ކުޅިވަރު

ގައުމީ އަންހެން ވޮލީ މުބާރާތް: އީގަލްސްއަށް ދެވަނަ މޮޅު، ކުލަބު ވޮލީބޯލްއިން ވެމްކޯ ބަލިކޮށްފި


މިހާރު ކުރިއަށްދާ ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގައި ކުލަބު އީގަލްސްއިން ކުޅުނު ދެވަނަ މެޗުންވެސް މޮޅުވިއިރު، ކުލަބު ވޮލީބޯލްއިން ކުލަބު ވެމްކޯ ބަލިކޮށްފިއެވެ.

މި ފަހަރުގެ ގައުމީ މުބާރާތުގައި ވާދަކުރާ ހަތަރު ޓީމަކީ ވެމްކޯ އާއި، ޕޮލިސް ކުލަބާއި، އީގަލްސް ގެ އިތުރުން ކުލަބު ވޮލީބޯލްއެވެ.

މި މުބާރާތުގައި އާދީއްތަ ދުވަހުގެ ހަވީރު ކުޅުނު މެޗުގައި ޕޮލިސް ކުލަބު އަތުން އީގަލްސް މޮޅުވީ 3-2 ސެޓުންނެވެ. މި މެޗުން ފަސް ސެޓު ކުޅެގެން އީގަލްސް މޮޅުވިއިރު، މުބާރާތުގެ ފުރަތަމަ މެޗުގައި އެ ޓީމުން ވަނީ 3-2 ސެޓުން ކުލަބު ވޮލީބޯލްވެސް ބަލިކޮށްފައެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުޅުނު މެޗުގެ ފުރަތަމަ ދެ ސެޓު އީގަލްސްއިން ގެންދިޔައީ 25-19 އަދި 25-18 އިންނެވެ. އެކަމަކު އޭގެ ފަހުން ޕޮލިހުން ވަނީ ކުޅުން ރަނގަޅުކޮށް އަނެއް ދެ ސެޓު 25-18 އަދި 25-23 އިން ކާމިޔާބުކޮށްފައެވެ. އެހެންކަމުން ނަތީޖާ ނެރުމަށް ކުޅުނު ފަހު ސެޓު އީގަލްސްއިން ކާމިޔާބުކޮށްފައިވަނީ 15-9 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އީގަލްސްއަށް ކުޅޭ ކޮލަމްބިއާގެ މަނުއެލާ ސިއޭރާއެވެ.

މީގެ އިތުރުން މި މުބާރާތުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ކުލަބު ވޮލީބޯލް މޮޅުވީ ވެމްކޯ އަތުން 3-1 ސެޓުންނެވެ.

މި މެޗުގެ ފުރަތަމަ ސެޓު 25-19 އިން ކުލަބު ވޮލީބޯލްއިން ގެންގޮސްފައި ވަނިކޮށް، ވެމްކޯއިން ވަނީ ދެވަނަ ސެޓު 16-25 އިން ގެންގޮސް އެއްވަރުކޮށްފައެވެ. އެކަމަކު އަނެއް ދެ ސެޓުގައި ކުލަބު ވޮލީބޯލްއިން ކުޅުން ރަނގަޅުކުރިއިރު، އެ ޓީމުން އެ ދެ ސެޓު ގެންދިޔައީ 26-24 އަދި 25-16 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކުލަބު ވޮލީބޯލަށް ކުޅޭ ތައިލަންޑުގެ ނިލާޕާ ޗަޓްސުދާއެވެ.

މި މުބާރާތުގެ ފޯމެޓް ރޭވިފައި އޮތީ ހަތަރު ޓީމުގެ މެދުގައި ލީގު ބުރެއް ކުޅުމަށް ފަހު، އެއްވަނަ ޓީމަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭ ގޮތަށެވެ. އަދި ފައިނަލުގެ ފަހު ޖާގަ ލިބޭނީ ދެވަނަ އާއި ތިންވަނަ ޓީމުގެ މެދުގައި ސެމީ ފައިނަލެއް ކުޅުމަށް ފަހު، އެ މެޗުން މޮޅުވާ ޓީމަކަށެވެ.