ޚަބަރު

ޖަލުގައި ހިންގި ލާއިންސާނީ އަމަލުތައް ބަލަން ބައެއް ޤައިދީންނާއި ބައްދަލުކޮށްފި


ރާއްޖޭގެ ޖަލުތަކުގައި ލާއިންސާނީ ދަށު ދަރަޖައިގެ ޢަމަލުތައް ހިންގާ އަނިޔާތައް ކޮށްފައިވާކަމަށް ބުނެ ހުށައަޅާފައިވާ މައްސަލަތަކާއި ގުޅިގެން އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ ހިންގާ ތަހުޤީގަށް ބަޔާންދޭން ނަން ނޯޓްކޮށްފައިވާ މީހުންނާއި އެ އޮފީހުން ބައްދަލުކޮށްފިއެވެ.

އެ އޮފީހުން ވިދާޅުވީ ޖަލުތަކުގައި ހިންގާފައިވާކަމަށް ބުނާ ލާ އިންސާނީ އަމަލުތަކާއި އަނިޔާތަކާއި ގުޅޭ މައްސަލައިގެ އަޑުއެހުންތައް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވަނީ އާއްމުކޮށް ހުޅުވާނުލާކަމަށެވެ. އެ އިދާރާއިން ބުނީ މިމަހުގެ 20 ވަނަދުވަހު އެ އޮފީހުގެ ޓީމެއް މާފުށީ ޖަލަށް ޒިޔާރަތްކޮށް މި އަޑުއެހުންތަކުގައި ބަޔާންދިނުމަށް ނަން ނޯޓުކުރި މީހުންގެ ތެރެއިން ޝޯޓްލިސްޓްކުރެވިފައިވާ މީހުންނާއި ބައްދަލުކޮށްފައިވާކަމަށެވެ. މި ދަތުރުގައި 26 މީހަކާއި ބައްދަލުކޮށްފައިވާކަމަށް އިންތިޤާލީ އިންސާފުގެ އޮފީހުން ވިދާޅުވެއެވެ.

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ވިދާޅުވީ މި ބައްދަލުވުންތަކުގެ ބޭނުމަކީ ޢާންމުކޮށް ހުޅުވާނުލައި ކުރިއަށްގެންދާ އަޑުއެހުންތަކާއި ގުޅޭ މައުލޫމާތު އެ މީހުންނަށް ދިނުމާއި އެ މީހުންގެ ޙާލަތު ބެލުންކަމަށެވެ. އަދި އަޑުއެހުންތަކުގައި ބަޔާންދިނުމަށް އިޢުތިރާޟެއް ނެތްކަމުގެ އިޤުރާރާ ގުޅޭ މަޢުލޫމާތާއި، އިޤުރާރުގައި ސޮއިކުރުވުމުގެ އިތުރުން އަޑުއެހުންތަކުގައި ބަޔާންދޭ ފަރާތްތަކުން ސަމާލުކަން ދޭންޖެހޭ ކަންތައްތައް މި ބައްދަލުވުމުގައި ކިޔާދީފައިވާކަމަށް އެ އޮފީހުން ވިދާޅުވެއެވެ.

ދިވެހިރާއްޖޭގެ ޖަލުތަކުގައި ހިންގާފައިވާކަމަށް ހުށަހެޅިފައިވާ އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލުތަކާއި، ލާއިންސާނީ ދަށުދަރަޖައިގެ ޢަމަލުތަކާއި އަނިޔާތަކާ ބެހޭގޮތުން ހުށަހެޅިފައިވާ މައްސަލަތަކުގެ އަޑުއެހުންތައް ކުރިޔަށް ގެންދާނީ މާފުށީ ޖަލާއި މާލޭ ސިޓީގެ އިތުރުން އައްސޭރި ޖަލުގައިކަމަށް އިންތިޤާލީ އިންސާފުގެ އޮފީހުން ވިދާޅުވެއެވެ. މާފުށީ ޖަލުން ބަޔާން ނަގާނީ 37 މީހެއްގެ އެވެ. މާލޭ ސިޓީން ބަޔާން ދޭނީ 11 މީހުންނެވެ. އަދި އައްސޭރި ޖަލުން ބަޔާން ދިނުމަށް ނޯޓްކޮށްފައިވަނީ 2 މީހެކެވެ.

މި އަޑުއެހުންތަކުގައި ތިންކަމެއް ބެލުމަށް ވަނީ ނިންމާފައެވެ. އޭގެތެރޭގައި އިންސާނީ ޙައްޤުތަކާ އަސާސީ މިނިވަންކަން ނިގުޅައިގެންފައިވޭތޯއާ، އެއްވެސް ވަރަކަށް އަނިޔާކުރުމުގެ އަމަލެއް ހިނގާފައިވޭތޯއާއި އެފަދަ އަމަލުތައް ހިނގާފައިވާ މިންވަރެވެ.

އިންތިޤާލީ އޮފީހުން ބަލަމުންދާ މައްސަލަތައް

- އިބްރާހިމް ނާސިރުގެ ވެރިކަމުގައި 1962 ވަނަ އަހަރު ގދ. ތިނަދޫން މީހުން ބޭލި މައްސަލަ
- ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް މުހައްމަދު އަމީންގެ ވެރިކަން ވައްޓާލުމަށްފަހު އެމަނިކުފާނުގެ މައްޗަށް ކުރި ހުކުމް ބާތިލުކުރުމަށް ހުށައެޅި މައްސަލަ
- ރާއްޖޭގެ ޖަލުތަކުގައި ހިންގާފއިވާ ލާ އިންސާނީ އަމަލުތައް

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަކީ، 1953ގެ ޖެނުއަރީ މަހުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17ގެ ނިޔަލަށް ހިނގާފައިވާ އިންސާނީ ހައްގުތަކާއި ކަރާމާތާއި ގުޅުންހުރި މައްސަލަތައް ބެލުމަށް، ޤާނޫނުން ބާރުލިބިގެން އުފައްދާފައިވާ އޮފީހެކެވެ.

އޯ.ޓީ.ޖޭއިން ތަޙުޤީޤުކޮށް ނިމިފައިވާ މައްސަލަތައް:


* އިޤްތިޞާދީ އަދި އިޖުތިމާޢީ ޙައްޤާ ގުޅޭ 64 މައްސަލަ
* ޤާނޫނާއި ޚިލާފަށް ހައްޔަރުނުކުރުމާއި ބަންދުނުކުރުމުގެ ޙައްޤާ ގުޅޭ 23 މައްސަލަ
* މަސައްކަތްކުރުމުގެ ޙައްޤާ ގުޅޭ 21 މައްސަލަ
* އަދުލުވެރިކަމާއެކު އިދާރީ ފިޔަވަޅުތައް އެޅުމުގެ ޙައްޤާ ގުޅޭ 1 މައްސަލަ
* ޒާތީ ދިރިއުޅުމުގެ ޙައްޤާ ގުޅޭ 1 މައްސަލަ
* ލާއިންސާނީ އަދަބު ނުދިނުމުގެ ޙައްޤާ ގުޅޭ 1 މައްސަލަ

އެއޮފީހަށް މައްސަލަ ހުށައެޅުމަށް 13 ޖޫން 2021ގައި ހުޅުވާލި 3 މަސް ދުވަހުގެ މުއްދަތުގައި ޖުމްލަ 489 މައްސަލަ ހުށައެޅިއެވެ. އޭގެތެރެއިން އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް އޯ.ޓީ.ޖޭގެ އޮފީހުގެ އިޚްތިޞާޞްގެ ތެރެއިން ބެލުމަށް ނިންމާފައިވަނީ 455 މައްސަލައެކެވެ. މީގެ ތެރެއިން މިހާތަނަށް 111 މައްސަލައެއް ތަޙުޤީޤުކޮށް ވަނީ ނިމިފައެވެ. މި އޮފީހުގެ މުއްދަތު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހަށް ހަމަވާތީ އެ މުއްދަތު ވަނީ މިއަހަރުގެ ނޮވެމްބަރުމަހުގެ 17 ވަނދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.