ކުޅިވަރު

ހާލަންޑުގެ ހެޓްރިކާއެކު ސިޓީއަށް ފަސޭހަ މޮޅެއް


އިނގިރޭސި ޕްރިމިއާ ލީގުގައި ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗު އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ކާމިޔާބުކޮށްފިއެވެ.

ސިޓީގެ ދަނދުގައި ކުޅުނު މިމެޗް އެޓީމުން ކާމިޔާބުކޮށްފައިވަނީ އަރލިން ހާލަންޑްގެ ހެޓްރިކާއެކު 3-0 ގެ ނަތީޖާއަކުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީއިންނެވެ. ނަމަވެސް ވުލްްވްސްއިން ވަނީ މެޗްގެ 40 މިނެޓާއި ހަމައަށް ސިޓީއަށް ލަނޑެއް ޖެހުނަނުދީ ހިފަހައްޓާލާފައެވެ. މިމެޗްގައި ހާލަންޑް އޭނާގެ ފުރަތަމަ ލަނޑު މެޗްގެ 40 ވަނަ މިނެޓްގައި ޖަހާދިނީ ކެވިން ޑި ބްރުއިނަރ ނަގާދިން ހުރަހަކުންނެވެ.

އަދި ސިޓީގެ ދެވަނަ ލަނޑު މެޗްގެ 50 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީވެސް ހާލަންޑެވެ. އަދި އޭނާގެ ހެޓްރިކް ފުރހަމަ ކޮށްފައިވަނީ އޭގެ ހަތަރު މިނެޓްފަހުން ވުލްވްސްގެ ކީޕަރ ހޯޒޭ ސާ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ރިޔާދު މަރްރެއިޒް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

މިއީ ހާލަންޑް މިސީޒަންގައި ސިޓީއަށް ކާމިޔާބުކޮށްދިން 30 ވަނަ ލަނޑެވެ. އަދި ޕްރިމިއަރ ލީގުގައި ޖެހި 25 ވަނަ ލަނޑެވެ. އެހެންކަމުން އޭނާ މިވަނީ މިދިޔަ ސީޒަންގެ އެންމެ ގިނަ ލަނޑުގެ އަދަދު ކަމަށްވާ 23 ލަނޑަށް ވުރެ ދެ ލަނޑު އިތުރަށް މިހާރުވެސް ކާމިޔާބުކޮށްފައެވެ. އަދި މިއީ އޭނާ ކާމިޔާބުކުރި ހަތަރު ވަނަ ހެޓްރިކެވެ. އަދި އިތުރު ހެޓްރިކެއް ހަދައިފި ކަމަށްވާނަމަ އެލަން ޝިއަރަރ ހަދާފައިވާ އެއް ސީޒަނެއްގައި އެންމެ ގިނަ ހެޓްްރިކް ހެދުމުގެ ރިކޯޑައި އަރާ ހަމަ ކުރެވޭނެއެވެ.

މިކާމިޔާބީއާއެކު ސިޓީއަށް މިހާރުވަނީ 20 މެޗުން 45 ޕޮއިންޓް ލިބިގެން ގޮސްފައެވެ. އަދި އެއްވަނައިގާ އުޅޭ އާސެނަލް އާއި ދެމެދުގައިވާ ފަރަގު ވަގުތު ކޮޅަކަށް ދެ ޕޮއިންޓަށް ކުޑަކުރެވުނު ނަމަވެސް އާސެނަލް ރޭ ކުޅުނު މެޗުން މޮޅުވުމާއެކު އެފަރަގު މިހާރު އަނެއްކާވަނީ ފަސް ޕޮއިންޓަށް އިތުުރު ވެގެން ގޮސްފައެވެ. އަދި ވުލްވްސް މިހާރު އުޅެނީ 17 ޕޮއިންޓާއެކު ތާވަލްގެ 17 ވަނައިގައެވެ.