ކުޅިވަރު

ހަވަނަ ޑިވިޝަނުގެ ޓީމެއް އަތުން ޕީއެސްޖީއަށް ބޮޑު މޮޅެއް


ފްރެންޗް ކަޕުގައި ހަވަނަ ޑިވިޝަނުގެ ޓީމަކާ ދެކޮޅަށް ކުޅެ ތަފާތު ބޮޑު ނަތީޖާއަކުން ޕީއެސްޖީ ކުރިހޯދައިފިއެވެ.

ޕީއެސްޖީ މޮޅުވީ ހޯމަ ދުވަހުގެރޭ ޕޭސް ޑެ ކަސެލްއާ ވާދަކޮށް 7-0 ލަނޑުންނެވެ.

މިމެޗުގައި ޕީއެސްޖީ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ކީލިއަން އެމްބާޕޭ ވަނީ ފަސް ލަނޑު ޖަހާފައެވެ. ޕީއެސްޖީން މި މެޗުގައި ފުރަތަމަ ހާފުގައި ހަތަރު ލަނޑު ޖެހިއިރު، އަނެއް ތިން ލަނޑު ކާމިޔާބުކުރީ ދެ ވަނަ ހާފުގަ އެވެ. އެމްބާޕޭގެ ފަސް ލަނޑުގެ އިތުރުން ދެން ޕީއެސްޖީގެ ލަނޑުތައް ޖެހީ ނޭމާ އާއި ކާލޮސް ސޮލެއާ އެވެ.

މިއީ ޕީއެސްޖީގެ ތާރީހުގައި ވެސް ރަސްމީ މެޗެއްގައި އެއް ކުޅުންތެރިއަކު ފަސް ލަނޑު ޖެހި ފުރަތަމަ ފަހަރެވެ. އެމްބާޕޭ އާއި ނޭމާ މި މެޗުގައި މޮޅު ކުޅުމެއް ދެއްކިއިރު، އެ ޓީމުގައި ހިމެނޭ އާޖެންޓީނާގެ ތަރި، ލިއޮނަލް މެސީއަށް ވަނީ އަރާމުކުރަން ފުރުސަތު ދީފައެވެ.
ޕޭސްއާ ދެކޮޅަށް ކުޅުނު މި މެޗުގައި އެމްބާޕޭ ވަނީ ފުރަތަމަ ހާފުގައި ހެޓްރިކެއް ހަދައިފައެވެ. އަނެއް ދެ ލަނޑުޖެހީ ދެ ވަނަ ހާފުގަ އެވެ.
އެމްބާޕޭ ވަނީ މި ސީޒަނުގައި މިހާތަނަށް ޕީއެސްޖީ އަށް ކުޅުނު 24 މެޗުން 25 ލަނޑު ޖަހައި، ހަ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައެވެ.

މި މޮޅާއެކު އަންނަ މަހު ކުޅޭ ފްރެންޗް ކަޕްގެ ގަދަ 16 ބުރުގައި ޕީއެސްޖީ ކުޅޭނީ މާސޭއާ ދެކޮޅަށެވެ.