އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރެއްވުމަށްފަހު، އަނެއްކާވެސް އެމްޑީޕީ ވެރިކަމެއް އަންނަ ސެޕްޓެމްބަރު މަހު ރައްޔިތުންނަށް ފެންނާނެކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެޕާޓީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ނިންމެވުމަށް އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ، ހޮނިހިރު ދުވަހު އޮންނަ ޕްރައިމަރީ އެމަނިކުފާނު ކާމިޔާބުކުރައްވާނެކަމަށެވެ. ޖަލްސާއަށް ވަޑައިގެން ތިއްބެވި މެންބަރުންނަށް އިޝާރާތްކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، އަސްލު އެމްޑީޕީ ތެދުވެއްޖެކަމަށެވެ.
މި ޖަލްސާގައި ރައީސް ނަޝީދު ވަނީ ގިނަ ވަޢުދުތަކެއް ވެވަޑައިގެންފައެވެ. އޭގެ ތެރޭގައި ޓެކުހާއި، މަސްވެރިކަމާއި ތަޢުލީމީދާއިރާއަށް ވަޢުދުތަކެއް ވެވަޑައިގެންނެވިއެވެ.
މިސަރުކާރަށް ފާޑުވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒްކުރެވޭނީ އިއްތިހާދަކާ ނުލައި އަންނަ ވެރިކަމެއްގައިކަމަށެވެ. އިއްތިހާދުގެ ވެރިކަމަކީ އެޕާޓީގެ މެންބަރުން ކަންބޮޑުވާކަމެއްކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު މިހެން ވިދާޅުވިއިރު 2008 ވަނަ އަހަރު އެމަނިކުފާނު ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވީ ގިނަ ޕާޓީތަކާއެކު އިއްތިހާދެއް ހަދައިގެންނެވެ.
"ރާއްޖެ މިވަނީ ބަދަލުވެފައި. މިއީ މާކުރިން ފެށި ދަތުރެއް. ގޮންޖެހުން ގިނަ ދަތުރެއް. އަނެއްކާވެސް މިދަނީ ކާމިޔާބަށް. ހޮނިހިރު ދުވަހު ނަގާ ވޯޓުން އަޅުގަނޑުމެން މޮޅުވާނެކަން އެއްވެސް މީހަކު ޝައްކެއްނުކުރާނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ޕްރައިމަރީ ކާމިޔާބުކުރައްވަނީ އަލުން އެމްޑީޕީ ހޯދުމަށްކަމަށެވެ.
ހޮނިހިރު ދުވަހު އޮންނަ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ އެމްޑީޕީގެ އެންމެ އިސްލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދެވެ. އިންތިޚާބުގެ ވަގުތު ކުޑަތަންވަމުން އަންނައިރު ދެ ކެންޑިޑޭޓުންގެ ކެޕްމެއިން ޓީމުތަކުން ގެންދަނީ އެއްބަޔަކު އަނެއް ބަޔަކަށް ބަހުގެ ހަމަލާތައް ރައްދުކުރަމުންނެވެ.