ޚަބަރު

ތައިލެންޑުގައި ހިނގި ވޭން އެކްސިޑެންޓެއްގައި 11 މީހުން މަރުވެއްޖެ


ތައިލެންޑުގެ އިރުއުތުރުގައި ފަސިންޖަރުން އުފުލާ ވޭނެއް އެކްސިޑެންޓުވެ، އުޅަނދުގައި އަލިފާންރޯވި ހާދިސާއެއްގައި 11 މީހުން މަރުވެއްޖެއެވެ. މި ހާދިސާގައި ފިހިގެން މަރުވި މީހުންގެ ތެރޭގައި ދެ ކުޑަކުދިން ވެސް ހިމެނެއެވެ. އެކްސިޑެންޓުވި އުޅަނދުގައި ތިބީ ޗައިނާގެ އައު އަހަރު ފާހަގަކުރުމުގެ އިހުތިފާލުތަކުގައި ބައިވެރިވުމަށް ދަތުރުކުރި ބަޔެކެވެ.

ފުލުހުން ބުނީ، މި ހާދިސާ ހިނގާފައި ވަނީ އަމްނަތް ޗައޮރެން ޕުރޮވިންސުން ފުރައިގެން ވެރިރަށް ބެންގްކޮކަށް ވޭން ދަތުރުކުރި ހައިވޭގައި ކަމަށެވެ. މި ހާދިސާ ހިނގާފައި ވަނީ ނަކްހޮން ރަޓްޗިސްމާ ޕުރޮވިންސުގައެވެ. އަދި، އުޅަނދު އެކްސިޑެންޓުވެ، އަލިފާންރޯވެފައި ވަނީ، އުޅަނދު ކޮންޓްރޯލް ނުވުމުގެ ސަބަބުން ކަމުގައެވެ. މި ހާދިސާ ހިނގި ވަގުތު އުޅަނދުގައި 12 މީހުން ތިއްބެވެ.

ވޭން އެކްސިޑެންޓުވެ އޭގައި ރޯވުމުން، އުޅަނދުން ބޭރަށް ނުކުމެވިފައި ވަނީ އެންމެ މީހަކަށެވެ. މި ހާދިސާގައި ސަލާމަތްވެފައި ވަނީ 20 އަހަރުގެ ދަރިވަރެކެވެ. އަދި، އޭނާ ވޭނުން ނުކުތްތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވޭންގައި އަލިފާންރޯވެ، ބޮޑު ގޮވުމެއް ގޮވާފައިވާ ކަމުގައި ފުލުހުން ބުނެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ތަހުޤީޤު ފަށާފައިވާއިރު، އެ އުޅަނދަކީ، ތެލުގެ އިތުރުން "ކޮމްޕްރެސްޑް ގޭސް" ބޭނުންކޮށްގެން ދުއްވާ އުޅަނދެއް ކަމަށް ފުލުހުން ބުނެއެވެ. އުޅަނދުގައި އަލިފާންރޯވެ، ގޮވުމެއް ގޮވާފައި ވަނީ އެ ތެލުގެ ސަބަބުން ކަމަށް ބެލެވޭ ކަމުގައި ވެސް ފުލުހުން ބުންޏެވެ.