ކުޅިވަރު

އެވަޓަންގެ ކޯޗުގެ މަގާމުން ލަމްޕާޑް ވަކިކޮށްފި


އިނގިރޭސި ޕްރިމިއާ ލީގުގެ ރެލިގޭޝަން ޒޯނުގައި އޮތް އެވަޓަންގެ ކޯޗުގެ މަގާމުން ފްރޭންކް ލަމްޕާޑް ވަކިކޮށްފިއެވެ.

އެވަޓަންގެ ކޯޗަކަށް ލަންޕާޑް ގެނައީ އެ މަގާމުގައި އޭރު ހުރި، ސްޕެއިންގެ ކޯޗު ރަފައެލް ބެނިޓޭޒް ވަކިކުރުމަށް ފަހު އެވެ. އެވަޓަންގެ ކޯޗުގެ މަގާމުގައި ލަމްޕާޑް ހުންނަތާ އަހަރެއް ހަމަވާން ހަފްތާ އަކަށް ވެފައި ވަނިކޮށް މަގާމުން ވަކިކުރީ، އެ ޓީމާ އެކު ނަތީޖާއެއް ނުނެރެވި، ޓީމުގެ ފޯމު ވަރަށް ބޮޑަށް ދަށްވެފައިވާތީ އެވެ.

މިދިޔަ އަހަރު، ލަމްޕާޑް، އެވަޓަންގެ ކޯޗުކަމާ ހަވާލުވިއިރު، އެ ޓީމު ލީގުގެ 16 ވަނައިގައި އޮތްއިރު، މަސައްކަތް ކުރަމުން ދިޔައީ ރެލިގޭޝަނުން ސަލާމަތް ވުމަށެވެ. ލަމްޕާޑް ވަނީ މިދިޔަ ސީޒަނުގެ ފަހުކޮޅުގައި އެވަޓަންގެ ނަތީޖާތަށް ރަނގަޅުކޮށްފަ އެވެ.
އެންމެ ފަހުން، ވެސްޓް ހޭމް ޔުނައިޓެޑް އަތުން އެވަޓަން ބަލިވި މެޗަށް ފަހު، އެ ޓީމު އޮތީ 20 މެޗުން 15 ޕޮއިންޓާ އެކު ލީގުގެ 19 ވަނައިގަ އެވެ.

އެވަޓަން ވަނީ އެންމެ ފަހުން ލީގުގައި ކުޅުނު 12 މެޗުގެ ތެރެއިން ނުވަ މެޗުން ބަލިވެފަ އެވެ. އެންމެ ފަހުން ލީގުގެ މެޗަކުން އެވަޓަން މޮޅުވީ އޮކްޓޫބަރު މަހު އެވެ.

މި ފަހަރުގެ ލީގުގައި މިހާތަނަށް އެވަޓަން މޮޅުވީ ތިން މެޗުންނެވެ. ޗެލްސީގެ ކުރީގެ މިޑްފީލްޑަރު، ލަމްޕާޑް، ކޯޗިން ކެރިއަރު ފެށީ 2018 ވަނަ އަހަރު ޑާބީ ކައުންޓީންނެވެ. އެ ފަހަރު، ޕްލޭއޮފް ފައިނަލުގައި ޑާބީ ވަނީ އެސްޓަން ވިލާ އަތުން ބަލިވެފަ އެވެ. އޭގެ ފަހުން، ލަމްޕާޑް ވަނީ 2019 ވަނަ އަހަރުގެ ޖުލައި، މަހު މައުރީޒިއޯ ސާރީ ވަކިކުރުމުން ޗެލްސީގެ ކޯޗުކަމާ ހަވާލުވެފަ އެވެ.

ޗެލްސީގެ ކޯޗުކަމުން، 18 މަސް ތެރޭ ލަމްޕާޑް ވަކިކުރީ އެވެ. އެވަޓަން އިން މިހާރު މަސައްކަތް ކުރަމުން މި އަންނަނީ ފަސް އަހަރު ތެރޭ ހަ ވަނަ ކޯޗެއް ހޯދުމަށެވެ.