ޚަބަރު

އެންމެ ގިނައިން ވާރޭ ވެހުނީ މާލެ އާއި ފުނަދޫއަށް


މިހާރު ރާޢްޖެއަށް ކުރަމުންދާ ވިއްސާރާގައި އިއްޔެ އެންމެ ގިނައިން ވާރޭ ވެހުނީ ވެރިރަށް މާލެއަށްކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. އިއްޔެ މާލެއަށް 62.5 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް އެއިދާރާގެ ރެކޯޑްތަކުން ދައްކައެވެ.

މާލެއަށް ފަހު ދެން އެންމެ ގިނައިން ވާރޭ ވެހުނީ ށ. ފުނަދޫ އަށެވެ. އެރަށަށް 59.5 މިލިމީޓަރުގެ ވާރޭވަނީ ވެހިފައެވެ. 3 ވަނައަށް އެންމެ ގިނައިން ވާރޭ ވެހުނު ހުޅުލެއަށްް 58.9 މިލިމީޓަރުގެ ވާރޭވަނީ ވެހިފައެވެ. މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހިފައިވަނީ މެދު ރާއްޖެތެރޭގައި ރަށްތަކަށެވެ. މީގެއިތުރުން އުތުރުން ށ އަތޮޅު ކޮމަންޑޫއަށްވެސް ގިނަ އަދަދަކަށް ވާރޭވެހިފައިވާކަން މެޓް އޮފީހުގެ ރެކޯޑްތަކުން ދައްކައެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ރާއްޖެ ސަރަޙައްދުގައި އުފެދިފައިވާ ސަރކިއުލޭޝަންއެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއްކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ވިދާޅުވެފައެވެ. އެއިދާރާއިން ވިދާޅުވީ، މިއީ ހޯމަ ދުވަހު ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ސަރކިއުލޭޝަންއެއްކަމަށެވެ.

ސަރކިއުލޭޝަންއަކީ ވަކި ސަރަޙައްދެއްގެ ޕްރެޝަރ ދަށްވުމުގެ ސަބަބުން އެސަރަޙައްދަކަށް ގިނަ ވިއްސާރަ ވިލާތަކެއް ޖަމާވުމަށް ކިޔާނަމެކެވެ. މެޓު އޮފީހުން ވިދާޅުވީ، މިސަރކިއުލޭޝަންގެ ބާރު މިހާރު ދަށްވެފައިވާކަމަށެވެ.

މުޅި ރާއްޖޭގެ މިއަދުގެ މޫސުމަށް ބަލާއިރު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މެޓް އޮފީހުންް ވިދާޅުވެއެވެ. އުތުރާއި އިރުއުތުރުން ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ. އަދި ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެކަމަށްވެސް އެ އޮފީހުން ވިދާޅުވެއެވެ.

ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައެވެ.