ކުޅިވަރު

ތޮއްޑޫ ބެޑްމިންޓަން ކޯޓު ތަރައްގީކުރުމުގެ މަސައްކަތް ހަވާލުކޮށްފި


އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ބެޑްމިންޓަން ކޯޓު ތަރައްގީކުރުމުގެ މަސައްކަތް ކޮންޓްރެކްޓަރާ ހަވާލުކޮށްފިއެވެ.

ކުޅިވަރާ ބެހޭ ވުޒާރާއިން ތޮއްޑޫ ބެޑްމިންޓަން ކޯޓު ތަރައްގީކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސިއާކް ޕްރައިވެޓް ލިމިޓެޑާއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އަންގާރަ ދުވަހުގެ ވަގުތެއްގައެވެ.

މި އެއްބަސްވުމުގައިވާ ގޮތުން 120 ދުވަހުގެ ތެރޭގައި ބެޑްމިންޓަން ކޯޓުގެ މަސައްކަތް ނިންމަންޖެހެއެވެ. އަދި މި މަސައްކަތް ސިއާކް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ 4.99 މިލިޔަން ރުފިޔާގެ އަގަކަށެވެ.

މި އެއްބަސްވުމުގައި ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެގްޒެކްޓިވް ޑިރެކްޓަރު ޙައްވާ ނިހްލާއެވެ. އަދި ސިއާކް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ސިރާޖެވެ.

ކުޅިވަރާ ބެހޭ ވުޒާރާއިން ތޮއްޑޫ ބެޑްމިންޓަން ކޯޓު ތަރައްގީކުރުމުގެ މަސައްކަތް ހަވާލުކުރިއިރު، އެ ވުޒާރާއިން އަންނަނީ ރާއްޖެތެރޭގަ ރަށްރަށުގައި ގިނަ އަދަދެއްގެ ބެޑްމިންޓަން ކޯޓުތައް ތަރައްގީކުރުމަށް މަސައްކަތްކުރަމުންނެވެ.

ކުޅިވަރާ ބެހޭ ވުޒާރާ އާއި ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ބެޑްމިންޓަން ކޯޓުތައް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، ބެޑްމިންޓަން އެސޯސިއޭޝަނުގެ ރައީސް މޫސާ ނާޝިދު ވަނީ ކުޅިވަރު ލާމަރުކަޒުކޮށް ކުޅިވަރު ކުޅެވޭނެ ޚަރުދަނާ ނިޒާމެއް ގާއިމުކުރެއްވުމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފު ކުރައްވަމުންދާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މިއީ ދުރުރާސްތާގައި ބެޑްމިންޓަން ފެޑެރޭޝަނެއް ގާއިމުކުރުމަށް މަގުފަހި ވެގެންދާނެކަމަށްވެސް ބެޑްމިންޓަން އެސޯސިއޭޝަނުގެ ރައީސް ވަނީ ވިދާޅުވެފައެވެ.