ކުޅިވަރު

އޮސްޓްރޭލިއަން އޯޕަން: ލެހެޗްކާ ބަލިކޮށް ސިޓްސިޕާސް ސެމީއަށް


އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ސެމީ ފައިނަލުން ގްރީސްގެ ސްޓެފަނޯސް ސިޓްސިޕާސް ޖާގަ ހޯދައިފިއެވެ.

މިމުބާރާތުގެ ސެމީފައިނަލުން ސިޓްސިޕާސް ޖާގަހޯދީ ޗެކްރިޕަބްލިކްގެ ޔީރީ ލެހެޗްކާ ސީދާ ތިން ސެޓުން ބަލިކުރުމަށްފަހުއެވެ.

މިމެޗްގެ ސެޓްތައް ސިޓްސިޕާސް ކާމިޔާބުކޮށްފައިވަނީ ހައެއް ތިނެއް، ހަތެއް ހައެއް އަދި ހައެއް ހަތަރަކުންނެވެ. މިމުބާރާތުގައި ތިންވަނައަށް ސީޑް ކުރެވިފައިވާ ސިޓްސިޕާސް މިއީ ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި މިމުބާރާތުގެ ސެމީފައިނަލުން ޖާގަހޯދި ހަތަރު ވަނަ ފަހަރެވެ. މިމުބަރާތުގެ ސެމީފައިނަލްގައި ސިޓްސިޕާސް ބައްދަލުކުރާނީ ރަޝިއާގެ ކަރެން ހަޗަނޯފް އާއެވެ.

މިމުބާރާތުގެ ސެމީފައިނަލުން ހަޗަނޯފް ޖާގަހޯދީ ކްއާޓަރ ފައިނަލްގައި ސެބަސްޓިއަން ކޯޑާ އާއި ބައްދަލުކުރިމެޗްގެ ތިންވަނަ ސެޓް ކުރިއަށް ދަނިކޮށް ކޯޑާއަށް އަނިޔާވެ މެޗް ހުއްޓާލަން ޖެހުމުންނެވެ. އެއިރު ފުރަތަމަ ދެސެޓް ކާމިޔާބުކޮށްފައިއޮތީ ހަޗަނޯފްއެެވެ. އެއީ ހަތެއް ހައެއް އަދި ހައެއް ތިނަކުންނެވެ. އަދި ތިންވަނަ ސެޓްގައިވެސް ތިނެއް ސުމަކުން ކުރީގައި އޮތީ ހަޗަނޯފްއެވެ.