ސަރުކާރުގެ ގެދޮރުވެރިން ޕްރޮގްރާމުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމަށް ގުޅަމުންދާތީ އެކަމަށް ސަމާލުވުމަށް މިނިސްޓްރީއޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގް އެންޑް އިންފްރާސްރަކްޗަރ އިން އިލްތިމާސްކޮށްފިއެވެ.
ހައުސިންގ މިނިސްޓްރީން ވިދާޅުވީ، އެމިނިސްޓްރީން ކުރިޔަށް ގެންދާ ގެދޮރުވެރިން ޕްރޮގްރާމްގެ ދަށުން "ގެދޮރުވެރިޔާ/ބިންވެރިޔާ ސްކީމް" އާ ގުޅޭގޮތުން ބައެއް ފަރާތްތަކާއި ގުޅައި، ފޯމާއިއެކު މަދުވާ ކަމަށް ބުނާ ޑޮކިއުމަންޓްތަކެއް ހުށަހެޅުމަށް ގުޅަމުންދާކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށެވެ. 9349119 މޯބައިލް ނަންބަރުން އެކި ފަރާތްތަކަށް ގުޅަމުންދާކަން ފާހަގަވެފައިވާކަމަށާއި، އެ ނަންބަރުން އެމިނިސްޓްރީގެ ރިސެޕްޝަނަށް ކޯލް ޑައިވާރޓް ކޮށްފައިވާކަންވެސް ފާހަގަވެފައިވާކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވިއެވެ.
އެ މިނިސްޓްރީން ވިދާޅުވީ، މިދިޔަ އަހަރުގެ 15 އޮކްޓޯބަރ ވީ ހޮނިހިރު ދުވަހުގެ ރޭ 23:00 ގެ ފަހުން އެމިސްޓްރީއިން އެއްވެސް ރައްޔިތެއްގެ މައުލޫމާތު ހޯދުމަށް ނުވަތަ ޑޮކިއުމެންޓެއް ހުށައެޅުމަށް އެއްވެސް މުއާމަލާތެއް ކުރިއަށްގެންގޮސްފައި ނުވާނެކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ފޯނުން ގުޅައިންގެން އެއްވެސް މުއާމަލާތެއް އެއްވެސް ފަރާތަކާއިއެކު އެމިނިސްޓްރީއިން ކުރިއަށް ނުގެންދާނެކަމަށް ވިދާޅުވިއެވެ.
މާލެ ސަރަހައްދުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލު ގެނެސްދިނުމުގެ ގޮތުން ސަރުކާރުން ހުޅުމާލޭ ތަރައްޤީކުރާ 4000 ހައުސިން ޔުނިޓްގެ ބައެއް ތަންތަން އަންނަ އޯގަސްޓް މަހުގެ ކުރިން ހަވާލުކުރާނެކަމަށް ވަނީ ވިދާޅުވެފައެވެ.
މީގެ ކުރިންވެސް ސަރުކާރާއި ބައެއް ކުންފުނިތަކުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދާތީ އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވެއެވެ.