ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ރާއްޖެ ސަރަޙައްދުގައި އުފެދިފައިވާ ސަރކިއުލޭޝަންއެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއްކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
އެއިދާރާއިން ވިދާޅުވީ، މިއީ އިއްޔެ ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ސަރކިއުލޭޝަންއެއްކަމަށެވެ. ސަރކިއުލޭޝަންއަކީ ވަކި ސަރަޙައްދެއްގެ ޕްރެޝަރ ދަށްވުމުގެ ސަބަބުން އެސަރަޙައްދަކަށް ގިނަ ވިއްސާރަ ވިލާތަކެއް ޖަމާވުމަށް ކިޔާނަމެކެވެ. މެޓު އޮފީހުން ވިދާޅުވީ، މިސަރކިއުލޭޝަންގެ ބާރު މިހާރު ދަށްވަމުންދާކަމަށެވެ.
މިގޮތުން ފާއިތުވި 24 ގަޑިއިރަށްވުރެ ކުރިއަށް އޮތް 24 ގަޑިއިރު ވިއްސާރަ ކުރާނެކަމަށް ލަފާކުރެވޭ މިންވަރު ކުޑަވެފައިވާކަމަށް މެޓު އޮފީހުން ވިދާޅުވެއެވެ. އެހެންނަމަވެސް ކުރިއަށް އޮތް 24 ގަޑިއިރުވެސް މުޅި ރާއްޖެއަށް ވިއްސާރަ ކުރާނެކަމަށް މެޓު އޮފީހުން ލަފާކުރެއެވެ.
Alert White extended. pic.twitter.com/XV61BvLOmG
— Maldives Meteorology (@MetMaldives) January 24, 2023
މިގޮތުން ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް މެޓު އޮފީހުން ވިދާޅުވެއެވެ. އަދި ބޮޑަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވެނީ މެދުރާއްޖޭގެ އަތޮޅުތަކުގައިކަމަށް މެޓު އޮފީހުން ވިދާޅުވެއެވެ. ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގެ ކަނޑުތައްވެސް އާދައިގެ ވަރަކަށް މަޑުވާނެކަމަށް ލަފާކުރެވޭއިރު ވިލާގަނޑުގައި ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވާނެކަމަށް މެޓު އޮފީހުންވަނީ ލަފާކޮށްފައެވެ.
މެޓު އޮފީހުން ވިދާޅުވީ، މިހާރު ކުރަމުންދާ ވިއްސާރަ އަލިވާނެކަމަށް ބެލެވެނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެންކަމަށެވެ. މިހާރު ކުރަމުންދާ ވިއްސާފައިގައި ހޯމަ ދުވަހު ދެކުނުގެ މޫސުން ގޯސްވެ އެކި ގަޑިތަކުގައި ވައިޓް އެލަރޓް އަދި ޔެލޯ އެލަރޓްވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިންވަނީ ނެރެފައެވެ. އަދި މިއަދު ހެނދުނުން ފެށިގެން މުޅި ރާއްޖޭގެ މޫސުން ގޯސްވެފައިވާތީ މުޅި ރާއްޖެއަށް ވައިޓް އެލަރޓް ނެރެފައެވެ.
މި އެލަރޓް ދަމަހައްޓާ، މިއަދު އިރު އޮއްސި 6 އިން ފެށިގެން 12 ޖެހުމާއި ހަމައަށް މުޅި ރާއްޖެއަށް ވިއްސާރަކުރާނެކަމަށް ލަފާކޮށް ވައިޓް އެލަރޓް މުޅި ރާއްޖެއަށްވަނީ އަނެއްކާވެސް ނެރެފައެވެ.