ވިޔަފާރި

އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރަން ގެންނަ ފަހު ބޯޓު އަންނަމަހު ލިބޭނެ: މޯލްޑިވިއަން


އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރުމަށް މޯލްޑިވިއަނުން ގެންނަ އެންމެފަހު ބޯޓު އަންނަ މަހުގެ ތެރޭގައި ރާއްޖެއަށް އަންނާނެކަމަށް މޯލްޑިވިއަނުން ބުނެފިއެވެ.

އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރުމަށް މޯލްޑިވިއަނުން އޭޓީއާރުގެ 3 ބޯޓު ގެނައުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ތެރޭގައެވެ. މި ބޯޓުތައް ގެނައުމަށް މޯލްޑިވިއަނުން ނިންމީ އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ ބޯޓުތަކުގެ ފްލީޓް އައުކުރުމަށެވެ.

މޯލްޑިވިއަނުން ގެންނަނީ އޭޓީއާރު 72 މަރުކާގެ 2 ބޯޓާއި، އޭޓީއާރު 42 މަރުކާގެ 1 ބޯޓެވެ. މީގެތެރެއިން އޭޓީއާރު 72 މަރުކާގެ 2 ބޯޓު މިހާރު ރާއްޖެ ގެނެސް ވަނީ ޚިދުމަތުގައި ބޭނުންކުރަން ފަށާފައެވެ. ފުރަތަމަ ބޯޓު ބޭނުންކުރަން ފަށާފައިވަނީ މިމަހުގެ 21 ވަނަ ދުވަހުއެވެ. އަދި އަނެއް ބޯޓު ބޭނުންކުރަން ފެށީ މިމަހުގެ 22 ވަނަ ދުވަހުއެވެ.

މި ބޯޓުތަކަކީ ތެޔޮ ޚަރަދު ކުޑަ އަދި މަރާމަތަށް ކުރަންޖެހޭ ހޭދަ ކުޑަ ބޯތުތަކެކެވެ. މި ބޯޓުތައް މޯލްޑިވިއަންގެ ދަތުރުތަކުގައި މިހާރު ބޭނުންކުރަން ފަށާފައިވާއިރު ލިބޭ ޚިދުމަތް ރަނގަޅުކަމަށް އާންމުން ދަނީ ސޯޝަލް މީޑިއާގައި ބުނަމުންނެވެ.

މޯލްޑިވިއަނުން ބުނީ 3 ބޯޓުގެ ތެރެއިން އެންމެ ފަހު ބޯޓު އަންނަ މަހުގެ ތެރޭގައި ރާއްޖެ އަންނާނެކަމަށެވެ. މި ބޯޓު ރާއްޖެ އަންނާނީ ފްރާންސްގެ ޓުލޫސްއިން ރާއްޖެއަށެވެ.

މޯލްޑިވިއަނުން މިހާރު ވަނީ ބައިނަލްއަޤްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއަރބަސްގެ ބޯޓެއް ހޯދުމަށްވެސް އިޢުލާންކޮށްފައެވެ. މޯލްޑިވިއަންގެ ފްލީޓުގައި މިހާރު 23 އަށްވުރެ ގިނަ ބޯޓު އެބައޮތެވެ. އެއީ ބައިނަލްއަޤްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއަރބަސްގެ ބޯޓުތަކާއި، ސީޕްލޭން ބޯޓުތަކުގެ އިތުރުން އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ ބޯޓުތަކެވެ.