ޚަބަރު

ޕާޓީ އުވާލުމުން ޑީއާރުޕީން އެ މައްސަލަ ހައިކޯޓަށް


ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމި މައްސަލަ އެޕާޓީން ހައިކޯޓަށް ހުށައަޅައިފިއެވެ.

ޑިއާރުޕީ އުވާލަން ނިންމާ އެޕާޓީގެ ނަމުގައި އެއްވެސް ސިޔާސީ ހަރަަކާތެއް ނުހިންގަން އިލެކްޝަންސް ކޮމިޝަނުން އެނގީ މިދިޔަ ޑިސެމްބަރުމަހުގެ 13 ވަނަދުވަހުއެވެ. އެޕާޓީ އުވާލީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ އަދަދަށް މެމްބަރުން ހަމަނުވާތީ އެ އަދަދަށް މެމްބެރުން ހަމަކުރުމަށް 3 މަހުގެ މުއްދަތެއް ދިނުމުންވެސް އެކަން ނުވުމުންނެވެ. ޤާނުނުގައިވާ ގޮތުން ސިޔާސީ ޕާޓީއެއް ހިންގޭނީ އެ ޕާޓީއެއްގައި މަދުވެގެން 3000 މެމްބަރުން ހަމަވާނަމައެވެ.

ޑީއާރުޕީ އުވާލަން ނިންމި މައްސަލަ އެ ޕާޓީން ކޯޓަށް ހުށައެޅީ އިއްޔެއެވެ. އެހެންނަމަވެސް އެ މައްސަލަ ބަލައިގަތުމާއި ގުޅޭގޮތުން އެކޯޓުން އަދި ވަކިގޮތެއް ނުނިންމައެވެ. ސިޔާސީ ޕާޓީތަކުގެ ޤާނޫނު ބުނާގޮތުން ޕާޓީތަކާއި ގުޅޭ މައްސަލަތައް ފުރަތަމަ ބެލޭނެ މަރުހަލާއަކީ ހައިކޯޓެވެ.

ޑީއާރުޕީގެ މިހާރުގެ ލީޑަރަކީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ. ޑީއާރުޕީއަކީ ރާއްޖޭގައި މަލްޓި ޕާޓީ ސިސްޓަމް ތައާރަފުވެ ދެވަނައަށް ރަޖިސްޓްރީ ކުރި ސީޔާސީ ޕާޓީއެވެ. 21 ޖުލައި 2005 ރަޖިސްޓްރީކުރި ޑީއާރުޕީގެ ފުރަތަމަ ރައީސަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމެވެ. އެހެންނަމަވެސް ރައީސް މައުމޫންގެ ވެރިކަން ބަދުވުމަށްފަހު ޑީއާރުޕީގެ ތެރޭގައި ހިޔާލުތަފާތުވުން އުފެދި ބައިބައިވެ މެމްބަރުން އެހެން ޕާޓީތަކަށް ބަދަލުވިއެވެ. އަދި ޕީޕީއެމް އުފެދިގެން ދިޔައީ ޑީއާރުޕީގެ އޭރުގެ ލީޑަރޝިޕްގައި އުފެދުނު ޚިޔާލް ތަފާތުވުންތަކުގެ ތެރެއިންނެވެ.

އިލެކްޝަންސް ކޮމިޝަންގެ މިހާރުގެ ދަފްތަރަށް ބަލާއިރު ޑީއާރުޕީގެ މެމްބަރުންގެ ގޮތުގައި ތިބީ 2483 މެމްބަރުންނެވެ.