ކުޅިވަރު

ގޯޑަން ހޯދުމަށް ޗެލްސީ އާއި ނިއުކާސަލުން މަސައްކަތްކުރަނީ


އިނގިރޭސި ޕްރިމިއާ ލީގުގެ އެވަޓަންއަށް ކުޅެމުން އަންނަ ޒުވާން ފޯވާޑް އެންތަނީ ގޯޑަން ހޯދުމަށް ޗެލްސީ އާއި ނިއުކާސަލް ޔުނައިޓެޑުން މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އެދެ ކްލަބުންވެސް ވަނީ މިފަހަރުގެ ސީޒަން ފެށުމުގެ ކުރިންވެސް ގޯޑަން ހޯދުމަށް މަސައްކަތް ކޮށްފައެވެ.

އެދެ ކްލަބަށް ސީޒަން ފެށުމުގެ ކުރިން ގޯޑަންގެ ސޮއި ނުހޯދުނީ އެވަޓަން އާއެކު ޓްރާންސްފަރ ފީއަކަށް އެއްބަސް ނުވެވުމުންނެވެ. ނަމަވެސް މިހާރު އެވަޓަންއިން އެ ޓްރާންސްފަރއަށް އެއްބަސްވެދާނެ ކަމަށް ގިނަ ބަޔަކު އަންނަނީ ހާމަކުރަމުންނެވެ. މީގެ އެންމެ ބޮޑު އެއް ސަބަބަކަށް ވެފައިވަނީ އެވަޓަންއަށް އައު ކޯޗެއް ހޯދުމަށް ހިނގާނެ ހަރަދުތަށް ހަމަޖެއްސުމަށްކަމަށް ވެއެވެ.

އެވަޓަންއިން ގޯޑަން ވިއްކާލަން ހުށަހަޅާ އަގަކީ 60 މިލިއަން ޕައުންޑް ކަމަށް ވީ ނަމަވެސް އެ އަގަށް ޗެލްސީ އާއި ނިއުކާސްލްއިން ވަނީ ކުރިން އެއްބަސްވުމަކަށް ނާދެވިފައެވެ. އަދި އެއަގު މިހާރު ތިރިވުން ގާތް ކަމަށް ވަނީ ބެލެވިފައެވެ. އެހެންކަމުން އެ ދެކްލަބުންވެސް ވަނީ ގޯޑަން ހޯދުމަށް ކުރަމުންދާ މަސައްކަތަށް އިތުރު އިސްކަމެއް ދީފައެވެ.

ޗެލްސީއިންވަނީ ގޯޑަން ސޮއިކުރުމަށްފަހު މިސީޒަން ނިމެންދެން ލޯނެއްގެ ދަށުން އެވަޓަންގައި މަޑުކުރުމުގެ ފުރުސަތުވެސް ހުޅުވާލާފައެވެ. ނަމަވެސް ބުނެވޭގޮތުގައި ގޯޑަން ސޮއި ކުރުމުގެ ފުރުސަތު އެންމެ ބޮޑީ ނިއުކާސްލްއަށެވެ. އެވަޓަންގެ ކުރީގެ ކޯޗް ފްރޭންކް ލަމްޕާޑް އެންމެފަހުން ކޯޗްކޮށްދިން މެޗު ކަމަށްވާ ވެސްޓް ހޭމް ޔުނައިޓެޑާއި އެކު ކުޅެ ބަލިވި މެޗްގައި ގޯޑަންގެ ބޭނުން ކޮށްފައެއް ނުވެއެވެ.