ޚަބަރު

އަކްޝޭގެ "ސެލްފީ" ގެ ޓްރެއިލާ ދޫކޮށްލައިފި


އަކްޝޭ ކުމާރާއި އިމްރާން ހާޝިމީ ލީޑް ރޯލުން ފެންނަ ފިލްމު "ސެލްފީ" ގެ ޓްރެއިލާ އާންމުންނަށް ދޫކޮށްލައިފިއެވެ.

3 މިނެޓާއި 33 ސިކުންތުގެ މި ވީޑިއޯ ފެށެނީ ފުލުހެއްގެ ރޯލުން ފެނިގެންދާ އޯމް ޕްރަކާޝް (އިމްރާން) އަގްގަރްވާލް އޭނާ އެންމެ ގަޔާވާ ތަރި ވިޖޭ ކުމާރު (އަކްޝޭ) ތައާރަފްކުރާ ހިސާބުންނެވެ. ޓްރެއިލާގައި އަކްޝޭ ސުޕަސްޓާރަކަށް ވުމުގެ އުނދަގޫތައް ކިޔައިދޭތަން ފެންނައިރު އިމްރާންގެ އޮތީ އެންމެ ހުވަފެނެކެވެ. އެއީ އެނާ އާއި ދަރިފުޅު ވިޖޭ ކުމާރާއެކު ސެލްފީއެއް ނެގުމެވެ.

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން އަންނަ މަހުގެ 24 ގައި ސިނަމާތަކަށް ގެނެސްދޭ މި ފިލްމަކީ މި އަހަރު އެ ސްޓޫޑިއޯ އިން ބެލުންތެރިންނަށް ދޫކޮށްލާ ފުރަތަމަ ފިލްމެވެ. "ސެލްފީ" އަކީ 2019 ގެ ކާމިޔާބު މަލަޔާޅަމް ކޮމެޑީ-ޑްރާމާ "ޑްރައިވިން ލައިސަންސް" ގެ ރިމޭކެކެވެ.


ބަތަލާއިންގެ ގޮތުގައި ނުޝްރަތު ބަރޫޗާ އާއި ޑަޔާނާ ޕެންޓީ ހިމެނޭ މި ފިލްމުގެ ޑައިރެކްޓަރަކީ މިދިޔަ އަހަރު ދަރުމާ އިން ގެނެސްދިން "ޖުގް ޖުގް ޖިއޯ" ގެ ޑައިރެކްޓަރު ހެދި ރާޖް މެހެތާ އެވެ. އަދި މިއީ 2019 ގެ "ގުޑް ނިއުސް" އަށް ފަހު ރާޖްއާ އެކީ އަކްޝޭ މަސައްކަތްކުރި ފުރަތަމަ ފިލްމެވެ.

ސެލްފީ" އަކީ މި އަހަރު ރިލީޒްވާ އަކްޝޭގެ ފުރަތަމަ ފިލްމެވެ. މިދިޔަ އަހަރު އޭނަ ފެނިގެން ދިޔަ ފިލްމުތަކުގެ ތެރޭގައި "ބައްޗަން ޕާންޑޭ"، "ސަމްރާޓް ޕްރިތުވީރާޖް"، "ކަތުޕުތުލީ"، "ރަކްޝާ ބަންދަން" އަދި "ރާމް ސެޓޫ" ހިމެނެ އެވެ. މި އަހަރަށް ވެސް އަކްޝޭގެ ފިލްމެއް އެބައޮތެވެ.