ކުޅިވަރު

އެމްޕޯލީ އަތުން ބަލިވެ އިންޓަ މިލާނުން ފުރުސަތު ނަގާލައިފި


އިޓާލިއަން ލީގުގައި އެމްޕޯލީ އަތުން ބަލިވެ އިންޓަ މިލާނުން ލީގުގެ ދެވަނައަށް ޖެހިލަން ލިބުނު ފުރުސަތު ނަގާލައިފިއެވެ.

ހޯމަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އިންޓަ މިލާން ބަލިވީ 1-0 ލަނޑުންނެވެ.

އިންޓަ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމަށް މައްސަލަ ދިމާވީ މެޗުގެ ފުރަތަމަ ހާފު ނިމެން ފަސް މިނިޓަށް ވެފައި ވަނިކޮށް، އިންޓަގެ ސްލޮވާކިއާ ޑިފެންޑަރު، މިލާން ސްކްރީނާ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ. ސްކްރީނާ އަށް ފުރަތަމަ ރީނދޫ ކާޑު ދެއްކީ، ރެފްރީ، އެންޓޯނިއޯ ރުޕުއާނޯގެ ނިންމުމަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމުންނެވެ. އަދި ދެ ވަނަ ރީނދޫ ކާޑަކީ ނުރައްކާތެރި ޓެކަލެއް ޖެހުމުން ދެއްކި ކާޑެކެވެ.

ކުޅުންތެރިއަކު މަދުކޮށް މެޗުގެ ބޮޑުބައި ކުޅެން ޖެހުނު އިންޓަ ކޮޅަށް އެމްޕޮލީން މެޗުގައި ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި 19 އަހަރުގެ ތޮމާސޯ ބަލްޑަންޒީ އެވެ. މިއީ އެމްޕޮލީގެ ނަދީމް ބެޖްރާމީ ދިން ބޯޅައަކުން ބަލްޑަންޒީ ކާމިޔާބުކުރި ގޯލެކެވެ. މިއީ ސީޒަނުގައި ބަލްޑަންޒީގެ ތިން ވަނަ ގޯލެވެ.

މިއީ އެންމެ ފަހުން، ލީގުގައި އެމްޕޮލީއާ ދެކޮޅަށް އިންޓަ ކުޅުނު 10 މެޗުގެ ތެރެއިން ބަލިވި ފުރަތަމަ ފަހަރެވެ. އިންޓަ އިން މި މެޗަށް ނުކުތްއިރު، މޮޅުވެގެން ލީގުގެ ދެވަނައަށް އަރަން ފުރުސަތު އޮތެވެ. އެކަމަކު، ބަލިވުމުން އެ ޓީމު އޮތީ ކުރިން ވެސް އޮތް މަގާމުގަ އެވެ.
އިޓާލިއަން ލީގުގެ އެއް ވަނައިގައި އޮތް ނަޕޯލީ އަށް 19 މެޗުން 50 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް އޭސީ މިލާނަށް ވަނީ 18 މެޗުން 38 ޕޮއިންޓް ލިބިފަ އެވެ. އެހެންކަމުން ލާޒިއޯ އަތުން މޮޅުވެގެން، މިލާނަށް ދެވަނައިގައި ލީޑެއް ލިބި، އެއް ވަަނައިގައި އޮތް ނަޕޯލީއާ ދެމެދު ފަރަގު ކުޑަކުރެވޭނެއެވެ. ލީގުގެ ތިން ވަނައިގައި އޮތް އިންޓަ އާއި ހަތަރެއްގައި އޮތް ރޯމާގެ އޮތީ 19 މެޗުން 37 ޕޮއިންޓެވެ.