މާލޭގެ ގެއެއްގައި ރަޙުމްކުޑަގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުހައްމަދު ސައީދު މަރުގެ މައްސަލާގައި ދަޢުވާ ލިބޭ ޢަލީ ޝާހިލަށް ދަޢުލަތުގެ ޚަރަދުގައި ވަކީލަކު ހަމަޖައްސަން ކްރިމިނަލް ކޯޓުން ފުރުޞަތު ދީފިއެވެ.
އުމުރުން 22 އަހަރުގެ ޝިއާއުގެ މަރާލާފައި އޮއްވާ ފެނުނީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ 7 ވަނަ ދުވަހު ރެއެވެ. ހ. ޝީރީންވިލާއިން ޝިއާއުގެ ހަށިގަނޑު ފެނުނިއިރު ބޮޑެތި އަނިޔާތަކެއް ދީފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ
ޝިއާއުގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ފ. ނިލަންދޫ، ފިނިފެންމާގޭ، ޢުމުރުން 23 އަލީ ޝާހިލްގެ މައްޗަށެވެ. އޭނާގެ މައްޗަށް 5 ދައުވާއެއް ދައުލަތުން ވަނީ އުފުލާފައެވެ. އޭނާގެ މައްޗަށް ކުރާ ދައުވާގެ ޝަރީޢަތް ކުރިއަށްގެންދަނީ ސިއްރުކޮށްގެންނެވެ. މިއަދު ވަނީ އެ މައްސަލާގައި ފުރަތަމަ އަޑުއެހުން ބާއްވާފައެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވީ، މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ޚަރަދުގައި ވަކީލަކު ހަމަޖައްސަން ކޯޓުން ފުރުޞަތު ދީފައިވާކަމަށެވެ.
ޤާނޫނު އަސާސީ ބަޔާންކުރާގޮތުގައި ޖިނާޢީ ބޮޑެތި މައްސަލަތަކުގައި ދައުވާލިބޭ ފަރާތުން، އަމިއްލަ ޚަރަދުގައި ޤާނޫނީ ވަކީލަކު ހޯދޭނެ ތަނަވަސްކަން ނެތްނަމަ ދައުލަތުގެ ޚަރަދުގައި ވަކީލަކު ހަމަޖައްސައިދޭން ޖެހެއެވެ. މާލީ ތަނަވަސްކަން ހުރިތޯ ބަލާނީ ބަންޑާރަ ނާއިބުގެ އޮފީހުން ކަނޑައަޅާ އުސޫލްތަކަކުންނެވެ.
އަލީ ޝާހިލްގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގެ ކުށޫގެ ދައުވާ އާއި، އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާއާއި، ކެނަބިސް ބޭނުންކުރުމުގެ ދައުވާއެވެ. މީގެއިތުރުންވެސް ދެ ދައުވާއެއް އުފުލާފައިވެއެވެ. އެހެންނަމަވެސް އެ ދައުވާތައް ޕީޖީ އޮފީހުން ސިއްރުކޮށްފައިވާތީ ކޯޓުންވެސް އެކަން ހާމަކޮށްފައެއްނުވެއެވެ.
ޝިއާއުގެ މަރުގެ މައްސަލައަށް ޝާހިލްގެ އެއްބާރުލުން އެކަށީގެންވާ ވަރަށް ލިބިފައި ނުވާކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް އޭނާގެ ފޯނު ހުޅުވާ، އޭގެ ޑާޓާތައް ފުލުހުންް ނަގާފައިވާކަންވެސް ފުލުހުން ކުރިންވަނީ ހާމަކޮށްފައެވެ.
މި މައްސަލާގައި ފުލުހުން ބެލި ބެލުމުން މިކަމުގައި އިތުރު އެއްވެސް މީހެއްގެ ބައިވެރިވުމެއް އޮތްކަން ތަހުގީގަށް އެނގިފައި ނުވާކަމަށާ، މިއީ ކުރިން ރޭވިގެން ހިންގާފައިވާ އަމަލެއްކަމަށް ނުބެލެވޭ ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި މައްސަލާގައި 45 މީހުންނަށްވުރެ ގިނަ މީހުންނާ ސުވާލުކޮށް، މައްސަލައާއި ގުޅުންހުރި އެކިއެކި ތަންތަނުގެ ސީސީޓީވީ ފުޓޭޖު ބަލައި ދިރާސާކޮށްފައިވާ ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
އަނިޔާވެރިގޮތަކަށް ޝިއާއު މަރާލާފައި އޮއްވާ ފެނުނީ އޭރު ޝާހިލް ދިރިއުޅެމުން ދިޔަ ގޭ ތެރެއިންނެވެ. ފުލުހުން ވިދާޅުވީ ޝިއާއުއަށް ދީފައިވާ ބައެއް އަނިޔާތަކަކީ އޭނާ މަރުވިފަހުން ދީފައިވާ އަނިޔާތައްކަމަށެވެ.