ޚަބަރު

ބޮމެއް އޮތްކަމުގެ ރިޕޯޓާ އެކު ރަޔަންއެއަރގެ މަތިންދާބޯޓެއް ޖައްސައިފި


ބޮމެއް އޮތްކަމުގެ ރިޕޯޓުކުރުމާ އެކު ރަޔަންއެއަރގެ މަތިންދާބޯޓެއް ގްރީސްގެ ވައިގެބަނދަރެއްގައި ޖައްސައިފިއެވެ. ބޮމެއް އޮތް ކަމުގެ ރިޕޯޓުކޮށްފައި ވަނީ ޕޮލެންޑުން ފުރައިގެން ގްރީސްއަށް ދަތުރުކުރުމަށް ބޯޓު ނައްޓައިލި ފަހުންނެވެ. ބޯޓުގައި އެ ވަގުތު 190 ފަސިންޖަރުންނާއި ފަޅުވެރިން ތިއްބެވެ.

މަތިންދާބޯޓު ދަތުރުކޮށްފައި ވަނީ ޕޮލެންޑުގެ ކެޓޮވައިސްއިން ފުރައިގެން ގްރީސްގެ އެތެންސްއަށެވެ. މަތިންދާބޯޓުގައި ބޮމެއް އޮތް ކަމުގެ ރިޕޯޓު ލިބުމާ އެކު، ގްރީސްގެ އަސްކަރީ މަތިންދާބޯޓުތަކުން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. އަދި، ގްރީސްގެ ވައިގެ ސަރަޙައްދަށް ބޯޓު ވަނުމާ އެކު، ގްރީސްގެ އަސްކަރީ މަތިންދާބޯޓުތަކުން ވަނީ ފަސިންޖަރުން އުފުލާ މަތިންދާބޯޓު އެ މީހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ގްރީސްގެ ވައިގެ ސަރަޙައްދަށް ވަނުމުގެ ކުރިން، ބޯއިންގް 737 މަރުކާގެ އެ ބޯޓު ދަތުރުކޮށްފައި ވަނީ ހަންގެރީގެ އަސްކަރީ މަތިންދާބޯޓުތަކުގެ ބެލުމުގެ ދަށުންނެވެ. ގްރީސްގެ ވައިގެ ސަރަޙައްދަށް ވަނުމާ އެކު، އެ ޤައުމުގެ އަސްކަރީ މަތިންދާބޯޓުތަކުގެ ބެލުމުގެ ދަށުން، އެ ބޯޓު ވަނީ ޢާންމުން ދިރިއުޅޭ ރަށްތަކާ ދުރަށް ގެންގޮސްފައެވެ.

އަދި، މަތިންދާބޯޓު ޖައްސާފައި ވަނީ އެތެންސްގެ ބައިނަލްއަޤުވާމީ ވައިގެ ބަނދަރުގައި ވަކިން އޮތް ރަންވޭއަކަށެވެ. ބޯޓުގައި ދަތުރުކުރި ފަސިންޖަރުން ބޯޓުން ބާލައި، ބޯޓު ބަލައިފާސްކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމުގައި ގްރީސްގެ ފުލުހުން ބުނެއެވެ. އަދި، ފަސިންޖަރުންގެ ލަޖެގުތައް ވެސް މިހާރު ދަނީ ބަލައިފާސްކުރަމުންނެވެ.

އެ ބޯޓުގައި ބޮމެއް އޮތްކަމުގެ ރިޕޯޓުކޮށްފައި ވަނީ ކެޓޮވައިސްގެ އެއަރޕޯޓަށް ފޯނުން ގުޅި މީހެއް ކަމަށާއި، މި ހާދިސާ ތަހުޤީޤު ކުރަމުންދާ ކަމުގައި އެ އެއަރޕޯޓުގެ އޮފިޝަލުން ވެސް ވަނީ ބުނެފައެވެ. މި ހާދިސާގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައެއް ނުވެއެވެ. އަދި، ބޯޓުން ބޮމެއް ފެނިފައިވާ ކަން އެއްވެސް އިދާރާއަކުން އަދި މިހާތަނަށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.