ނިޔަމިކަމުގެ ޗާޓުތައް އަދާހަމަކުރުމަށް ކުރިއަށްގެންދާ ހައިޑްރޯގްރަފިކް ސާރވޭ އިހަވަންދިއްޕޮޅުގައި މިއަދު ފަށައިފިއެވެ.
މޯލްޑިވްސް ހައިޑްރޯގްރަފިކް ސާރވިސްއާއި، އެމްއެންޑީއެފް ކޯސްޓްގާޑް އަދި އިންޑިއާގެ ނޭޝަނަލް ހައިޑްރޯގްރަފިކް އޮފީސް ގުޅިގެން، މިއަދުން ފެށިގެން އަންނަ މަހުގެ 28ގެ ނިޔަލަށް އިހަވަންދިއްޕޮޅު އަތޮޅު ހިމެނޭ ސަރަހައްދުގައި ނިޔަމިކަމުގެ ބޭނުންކުރާ ޗާޓު އެކުލަވަލުމަށް ޖޮންއިންޓް ހައިޑްރޯގްރަފިކް ސާރވޭއެއް ކުރުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް ހައިޑްރޯގްރަފިކް ސާރވިސްއިން ވިދާޅުވިއެވެ.
ހައިޑްރޯގްރަފިކް ސާރވިސްއިން ވިދާޅުވީ، މި ސާރވޭގައި ކުދި ބޯޓުފަހަރު ބޭނުންކޮށްގެން އެ ސަރަހައްދުގައި ޖޮއިންޓް ޓީމުން ހަރަކާތްތެރިވުމުގެ އިތުރުން ރަށްތަކުގެ ކޯސްޓްލައިން ކުރެހުމަށްޓަކައި ޖީ.ޕީ.އެސް ރިސީވަރާއިއެކު ރަށްރަށުގެ އައްސޭރި ސަރަހައްދުގައިވެސް ހަރަކާތްރިވާނެކަމަށެވެ. އަދި މިސާރވޭ ޓީމުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދުފަހަރުތަކާއި ސިފައިން ބައިވެރިވާނެކަށްވެސް އެ ސާރވިސްއިން ވިދާޅުވިއެވެ.
ރާއްޖޭގައި މިހާރު ބޭނުންކުރާ ޗާޓުތަކަކީ ބްރިޓިޝް އެޑްމިރަލްޓީއިން މީގެ އެތައް ސަތޭކަ އަހަރު ކުރިން ސާރވޭކޮށް ކުރަހާފައިވާ ޗާޓުތަކެކެވެ. އެހެންކަމުން މި ޗާޓުތަކުގައި ޖީޕީއެސް ޕޮޒިޝަނުން ދިމާނުވާ ވަރަށް ގިނަ ސަރަހައްދު ހުރިކަން ފާހަގަކުރެވޭކަކަމަށް ހައިޑްރޯގްރަފިކް ސާރވިސްއިން ވިދާޅުވިއެވެ.
މިކަމުގެ ސަބަބުން ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ޗާޓުން ދައްކާ މަގުން ދަތުރުކުރުމުގެ ނަތީޖާއަކުން ހިތާމަވެރި އެތައް ހާދިސާތަކެއް ހިނގާފައިވާމަށްވެސް ވިދާޅުވިއެވެ.
ބްރިޓިޝް އެޑްމިރަލްޓީއިން އުފައްދާފައިވާ އިހަވަންދިއްޕޮޅުގެ "ލާޖު ސްކޭލް"ޗާޓަކީ މީގެ ސަތޭކަ އަހަރުކުރިން ސާރވޭކޮށް އުފައްދާފައިވާ ޗާޓަކަށްވާތީ، އެ އަތޮޅު މިހާރުގެ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭގޮތަށް އަލުން ސާރވޭކޮށް އައު ޗާޓެއް އުފެއްދުމަކީ މިސާރވޭގެ މައިގަނޑު މަޤްޞަދުކަމަށްވެސް ހައިޑްރޯގްރަފިކް ސާރވިސްއިން ވިދާޅުވިއެވެ.
މީގެ އިތުރުން މިހާރު މުޅިރާއްޖޭގައި ބޭނުންކުރަމުންދާ ނިޔަމިކަމުގެ ޗާޓުތައް އަދާހަމަކޮށް އާ ޗާޓުތައް އުފެއްދުމުގެ މަސައްކަތް އެ ސާރވިސްގެ ފަރާތުން މުސަތަޤްބަލުގައިވެސް ދިވެހި ކަނޑުތަކުގައި ކުރިއަށްދާނެކަމަށް ހައިޑްރޯގްރަފިކް ސާރވިސްއިން ވިދާޅުވިއެވެ. އެމްއެންޑީއެފްއިން ވިދާޅުވީ މި ސަރވޭގެ އަލީގައި ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރެވި ރާއްޖޭގައި އެންމެ ގިނައިން ހިނގާ ކަނޑުމަތީގެ ހާދިސާކަމުގައިވާ ފަރަށް އެރުންފަދަ ހާދިސާތައް މަދުކުރެވުމުގެ ނަތީޖާއެއްގެ ގޮތުން މިފަދަ ހާދިސާތަކުން އޮޑިވެރިންނަށް ގެއްލުން ލިބުމުގެ ފުރުސަރު ކުޑަކުރެވިގެންދާނެކަމަށެވެ.
ރާއްޖެގެ ކަނޑުގެ ސަރަޙައްދުގައި ކުރިއަށްގެންދާ ހައިޑްރޯގްރެފިކް ސަރވޭގައި މިހާތަނަށް ބޮޑު ސަރަޙައްދެއް ވަނީ ބަލާފައެވެ.