އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގެ ކަންކަމުގައި އެޕާޓީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލަށް އިތުބާރުކުރައްވާކަމަށް އެ އިންތިޚާބުގައި ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އިންތިޚާބާއި ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ ވޯޓްގެ ސައްކަން ކަށްވަރުކުރުމަށް ކުރަންޖެހޭ ބައެއްކަންކަން ވިދާޅުވެފައެވެ. އެގޮތުން ވޯޓްލާން އަންނަ މީހާގެ އައިޑީކާޑާއި ލިސްޓާއި ދިމާވޭތޯ ބެލުމާއި ވޯޓް ނިމުމަށްފަހު ކަރުދާހުގެ އަދަދު ދިމާވޭތޯ ބެލުން ކަހަލަ ކަންކަން ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ.
ނަޝީދު ވިދާޅުވީ ވޯޓަކީ އެމްޑީޕީ މެމްބަރުންނަށް ވަރަށް ފަރިތަކަމެއްކަމަށާއި އިންސާފުވެރިކަމާއި އެކު ގެންދިއުމަށް ކަންކަން ވަރަށް ރަނގަޅަށް ބެލެހެއްޓިގެންދާނެކަމަށެވެ. ނަޝީދު ވިދާޅުވީ އިންތިޚާބުގެ ކަންކަން އިންސާފުވެރިކަމާއެކު ކުރިއަށް ގެންދިއުމަށް ޕާޓީގެ ޗެއަރޕާސަން ފައްޔާޒުގެ އިންތިޒާމު ކޮމެޓީއަށް އިތުބާރު އެބައޮތް ކަމަށެވެ.
" މިކަންކަމަކީ އެމްޑީޕީ މެމްބަރުން ވަރަށް ފަރިތަކަމެއް. އަޅުގަނޑު ދެކޭގޮތުގައި މި ވޯޓު ރަނގަޅަށް ސެކިއުރކޮށް އިންސާފުވެރިކަމާ އެކީ ގެންދިއުމަށް ވޯޓު ރަނގަޅަށް ބެލެހެއްޓިގެންދާނެ. އަޅުގަނޑަށް އިތުބާރު އެބައޮތް ޗެއާޕާސަންގެ މައްޗަށް އަދި އިންތިޒާމު ކޮމިޓީއަށް." ނަޝީދު ވިދާޅުވިއެވެ.
ނަޝީދު މިހެން ވިދާޅުވާއިރު އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުން ދަނީ އިންތިހާބުގެ ސައްހަކަމާއި މެދު ސުވާލު އުފައްދަމުންނެވެ. އިންތިޚާބުގެ ވަގުތު ކުޑަތަންވަމުން އަންނައިރު ދެ ކެންޑިޑޭޓުންގެ ކެޕްމެއިން ޓީމުތަކުން ގެންދަނީ އެއްބަޔަކު އަނެއް ބަޔަކަށް ބަހުގެ ހަމަލާތައް ދެމުންނެވެ.