ޚަބަރު

ސޯޝަލް މީޑިއާގައި ދައްކާ ކޮރަޕްޝަންގެ މައްސަލަތައް ބަލަން އައު ޔުނިޓެއް ނުހަދާ: އޭސީސީ


ސޯޝަލް މީޑިއާގައި ފާހަގަކުރާ ކޮރަޕްޝަންގެ މައްސަލަތައް ބަލަން އައު ޔުނިޓެއް ހަދަން މަސައްކަތް ނުކުރާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީން ހާމަކުރައްވައިފިއެވެ.

އޭސީސީން މިކަން ހާމަކުރެއްވީ ޕީޕީއެމް ޕީއެންސީގެ ފަރާތުން އޭސީސީގެ މެންބަރުންނާއި ބައްދަލުކުރުމަށްފަހު"ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން ފާހަގަކުރާ ކޮރަޕްޝަންގެ މައްސަލަތައް ނުވަތަ ތުހުމަތުތައް ބަލަން ޔުނިޓެއް ހަދަނީކަމަށް" ބައެއް މީޑިއާތަކުން ފަތުރާފައިވާ ޚަބަރުތަކާ ގުޅިގެންނެވެ.

ޕީޕީއެމް ޕީއެންސީގެ ފަރާތުން އޭސީސީގެ މެންބަރުންނާއި ބައްދަލުކުރެއްވީ އެޕާޓީގެ ހުރި ކަންބޮޑުވުންތައް ހިއްސާކޮށް އެކަންކަން ބަލައިދިނުމަށް އެދިއެވެ.

ޕީޕީއެމް ޕީއެންސީގެ ފަރާތުން އޭސީސީގެ މެންބަރުންނާއި ބައްދަލުކޮށް ދެކެވުނު ވާހަކަތަކާއި ގުޅިގެން އޭސީސީން ހާމަކުރައްވާފައިވާ ގޮތުގައި އެކޮމިޝަންގެ ކޮމިއުނިކޭޝަންގެ ކަންކަން މެނޭޖްކުރާ މުވައްޒަފުން ކުރިއްސުރެ މެއިންސްޓްރީމް މީޑިއާތަކާއި، ސޯޝަލް މީޑިއާގައި ހުންނަ ކޮރަޕްޝަނާއި ގުޅޭ މައްސަލަތަކާއި، ކުރެވޭ ތުހުމަތުތައް ބަލާ މޮނިޓަރކޮށް، ކޮމިޝަނުގެ ސަމާލުކަމަށް ގެނައުމުގެ މަސްޢޫލިއްޔަތު އަދާކުރައްވައެވެ.

އަދި ކޮމިޝަނުގެ ސަމާލުކަމަށް ގެންނަންޖެހޭ ކަންކަން ކޮމިޝަނުގެ މުވައްޒަފުންވެސް ގެންނަ ކަމަށާއި، އިންތިޚާބުތަކާއި ދިމާކޮށް ފުޅާދާއިރާއެއްގައި އެ މަސައްކަތް ކުރަމުން އަންނަކަމަށް އޭސީސީން ހާމަކުރެއްވިއެވެ. އަދި އެކި މަންސަތަކުގައި އެކިފަރާތްތަކާމެދު ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކާއި ގުޅިގެން ކޮމިޝަނުގެ އަމިއްލަ އިސްނެންގެވުމަށްވެސް މައްސަލަތައް ބަލަމުންދާ ކަމަށްވެސް ހާމަކުރެއްވިއެވެ.

މިކަންކަން މިހާރުވެސް އަދި ކުރިއަށްއޮތް ތަނުގައިވެސް އެގޮތުގައި ކުރިއަށްދާނެކަމަށާއި، ނަމަވެސް އެފަދަ ކަންކަން ބެލުމަށް އައު ޔުނިޓެއް ހަދަން އޭސީސީން މަސައްކަތްކުރަނީ ނޫންކަމަށް އެކޮމިޝަނުންވަނީ ހާމަކުރައްވާފައެވެ.