ޚަބަރު

ޑްރަގާއެކު އަންނަ ބިދޭސީން ރާއްޖެ އެތެރެވިޔަ ނުދީ ހިފެހެއްޓޭނެ ޤަވާއިދެއް


ރާއްޖެއަށް އަންނަ ބިދޭސީއެއްގެ ލަގެޖުގައި މަސްތުވާ އެއްޗެއް ހުރިކަމަށް ޝައްކުކުރެވޭ ޙާލަތުގައި އެމީހާ ރާއްޖެއަށް އެތެރެވިޔަ ނުދީ ހިފެހެއްޓުމުގެ ބާރު ކޮންޓްރޯލަރ އޮފް އިމިގްރޭޝަންއަށް ލިބިދޭގޮތަށް "ރާއްޖެއަށް މަސްތުވާތަކެތި އެތެކުރަން އުޅޭކަމަށް ޝައްކުކުރެވޭ ޙާލަތްތަކުގައި އެފަރާތާއި މެދު ޢަމަލުކުރާނެ ގޮތުގެ ގަވާއިދު" ޢާއްމުކޮށްފިއެވެ.

މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ މި ގަވާއިދު ގެޒެޓުގައި ޝާޢިއުކުރާ ދުވަހުން ފެށިގެން 7 ދުވަސް ފަހުންނެވެ.

ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނުގެ ދަށުން ބާރު ލިބިގެން އެކުލަވާލާފައިވާ "ރާއްޖެއަށް މަސްތުވާތަކެތި އެތެކުރަން އުޅޭކަމަށް ޝައްކުކުރެވޭ ޙާލަތްތަކުގައި އެފަރާތާއި މެދު ޢަމަލުކުރާނެ ގޮތުގެ ގަވާއިދު"ގެ ދަށުން 3 ޙާލަތެއްގައި ރާއްޖެއަށް އަންނަ ބިދޭސީން އެތެރެވިޔަ ނުދީ ހިފެހެއްޓުމުގެ ބާރު ކޮންޓްރޯލަރ އޮފް އިމިގްރޭޝަންއަށް ލިބިގެންވެއެވެ.

ބިދޭސީއެއް ރާއްޖެ އެތެރެވިޔަ ނުދީ ހިފެހެއްޓޭނެ ޙާލަތު

* ބިދޭސީއަކު މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމުގެ އިންޓެލިޖެންސް މަޢުލޫމާތު ދިވެހި ފުލުހުންނަށް ނުވަތަ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ލިބިފައިވުން.

* އެމީހާގެ ލަގެޖުގައި މަސްތުވާ އެއްޗެއް ހުރިކަމަށް ޝައްކުކުރެވުން.

* އެމީހާއަކީ މަސްތުވާތަކެތި ޓްރެފިކް ކުރުމަށްޓަކައި ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ރާއްޖެއަށް އަންނަ މީހެއްކަމުގެ އިންޓެލިޖެންސް މަޢުލޫމާތު ލިބިފައިވުން.

މިޙާލަތްތަކުގައި އެމީހަކު އެތެރެވިޔަ ނުދީ ހިފެހެއްޓުމުގެ ބާރު ލިބިދީފައިވީނަމަވެސް، ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާގެމަތިން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ނެޓްވޯކެއް އަތުލައިގަތުމަށް ކުރިއަށްގެންދާ އޮޕަރޭޝަންތަކުގައި އެއްބާރުލުން ދޭން އެއްބަސްވާ ޙާލަތުގައި އެތެރެވުމުގެ ހުއްދަ ކަމާއި ބެހޭ ފަރާތްތަކުން ނިންމާ ގޮތެއްގެ މަތިން ލިބިދެއެވެ.

އަދި މަސްތުވާތެކެތީގެ ވިޔަފާރި ހުއްޓުވުމަށް ކަމާއި ބެހޭ މުއައްސަސާތަކުން ކުރާ މަސައްކަތުގައި އެއްބާރުލުންދޭން އެއްބަސްވާ ޙާލަތްތަކުގައިވެސް އެކަށީގެންވާ މަސައްކަތްތައް އެފަރާތްތަކާއި ގުޅިގެން ކުރެވިދާނެކަމަށް ފެންނަ ޙާލަތުގައި ރާއްޖެއަށް އެރެރެވުމުގެ ފުރުސަތު އެފަދަ ބިދޭސީންނަށް މިގަވައިދުގެ ދަށުން ދިނުމުގެ ބާރު ކޮންޓްރޯލަރ އޮފް އިމިގްރޭޝަނަށް ލިބިގެންވެއެވެ.

މިޙާލަތުގައި ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ދެވޭ ބިދޭސީން ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖެއްސުމަކީ ދިވެހި ފުލުހުންގެ ޒިންމާއެއްކަމަށް ގަވާއިދުގައިވަނީ ބަޔާންކޮށްފައެވެ. އަދި އެފަރާތްތައް ރާއްޖެއިން ފޮނުވާލުމުގެ ހުރިހާ އިންތިޒާމެއް ހަމަޖެއްސުމަކީ މޯލްޑިވްސް އިމިގްރޭޝަންގެ ޒިންމާއެކެވެ.

މިގަވާއިދުގެ ދަށުން ލަގެޖުގައި ނުވަތަ ހަށިގަނޑުގެ ތަނެއްގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމުގެ އިންޓެލިޖެންސް ކަމާއި ބެހޭ ފަރާތްތަކަށް ލިބިއްޖެ ޙާލަތުގައި ޢަމަލުކުރާނެ ގޮތްވެސް ވަނީ ތަފްސީލުކޮށް ބަޔާންކޮށްދީފައެވެ. އަދި ގަވާއިދު ގެޒެޓުގައި ޝާޢިއުކުރާ ދުވަހުން ފެށިގެން 7 ދުވަހުގެ ތެރޭގައި ގަވާއިދު ބަޔާންކުރާ ތަންފީޒީ އިދާރާތަކުގެ މެދުގައި ފޯކަލް ޕޮއިންޓުތަކެއް ކަނޑައަޅައި އިދާރާތަކަށް އަންގައި އެމަޢުލޫމާތު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި، އިދާރާތަކުގެ ބެލެނިވެރި މުއައްސަސާތަކާއިވެސް ހިއްސާކުރަންޖެހެއެވެ.

ވައިގެމަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ޝައްކުކުރެވޭ ޙާލަތްތަކުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު ޢާއްމުކޮށްފައި މިވަނީ ރާއްޖެއަށް، ޕާކިސްތާނުން އައި މީހެއްގެ ލަގެޖުގައި ހުރި 30 ކިލޯގެ މަސްތުވާތަކެތި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުންވަނީ ވީނުވީއެއް ނޭނގި މިމަހު ގެއްލިފައިވާ ދަނޑިވަޅެއްގައެވެ.