސްވެފައިވާ ކަމަށެވެ.

ޑީޖޭ މޮހައްބާތު އާއެކު "އޯލްމޯސްޓް ޕިއާރް" އަކީ ކަރަން މެހެތާގެ ފުރަތަމަ ފިލްމެވެ. މި ފިލްމަކީ ޒަމާނީ ލޯތްބަށް އަނޫރާގް ގެނެސްދޭ ރީތީ ރާގެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ގުޑް ބޭޑް ފިލްމްސް ޕްރޮޑަކްޝަންގެ ދަށުން ޒީ ސްޓޫޑިއޯސް އިން ޕްރޮޑިއުސްކުރާ ކުރާ މި ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހުއެވެ.

ވިކީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި މިއަހަރުގެ ޑިސެމްބަރު މަހު ރިލީޒްކުރަން ތާވަލުކޮށްފައިވާ ފިލްމު "ސޭމް ބާދޫރު" ، "ދަ ގްރޭޓް އިންޑިއަން ފެމިލީ"، "މިސްޓާ ލެލޭ"، "ލޫކާ ޗުޕީ 2"، "ތަހުތު" އަދި " ދަ އިމްމޯޓަލް އަށްވަތަމާ" ހިމެނެއެވެ.

ވިކީ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ ޑިސެމްބަރު 16 ވަނަ ދުވަހު ރިލީޒްކުރި "ގޯވިންދާ ނާމް މެރާ" އިންނެވެ.