ޚަބަރު

ސުވިޑަންގައި މުޞްޙަފު އެންދި މައްސަލަ އދއާއި އެމެރިކާއިން ކުށްވެރިކޮށްފި


ސްވިޑެންގައި މުޞްޙަފެއް އަންދައިލާ، އިސްލާމް ދީނާއި މުސްލިމުންނަށް ފުރައްސާރަކުރި މައްސަލަ އ.ދ.ގެ އޮފީހެއް ކަމުގައިވާ ޔުނައިޓެޑް ނޭޝަންސް އެލަޔަންސް އޮފް ސިވިލައިޒޭޝަންއިން ކުށްވެރިކޮށްފިއެވެ. މުޞްޙަފުގައި ރޯކޮށްލާ، މުސްލިމުންނަށް ފުރައްސާރަ ކޮށްފައި ވަނީ ޑެންމާކުގެ ހަރުކަށި ފިކުރަށް ތާޢީދުކުރާ ސިޔާސީ ޕާޓީއެއް ކަމުގައިވާ "ހާޑް ލައިން"ގެ އިސްވެރިއެއް ކަމުގައިވާ ރާސްމަސް ޕަލުޑެންއެވެ. އޭނާއަކީ، މުސްލިމުންނަށް ފުރައްސާރަކުރުމާއި، މުސްލިމުންނާ މެދު ނަފްރަތު އުފެއްދުމުގެ ރެކޯޑެއް އޮންނަ މީހެކެވެ.

އ.ދ.ގެ އެލަޔަންސް އޮފް ސިވިލައިޒޭޝަންގެ އިސްވެރިޔާ މިގޭލް އަންހެލް މޮރެޓީނޯސް މުޞްޙަފު އަންދައިލި އަމަލު ސިފަކޮށްފައި ވަނީ ވަރަށް ޖައްބާރު އަމަލެއްގެ ގޮތުގައެވެ. ޕަލުޑެން މުޞްޙަފުގައި ހުޅުޖަހާފައި ވަނީ، ސްވިޑެންގެ ފުލުހުންގެ ހުއްދައާއެކު ސްޓޮކްހޯމްގައި ހުންނަ ތުރުކީވިލާތުގެ އެމްބަސީ ކުރިމަތީގައި ބޭއްވި މުޒާހަރާއެއްގައެވެ.

މޮރެޓީނޯސް ވިދާޅުވީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އިޙުތިރާމު ކުރައްވާ ކަމަށާއި، ނަމަވެސް އެ ކަމުގައި ހައްދެއް އޮންނަންޖެހޭނެ ކަމުގައެވެ. ނަމަވެސް، ޚިޔާލުފާޅުކުރުމުގެ ނަމުގައި ކީރިތި ޤުރުޢާނުގެ މުޞްޙަފެއްގައި ރޯކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގައެވެ. އަދި، އެއީ މުސްލިމުންނާ މެދު ނަފްރަތު އުފެއްދުމަށް ހިންގާފައިވާ އަމަލެއްގެ ގޮތުގައި އޭނާ ވަނީ އެ އަމަލު ސިފަކުރައްވާފައެވެ.

"އެއީ ޚިޔާލުފާޅުކުރުމުގެ ދަށުން ހިންގާފައިވާ އަމަލެއްގެ ގޮތުގައި ބަލައެއް ނުގަނެވޭނެ. އެއީ، މުސްލިމުންނާއި، މުސްލިމުންނަށް ދީނަށް ފުރައްސާރަކުރަން ހިންގާފައިވާ އަމަލެއް. އަދި މުސްލިމުންނަށް އިހާނެތިކަން ހިތުމަށް ހިންގާފައިވާ ދަށުދަރަޖައިގެ އަމަލެއް،" މޮރެޓީނޯސް ވިދާޅުވިއެވެ.

މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ މިފަދަ އަމަލުތައް އިތުރުވެފައިވާ ކަން ފާހަގަކުރައްވާ، މޮރެޓީނޯސް ވަނީ އެ ކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި، ސުލްޙަވެރިކަން އިސްކޮށް، އެކި ދީންތަކުގެ މީހުންގެ މެދުގައި އިޙުތިރާމް އާލާކޮށް، އިންސާނީ ކަރާމާތް އިސްކުރުމަށް ބާރުއެޅުމަށް ވެސް އޭނާ ގޮވައިލެއްވިއެވެ.

މުޞްޙަފު އަންދައިލި މައްސަލައިގައި ސްވިޑެންއަށް މުސްލިމް އުންމަތުގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު މެވްލުތް ކަވުސޮގްލޫ ވަނީ، އެ ފަދަ އަމަލެއް ހިންގުމަށް ސްވިޑެންގެ ސަރުކާރުން ހުއްދަ ދިނުމުން އެ ޤައުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މީގެ އިތުރުން ޢަރަބި ދުނިޔެއިން ސަޢޫދީ ޢަރަބިއްޔާއާއި ޢުރުދުނާއި ކުވައިތުގެ އިތުރުން ދިވެހިރާއްޖެއާއި ޕާކިސްތާނާއި ސޮމާލިޔާއިން ވެސް ވަނީ އެ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި، އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕޮރޭޝަން (އޯ.އައި.ސީ)އާއި ގަލްފް ކޯޕޮރޭޝަން ކައުންސިލް (ޖީ.ސީ.ސީ)އިން ވެސް ވަނީ އެ ކަމާމެދު ނުރުހުން ފާޅުކޮށްފައެވެ.

މި ކަމާ ގުޅިގެން ތުރުކީވިލާތުގެ ވަރުގަދަ އިންޒާރެއް ވެސް ސްވިޑެންއަށް ވަނީ އަމާޒުކޮށްފައެވެ. ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ވިދާޅުވީ، ނޭޓޯއާ ގުޅުމަށް ސްވިޑެންއިން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުން އެ ޤައުމުން ހުއްޓައިލާފައިވާ ކަމުގައެވެ. މިއާއެކު، ނޭޓޯގެ މެންބަރު ޤައުމަކަށްވުމަށް ސްވިޑެންއިން ކުރަމުންދިޔަ މަސައްކަތްތަކަށް މި ވަނީ ހިޔަނިއެޅިފައެވެ.

ސްވިޑެންގައި އިސްލާމް ދީނާއި މުސްލިމުންނާ ދެކޮޅަށް ހިންގާފައިވާ އަމަލު އެމެރިކާއިން ވެސް މި ވަނީ ކުށްވެރިކޮށްފައެވެ. އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ނެޑް ޕްރައިސް އެ އަމަލުތައް ސިފަކުރައްވާފައި ވަނީ ހަޑިމުޑުދާރު އަދި ދަށުދަރަޖައިގެ އަމަލުތަކެއްގެ ގޮތުގައެވެ. އެއީ، ސްވިޑެންއިން ނޭޓޯއަށް ގުޅުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅުމުގެ ގޮތުން ހިންގާފައިވާ އަމަލެއް ކަމުގައި ވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

މުސްލިމް އުންމަތުގެ ނުރުހުން އަމާޒުވުމާ ގުޅިގެން ސްވިޑެންގެ ޚާރިޖީ ވަޒީރު ޓޮބަޔަސް ބިލްސްޓްރޮމް ވިދާޅުވެފައި ވަނީ، އިސްލާމުންނާ ދެކޮޅަށް ހިންގާ ނަފުރަތުގެ އަމަލުތަކާ މެދު ކަންބޮޑުވާ ކަމުގައެވެ. އަދި، ސްވިޑްންއަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ފުރުޞަތު ދޭ ޤައުމެއް ކަމަށާއި، ނަމަވެސް ޚިޔާލު ފާޅުކުރުމުގެ ނަމުގައި ހިންގާ ހުރިހާ އަމަލަކީ ސްވިޑެންގެ ސަރުކާރުން ބަލައިގަންނަ އަމަލުތަކެއް ނޫން ކަމުގައެވެ.

ނަމަވެސް ފާހަގަކޮށްލަން ޖެހޭ ކަމަކީ، ތުރުކީވިލާތުގެ އެމްބަސީ ކުރިމަތީގައި ޕަލުޑެން މުޒާހަރާ ކޮށްފައި ވަނީ ފުލުހުންގެ ފުރިހަމަ ސަލާމަތާއި ރައްކާތެރިކަމާ އެކުގައި ކަމެވެ. މި ކަމާ ދެކޮޅަށް، ތުރުކީވިލާތަށް ތާޢީދުކުރާ ގިނަ ޢަދަދެއްގެ ބަޔަކު ވެސް ވަނީ ސްޓޮކްހޯމްގެ މަގުތަކުގައި މުޒާހަރާކޮށްފައެވެ.