ޚަބަރު

އަލްޝަބާބުން ރަހީނުކޮށްފައިވާ ގިނަ ޢަދަދެއްގެ ބަޔަކު މިނިވަންކޮށްފި


ސޮމާލިޔާގެ ވެރިރަށް މޮގަދިޝޫގައި ހުންނަ ސަރުކާރު އޮފީހަކަށް އަލް-ޝަބާބް ޖަމާޢަތުގެ ހަނގުރާމަވެރިން ވަދެ، އެ ތަން ހިސާރުކޮށްފިއެވެ. ނަމަވެސް، ފަސް ގަޑިއިރުގެ މަސައްކަތަށް ފަހު ސޮމާލިޔާގެ އަސްކަރިއްޔާގެ ފައުޖުތަކުން މިހާރު ވަނީ އެ ޢިމާރާތް އަސްކަރިއްޔާގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި، ޢިމާރާތުގެ ތެރޭގައި ރަހީނުކޮށްފައިވާ މީހުން މިނިވަންކޮށްފައެވެ.

މޮގަދިޝޫގެ ހަމަރްވޭނޭ ޕުރޮވިންސުގައި ހުންނަ ސަރުކާރު އޮފީސް ޢިމާރާތަށް އަލް-ޝަބާބްގެ ހަނގުރާމަވެރިން ވަނީ، އެ ތަނަށް ބޮމުގެ ހަމަލާއެއް ދިނުމަށް ފަހުއެވެ. ކާރުބޮން ގޮއްވައިލާފައި ވަނީ ޢިމާރާތުގެ ކުރިމަތީގައެވެ. އަދި، އެ ތަނަށް ވަތް އަލް-ޝަބާބްގެ ހަނގުރާމަވެރިން ތިބީ، އަސްކަރިއްޔާގެ ޔުނިފޯމް އަޅައިގެންނެވެ.

އޮފީސް ޢިމާރާތް ހިސާރުކޮށް، އެ ތަނުގައި ރަހީނުކޮށްފައިވާ ސަރުކާރު މުވައްޒަފުންނާއި ޢާންމުން މިނިވަންކުރުމަށް ސޮމާލިޔާގެ އަސްކަރިއްޔާއިން ހިންގި އޮޕަރޭޝަނުގައި ޢާންމުންގެ ފަސް މީހަކު މަރުވެފައިވާ ކަމުގައި އޮފިޝަލުން ބުނެއެވެ. އަދި، އަލް-ޝަބާބް ޖަމާޢަތުގެ ހަ ހަނގުރާމަވެރިން ވެސް ވަނީ މަރައިލާފައެވެ.

އެ ތަނުގައި ރަހީނުކޮށްފައި ތިބި ސަރުކާރު މުވައްޒަފުންނާއި ޢާންމުން މިހާރު މިނިވަންކޮށްފައިވީ ނަމަވެސް، އަލް-ޝަބާބް ޖަމާޢަތުން ވަނީ، އެ ޖަމާޢަތުގެ ހަމަލާތަކުގައި 34 މީހުން މަރުވެފައިވާ ކަމުގައި ބުނެފައެވެ. މި ހަމަލާގެ އަމާޒަކީ، މޮގަދިޝޫގެ މޭޔަރު ޔޫސުފް ޙުސައިން ޖިމައްލާ އަވަހާރަކޮށްލުން ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ނަމަވެސް، އަލް-ޝަބާބް ހަނގުރާމަވެރިން ޢިމާރާތަށް ހަމަލާދިން ވަގުތު، އޭނާ ޢިމާރާތުގައި ނެތް ކަމުގައި އޮފިޝަލުން ބުނެއެވެ.

މިއީ، އެ ޢިމާރާތަށް އަލް-ޝަބާބްގެ ހަނގުރާމަވެރިން ހަމަލާދީފައިވާ ފުރަތަމަ ފަހަރެއް ނޫނެވެ. 2019 ވަނަ އަހަރު އެ ޢިމާރާތަށް އަލް-ޝަބާބުން ދިން ހަމަލާތަކެއްގައި، މޮގަދިޝޫގެ ކުރީގެ މޭޔަރު ޢަބްދުއްރަޙްމާން ޢުމަރު އުސްމާން ވަނީ އަވަހާރަކޮށްލާފައެވެ.

އަލް-ޝަބާބްގެ އެންމެ ފަހުގެ ޓެރެރިސްޓް ހަމަލާތަކާ ގުޅިގެން ސޮމާލިޔާގެ ސަރުކާރުން ވަނީ، އެ ޖަމާޢަތް ނައްތައިލާ، އެ ޖަމާޢަތުން ހިންގަމުންދާ ޓެރެރިޒަމްގެ އަމަލުތައް ހުއްޓުވަން ޖެހޭ ކަމުގައި ބުނެފައެވެ. ސޮމާލިޔާގެ ސަރުކާރު ފައުޖުތަކުން މިހާރު ވެސް ދަނީ، އަލް-ޝަބާބާ ދެކޮޅަށް ވަރުގަދައަށް ހަނގުރާމަ ކުރަމުންނެވެ. ނަމަވެސް، ސޮމާލިޔާގެ ބައެއް ސަރަޙައްދުތައް އަދިވެސް އޮތީ އަލް-ޝަބާބް ހަނގުރާމަވެރިންގެ ބާރުގެ ދަށުގައެވެ.

އަލް-ޝަބާބް ޖަމާޢަތާ ދެކޮޅަށް ސޮމާލިޔާ ސަރުކާރުން ކުރަމުންދާ ހަނގުރާމައިގައި އެފްރިކަން ޔޫނިއަންގެ އިތުރުން އެމެރިކާގެ އަސްކަރިއްޔާއިން ވެސް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ފާއިތުވި ތިން ވަރަކަށް މަހުގެ ތެރޭގައި ސޮމާލިޔާގެ ސަރުކާރު ފައުޖުތަކުން ވަނީ އަލް-ޝަބާބްގެ މައްޗަށް ކުރިއެރުންތަކެއް ހޯދައި، އެ ޖަމާޢަތުން އަތްގަދަ ކޮށްފައިވާ ބައެއް ސަރަޙައްދުތައް މިނިވަން ކޮށްފައެވެ.

ނަމަވެސް، އެ ޖަމާޢަތުން ވެސް ދަނީ ސޮމާލިޔާގެ ސަރުކާރާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. ހުސްވި 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި މޮގަދިޝޫގައި ހުންނަ އެޑިޔުކޭޝަން މިނިސްޓްރީގެ މައި ޢިމާރާތުގެ ކައިރީގައި ދެ ކާރުބޮން ގޮއްވައިލައިގެން ދިން ހަމަލާއެއްގައި 120 މީހުން މަރުވިއެވެ. 2017ވަނަ އަހަރު ހަމަ އެ ސަރަޙައްދުގައި ދިން ހަމަލާއެއްގައި 500އަށްވުރެ ގިނަ މީހުން ވަނީ މަރައިލާފައެވެ.