ޚަބަރު

"އަފްވާ" އަކީ ވަރަށް ތަފާތު ފިލްމެއް: ބޫޝާން


ބޮލީވުޑް އެކްޓަރު ނަވާޒުއްދީން ސިއްދީގީއާއި ބޫމީ އެކުގައި ފެންނަ ފިލްމު "އަފްވާ" ރިލީޒްކުރުން އަންނަ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހަށް ހަމަޖައްސައިފިއެވެ.

ގިނަބަޔަކު މިހާރުވެސް އިންތިޒާރު ކުރަމުން އަންނަ މި ފިލްމަކީ ވަރަށް ޝައުގުވެރިވާނެ ފިލްމަކަށްވާނެ ކަމަށް މީގެ ޕްރޮޑިއުސަރު އަނޫބަވް ސިންހާ ބުނެއެވެ.

ވަރަށް ތަފާތު ކޮންސެޕްޓަކަށް ތައްޔާރުކުރާ މި ތުރިލާ އަކީ "ހަޒާރޭ ހުވާއިޝޭ އޭސީ" އާއި "ޗަމޭލީ" ފަދަ ކާމިޔާބު ފިލްމުތަކެއް ގެނެސްދިން ސުދީރު މިޝްރާ ޑައިރެކްޓްކުރާ ފިލްމެކެވެ. ޓީ ސީރީޒްގެ ބުޝާން ކުމާރާއި ޑައިރެކްޓަރު އަނޫބަވް ސިންހާ ޕްރޮޑިއުސްކުރާ "އަފްވާ" ގެ މަންޒަރުތައް ނަގާފައިވަނީ ރާޖިސްތާންގައެވެ.

މީގެ އެއް ޕްރޮޑިއުސަރު ބޫޝާން ކުމާރު ބުނިގޮތުގައި މި ފިލްމަކީ ވަރަށް ތަފާތު ފިލްމެކެވެ. އަދި މި ފިލްމު ބަލައިގެން ބެލުނު މޮޔަ ހިތަށް ނާރާނެ ކަމަށްވެސް ބޫޝާން ބުންޏެވެ.

މީގެ ކާސްޓުގައި ބޫމީ އާއި ނަވާޒުއްދީންގެ އިތުރުން ޝާރިބް ހާޝިމީ، ސުމީތް ކޯލް، ސުމީތް ޔަސް، ރޮކީ ރައިނާ، އަދި ޓީޖޭ ބާނޫ ހިމެނެއެވެ.

ބޫމީގެ އެންމެ ފަހުގެ ފިލްމަކީ ރާޖްކުމާރު ރާއޯއާ އާ އެކު ކުޅެ، މި މަހުގެ 11 ގައި ރިލީޒްކުރި "ބަދާއީ ދޯ" އެވެ. ބޫމީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ބީޅް" އަދި "މޭރީ ޕަތްނީ ކާ ރީމޭކް" ހިމެނެއެވެ.

ނަވާޒުއްދީނަށް މި ފަހުން ޒުވާން ބަތަލާއިންނާއެކު ފިލްމުތަކުގެ ލީޑް ކުޅެން ލިބެމުން އަންނަ އިރު، އޭނާ ވަނީ ސުނިލް ޝެޓީގެ ދަރިފުޅު އާތިޔާ ޝެޓީއާ އެކު "މޯޓީޗޫރް ޗަކްނަޗޫރް" ކިޔާ ފިލްމެއް ވެސް ކުޅެފައެވެ.

ނަވާޒުއްދީންގެ ރިލީޒްވާން ހުރި ފިލްމުތަކުގެ ތެރޭގައި ތަމަންނާ ބާޓިއާއެކު ކުޅެފައިވާ "ބޯލެ ޗޫޅިޔާ" އާއި ނޭހާ ޝަރުމާއާ އެކީ ކުޅެފައިވާ "ޖޮގީރާ ސަރަ ރަ ރާ"، "ޓީކޫ ވެޑްސް ޝޭރޫ" އަދި "ނޫރާނީ ޗެހެރާ" ހިމެނެއެވެ.