ކުޅިވަރު

ލީގުގެ ދެވަނަ ޓީމްގެ އަމާޒު ގަދަ ހަތަރަކަށް! ކީއްވެ؟


މިދިޔަ ސީޒަންގައި ފުރަތަމަ ޑިވިޝަންގައި ވާދަކުރަން ފެށި ޓީސީ ސްޕޯރޓްސް ކްލަބް ވަނީ ފުރަތަމަ ސީޒަންގައި އާދަޔާ ޚިލާފް ރަނގަޅު ނަތީޖާތަކެއް ނެރެފައެވެ. ޕްރެޒިޑެންޓްކަޕް ސެމީފައިނަލަށް ދަތުރުކޮށް، ސެމީގައި ޗެމްޕިއަން މާޒިޔާ އަތުން ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ. ލީގުގައި މާޒިޔާއާއި އީގަލްސް ފަހަތަށް ޖައްސާލައި ދެވަނަ ހޯދިއެވެ. މިކާމިޔާބީ ހޯދިއިރު ސްކޮޑްގައި ރާއްޖޭގެ އެންމެ ޓޮޕް ލެވެލް ނުވަތަ ޤައުމީ ސްކޮޑްގެ ކުޅުންތެރިންތަކެއް ނެތެވެ. ޤައުމީ ޓީމްގެ ދެވަނަ ކީޕަރުގެ ގޮތުގައި ކުރިން ހުރި މުޙައްމަދު އިމްރާން ފިޔަވައި، ޤައުމީ ސްކޮޑްގައި ދެން ޓީސީން ހިމެނޭ ކުޅުންތެރިންނަކީ މިދިޔަ ސީޒަންގައި އެކްލަބްގައި ދެއްކި ކުޅުމާއި ގުޅިގެން ސްކޮޑުން ޖާގަ ލިބުނު ކުޅުންތެރިންނެވެ. ދެން ތިބީ ކުރިއަށް އޮތް ސީޒަނަށް ޓީސީއަށް ގެންދިޔަ ޤައުމީ ޓީމްގެ ކުޅުންތެރިންނެވެ. ޓީސީ މިދިޔަ ސީޒަންގައި ދެވަނަ ހޯދިއިރު އެމީހުންގެ އަމާޒަކަށް ކަނޑައަޅާފައި އޮތީ ގަދަ ހައެއްގެ ޖާގައެއް ހޯދުން ނުވަތަ ޕްލޭ އޮފް ނުކުޅެ ފުރަތަމަ ޑިވިޝަންގައި ދެމިއޮތުމެވެ. ސީޒަންގެ މެދުތެރެއިން ލީގަށާއި، ޕްރެޒިޑެންޓްކަޕަށް ވާދަކުރީ ބޯނަސްއެއްގެ ގޮތުގައިކަމަށް އޭރުވެސް ޓީސީގެ ކޯޗު މުޙައްމަދު ނިޒާމް ބުންޏެވެ. އޭރު ސުވާލެއް ނުއުފެދުނަސް މިއަދު އުފެދޭ ސުވާލަކީ ލީގުގެ ދެވަނަ ހޯދި ޓީމް އިތުރަށް ވަރުގަދަކޮށް އާސީޒަނާއި ކުރިމަތިލާއިރު، ލީގުގެ ޗެމްޕިއަންކަމަށް ނުވިސްނާ ގަދަ ހަތަރަކަށް ވިސްނަނީ ކީއްވެތޯއެވެ؟ ކޯޗު މުޙައްމަދު ނިޒާމް ބުނީ މެނޭޖްމަންޓުން އޭނާއަށް ހަވާލުކޮށްފައިވާ ޒިންމާއަކީ ގަދަ ހަތަރެއްގެ ޖާގައެއް ހޯދުންކަމަށެވެ. ސަބަބަކީ ޓީސީން ދުރު މުސްތަޤްބަލަށް ވިސްނާތީކަމަށާއި، ދެއަހަރެއްވަރު ފުރަތަމަ ޑިވިޝަންގައި ކުޅެ، ހުއްޓާލަން ބޭނުންނުވާކަމަށެވެ. " ހަޤީޤަތުގައި ޓީސީއަކީ މިލެވެލްއަށް އަދި އެންމެ އާ ޓީމް. ދެވަނަ އަހަރަށް ނިކުންނައިރު ހަޤީޤަތަކީ ތައްޓަށް ވާދަކުރާކަށް، އެފެންވަރަކަށްނޫން ޓީސީން ބަޖެޓްކޮށްފައިވަނީ، ތައްޔާރުވަމުން އަންނަނީވެސް. ކުރުކޮށް ނިންމާލުމުގެ ބަދަލުގައި ތަންކޮޅެއް ދިގުކޮށް ވިސްނަމުން މިއަންނަނީ. މިލެވެލްގައި ތަންކޮޅެއް ގިނަދުވަހު ބޯޅަކުޅެ ހިފަހައްޓާލެވޭތޯ! އަހަރެއް ދެއަހަރެއްގެ ތެރޭގައި ތައްޓަށް، ބޮޑު ސްކޮޑެއް ގޮވައިގެން، ބައިވަރު ކުޅުންތެރިންނަށް ބޮޑު ޚަރަދެއްކޮށްފަ ނިކުމެ ފައިބައިގެން ދިއުމުގެ ބަދަލުގައި މިބަލަނީ ތަންކޮޅެއް ގިނަ ދުވަހު ސަސްޓެއިން ކުރެވޭތޯ! " ކޯޗު ނިޒާމް ބުންޏެވެ.އަމާޒަށް ވާޞިލްވުމަށް ދުރުރާސްތާ ވިސްނުންތަކެއްގެ ތެރެއިން މަސައްކަތްކުރާއިރު މިސީޒަންގައި ޓީސީގައި އޮތީ މިދިޔައަހަރަށްވުރެ ވަރުގަދަ ސްކޮޑެކެވެ. މިދިޔަ އަހަރުގެ ސްކޮޑުން ގެއްލުނީ މުޙިންމު އެންމެ ކުޅުންތެރިއެކެވެ. އޭގެ ބަދަލުގައި ޤައުމީ ޓީމްގެ މުޙިންމު ދެ ކުޅުންތެރިންކަމަށްވާ އަހުމަދު އަބުދުﷲއާއި، އަލީ ފާސިރު ވަނީ ޓީމާއި ގުޅިފައެވެ. އަދި ކުޅުމާއި ދުރުގައި ހުރި ރާއްޖޭގައި އުފެދުނު އެންމެ އުފެއްދުންތެރި މިޑްފީލްޑަރކަމަށް ގިނަބަޔަކު މިއަދުވެސް ދެކޭ ޝަމްވީލް ޤާސިމް ވަނީ ޓީސީއާއި ގުޅިފައެވެ. ކޯޗު ނިޒާމް ބުނީ ޓީސީގައި އޮތީ ރަނގަޅު ސްކޮޑެއްކަމަށާއި، އެންމެ ބޮޑު ހިތްހަމަޖެހުމަކީ މޮބައިލް ކުޅުންތެރިންތަކެއް ތިބުންކަމަށެވެ." ކުޅުންތެރިން ހޯދިއިރު މިސީޒަންގައި ފުދޭވަރަކަށް އޮޕްޝަން ގިނަ ކުޅުންތެރިން، އެއް މަޤާމަށްވުރެ ގިނަ މަޤާމަށް ކުޅެވޭ ކުޅުންތެރިން ތިބީމަ އެންމެ ބޮޑު ހިތްހަމަޖެހުމަކީ. ކުޅުންތެރިން ހޯދުމުގައި އެންމެ އިސްކަންދިނީވެސް އެކަމަށް. އެއީ ވަރަށްބޮޑު އެޑްވާންޓޭޖެއް. " ނިޒާމް ބުންޏެވެ.މިހާރު އޮތް ސްކޮޑަށް އިތުރު ބިދޭސީ ކުޅުންތެރިންތަކެއް ގެނައުމުގެ ވިސްނުމެއްވެސް މިވަގުތު ޓީސީގައި ނެތެވެ. ނަމަވެސް މެޗުތަކެއް ކުޅުމަށްފަހު ކޮންމެހެން ބިދޭސީ ކުޅުންތެރިއަކު ބޭނުންވާ މަޤާމެއް ފާހަގަކުރެއްވިއްޖެނަމަ ގެންނާނެކަމަށް ޓީސީން ބުނެއެވެ. އަދި ގަދަ ހަތަރަކަށް އަމާޒު އޮތް ނަމަވެސް މިހާރު އޮތް ސްކޮޑާއެކު ލީގަށްވެސް ވާދަކުރެވޭނެކަމަށް ކޯޗު ޤަބޫލުކުރެއެވެ. މިދިޔަ އަހަރާއި އެއްގޮތަށް މިއަހަރުވެސް ސީޒަންގެ މެދުތެރެއިން ސީދާ ލީގަށް ވާދަކުރުމުގެ ވިސްނުމަށް ހިނގައިދާނެކަމަށްވެސް ނިޒާމް ބުންޏެވެ. ޔަޤީނުންވެސް މިއަހަރުވެސް ޓީސީ ވެގެންދާނީ ވާދަވެރި ވަރުގަދަ އެއް ޓީމަށެވެ.