ޚަބަރު

ކްރިސް ހިޕްކިންސް ނިއު ޒިލެންޑުގެ ބޮޑުވަޒީރު ކަމުގެ މަޤާމާ ހަވާލުވެ ވަޑައިގަންނަވައިފި


ނިއު ޒިލެންޑުގެ ވެރިކަން ކުރާ ލޭބަރ ޕާޓީގެ އައު ލީޑަރު ކްރިސް ހިޕްކިންސް، އެ ޤައުމުގެ ބޮޑުވަޒީރު ކަމުގެ މަޤާމުގެ ހުވާ ކުރައްވައި، އެ މަސްއޫލިއްޔަތުތަކާ ރަސްމީކޮށް ހަވާލުވެ ވަޑައިގަންނަވައިފިއެވެ. ނިއު ޒިލެންޑުގެ ބޮޑު ވަޒީރު ކަމުގެ މަޤާމަށް އައު ބޭފުޅަކު ޢައްޔަންކޮށްފައި މި ވަނީ، އެ މަޤާމުގައި ހުންނެވި ޖަސިންޑާ އާޑަރން އެ މަޤާމުން އިސްތިޢުފާ ދެއްވުމާ ގުޅިގެންނެވެ.

ބޮޑުވަޒީރު ކަމުގެ މަޤާމުން އިސްތިޢުފާދެއްވާނެ ކަން އާޑަރން އިޢުލާނު ކުރައްވާފައި ވަނީ ޖަނަވަރީ 14 ވަނަ ދުވަހުއެވެ. އޭނާ ބޮޑުވަޒީރު ކަމުގެ މަޤާމާ ހަވާލުވެ ވަޑައިގަތީ 2017 ވަނަ އަހަރުއެވެ. އެއަށް ފަހު ލޭބަރ ޕާޓީން ވަނީ، ޕާޓީގެ އައު ލީޑަރެއް ޢައްޔަންކުރުމުގެ މަސައްކަތް ފަށާފައެވެ. އަދި، ބޮޑުވަޒީރު ކަމުގެ މަޤާމަށް ކުރިމަތިލައްވާފައިވާ ހަމައެކަނި ބޭފުޅަކީ ހިޕްކިންސްއެވެ.

ބޮޑުވަޒީރު ކަމުގެ މަޤާމުގެ ހައިސިއްޔަތުން ޖަސިންޑާ އެންމެ ފަހުން ކުރައްވާފައިވާ ކަމަކީ، ޤާނޫނު ހަދާ މަޖިލީހުގެ ބައްދަލުވުމެއްގައި ފަހު ފަހަރަށް ސަރުކާރު ތަމްސީލު ކުރެއްވުމެވެ. މަޖިލީހުގެ ޖަލްސާއަށް ފަހު އޭނާ ބޭރަށް ނިކުމެ ވަޑައިގަތުމުން، އޭނާއަށް ތާޢީދުކުރާ ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް މަރުޙަބާ ކިޔާފައެވެ.

ބޮޑުވަޒީރު ކަމުގެ މަޤާމުން އިސްތިޢުފާ ދެއްވަން ނިންމެވީ، އެ މަޤާމުގެ ޒިންމާތައް އުފުލުމުގެ ހިތްވަރު އިތުރަށް ނެތުމުން ކަމުގައި ޖަސިންޑާ ވިދާޅުވިއެވެ. އަދި، އޭނާގެ ޕާޓީއަށް އޮތް ތާޢީދު ވެސް ފަހަކަށް އައިސް ވަނީ ނެތެން ފަށާފައެވެ. ސަބަބުތަކުގެ ތެރޭގައި ތަކެތީގެ އަގުތައް އުފުލުމާއި، އިޤުތިޞާދު ހީނަރުވުމުގެ އިތުރުން އިދިކޮޅު ކޮންޒަރވެޓިވް ޕާޓީއަށް އޮތް ތާޢީދު އިތުރުވުން ހިމެނެއެވެ.

44 އަހަރުގެ ހިޕްކިންސް ބޮޑުވަޒީރު ކަމުގެ މަޤާމުގެ ހުވާ ކުރައްވާފައި ވަނީ ވެރިރަށް ވެލިންގްޓަންގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. "މިއީ އަޅުގަނޑުގެ މުޅި ހަޔާތުގައި ވެސް ހަވާލުވާ އެންމެ މަތީ އަދި އެންމެ ބޮޑު ޒިންމާ. އަދި، މިއީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ފަޚުރެއް. މި ޒިންމާތަކާ އަޅުގަނޑު މި ކުރިމަތިލަނީ ޖޯޝާ އެކު ކެރިގެން،" ހިޕްކިންސް ވިދާޅުވިއެވެ.

ހިޕްކިންސް ތަޢުލީމު ހާސިލު ކުރައްވާފައި ވަނީ ސިޔާސީ އަދި ކްރިމިނޮލޮޖީގެ ދާއިރާއިންނެވެ. އޭނާއަކީ ރައްޔިތުންގެ މެދުގައި މަޤުބޫލު ބޭފުޅެކެވެ. މި މަޤުބޫލުކަން އޭނާ ހޯއްދެވީ، ކޮވިޑް-19ގެ ބަލިމަޑުކަން ފެށުމާ އެކު، ބައްޔަށް އިޖާބަދިނުމާއި، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރަމުންދިޔަ މަސައްކަތްތަކުގައި އެންމެ އިސްކޮށް އަދާކުރެއްވި ދައުރުންނެވެ.

ނިއު ޒިލެންޑުގެ ސިޔާސީ މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރާ ގޮތުގައި ހިޕްކިންސްއަކީ މީހުންނާ ގުޅޭ، ޙިކުމަތްތެރި، ބުއްދިވެރި، އަދި ކަންކަމާ ކެރިގެން ކުރިމަތިލައްވަން ކެރިވަޑައިގަންނަވާ ބޭފުޅެކެވެ. ނިއު ޒިލެންޑުގެ ފުލުހުންނާ ބެހޭ ވުޒާރާއާ އޭނާ ހަވާލުވެ ވަޑައިގެންނެވީ 2022 ޖޫން މަހުއެވެ. އަދި، ފުލުހުންގެ ޚިދުމަތް ފުޅާކޮށް، ކުށް މަދުކުރުމަށް އޭނާ ވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

އޭގެ ކުރިން އޭނާ ވަނީ ތަޢުލީމާ ބެހޭ ވަޒީރުގެ މަޤާމާއި، ޢާންމު ޚިދުމަތްތަކާ ބެހޭ ވަޒީރުގެ މަޤާމު ވެސް ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ފުރުއްވާފައެވެ. އޭނާއަކީ ލޭބަރ ޕާޓީގެ ގިނަ މެންބަރުންގެ ތާޢީދު ވެސް އޮތް ވަޒީރެކެވެ. ޤާނޫނު ހަދާ މަޖިލީހަށް އޭނާ އިންތިޚާބުވެ ވަޑައިގަތީ 2008 ވަނަ އަހަރުއެވެ. އޭގެ ކުރިން އޭނާވަނީ ތަޢުލީމާ ބެހޭ ވަޒީރުގެ އިސް މުޝީރެއްގެ ގޮތުންނާއި، ކުރީގެ ބޮޑުވަޒީރު ހެލެން ކްލާކްގެ އިސް މުޝީރެއްގެ ގޮތުން ވެސް މަސައްކަތް ކުރައްވާފައެވެ.