ޚަބަރު

ގަވާއިދާ ޚިލާފަށް ރިސޯޓެއްގައި ބަނދަރެއް ހެދި މައްސަލައެއްގައި 28 މިލިއަނުން ޖޫރިމަނާ


ތިމާވެއްޓަށް ގެއްލުންވާ މިންވަރު ބަލާ ރިޕޯޓް ހެދުމެއްނެތި ރިސޯޓެއްގައި ބަނދަރެއް ތަރައްޤީކުރި މައްސަލައެއްގައި ހުރުއެޅި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް 28މިލިއަނަށްވުރެ ބޮޑު އަދަދަކުން ޖޫރިމަނާކޮށްފިއެވެ.

އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ އީޕީއޭއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އދ.ހުރުއެޅި ނުވަތަ ރެޑިސަން ބްލޫ މޯލްޑިވްސްގައި، އީއައިއޭ މަރުހަލާ ފުރިހަމަނުކޮށް ގޮނޑުދޮށް ޙިމާޔަތްކުރުމުގެ ބައެއް މަސައްކަތްތައް ކުރިއަށްގެންދިޔަ މައްސަލައެއް އެ އެޖެންސީން ބަލާފައިވާކަމަށެވެ.

މިކަމާއި ގުޅިގެން އެ ކުންފުނިން އީޕީއޭއަށް ފޮނުވާފައިވާ ރިޕޯޓްގައިވާގޮތުން 1055 އަކަމީޓަރުގެ ސަރަޙައްދެއް ކޮނެ، 1582 ކޮޑިމީޓަރުގެ ވެލި ނަގާ 60 މީޓަރުގެ ބަނދަރެއް ތަރައްޤީކޮށް، އެތަނުން ނެގި ވެލި ބަނދަރު ކީވޯލްގެ ފަހަތަށް އަޅާފައިވާކަން ހާމަވެފައިވާކަމަށެވެ. މި މަސައްކަތް ކުރިއަށްގެންދިޔައީ މިދިއަ އަހަރު ޖުލައި އިން ސެޕްޓެމްބަރުގެ ނިޔަލަށެވެ.

ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން އދ.ހުރުއެޅީގެ ބަނދަރު މަސައްކަތް އީއައިއޭ މަރުހަލާ ފުރިހަމަނުކޮށް ކުރިއަށް ގެންގޮސްފައިވާތީ 20000 ރުފިޔާއިންވަނީ ޖޫރިމަނާކޮށްފައެވެ. އަދި ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން 28،469،525 (އަށާވީސް މިލިއަން ހަތަރު ލައްކަ ފަސްދޮޅަށް ނުވަހާސް ފަސްސަތޭކަ ފަންސަވީސް) ރުފިޔާއިން ހުރުއެޅި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ވަނީ ޖޫރިމަނާކޮށްފައެވެ.

އަދި މިޖޫރިމަނާގެ ޖުމްލަ ފައިސާގެ އަދަދު ކަމަށްވާ 28،489،525 (އަށާވީސް މިލިއަން ހަތަރު ލައްކަ އަށްޑިހަ ނުވަހާސް ފަސްސަތޭކަ ފަންސަވީސް)ރުފިޔާ، ސަރުކާރުގެ ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި އީޕީއޭއަށް ދެއްކުމަށް އެކުންފުންޏަށް 19 ޖެނުއަރީގައި އަންގާފައިވާ ކަމަށް އީޕީއޭއިންވަނީ ހާމަކޮށްފައެވެ.