ކޯވީޑްގެ ބަލިމަޑުކަމަށްފަހު ފުރަތަމަ ފަހަރަށް ޤައުމީ ކަބް ސްކައުޓްގެ ފުރަތަމަ ހަރަކާތް ބާއްވައިފިއެވެ.
ކަބް ސްކައުޓް އަދި ސްކައުޓްގައި އުޅޭ ދަރިވަރުންގެ ދިރިއުޅުމުގެ ހުނަރު ތަރައްޤީކޮށް، ދިރިއުޅުމަށް ބޭނުންވާ އެކި ކަންކަން ދަސްކޮށްދިނުމަށް ކުރިއަށް ގެންދިޔަ ހަރަކާތް ބާއްވާފައިވަނީ އިއްޔެ ހެނދުނު 09:00 އިން އިރުއޮއްސި 06:00އާއި ހަމައަށެވެ.
? from National Cub Rally and Pre-Cub Funday organised in partnership with @hdcmaldives @MyHulhumalemv#scouts #scoutsmaldives #Cubs pic.twitter.com/tCrjUNGXzb
— The Scout Association of Maldives (@ScoutsMaldives) January 21, 2023
މި ހަރަކާތުގައި މާލޭގެ ސްކޫލްތަކުގެ އިތުރުން ކ، ވ އަދި މ އަތޮޅުގެ 26 ސްކޫލް ހިމެނޭހެން 1400 ކުދިން ބައިވެރިވެފައިވެއެވެ. މިފަހަރުގެ ސްކައުޓް ހަރަކާތް ކުރިއަށް ގެންދިޔައީ އެޗްޑީސީއާއި ގުޅިގެންނެވެ. މި ހަރަކާތުގައި ސްކައުޓުންގެ އެންމެ ހަގު ބޮޑީ ޕްރީ ކަބްވެސް ބައިވެރިވެފައިވެއެވެ.
ސްކައުޓުންނަކީ މުޖުތަމަޢުތެރޭގައި ހުންނަ ގިނަ ކަންކަމުގައި އެހީތެރިވުމުގެ ނަމޫނާ ޒަމާނުއްސުރެ ދައްކަމުން އަންނަ ޖަމާޢަތަކެވެ. އަޚުލާގީ މިންގަނޑު ހިފަހައްޓާ ޤައުމަށް ބޭނުންޖެހޭ ކޮންމެ ދަނޑިވަޅެއްގައި ގިނަ ޤުރުބާނީތަކެއް ވާންޖެހުނުނަމަވެސް ކުރީ ސަފުގައި ތިބޭ އެއްބަޔަކަށް ސްކައުޓުންވެއެވެ.
މީގެ ކުރިން ހަމައެކަނި ސެކަންޑަރީން ފެށިގެން ހަޔަރ ސެކަންޑަރީއާ ހަމައަށް ސްކައުޓުން ޙަރަކާތްތެރިވި ނަމަވެސް ސްކޫލް ކުދިންގެ މެދުގައި އިތުރު ޙަރަކާތެއްގެ ގޮތުގައި ކުރިއަށްގެންދާ އެންމެ މަޤުބޫލު ޙަރަކާތަކަށް މިޙަރަކާތްވެ ޕްރީ ކަބްސްކައުޓްއިން ފެށިގެން އެޑަލްޓް ލީޑަރސްއާއި ހަމައަށް ސްކައުޓުންގެ ޙަރަކާތް މިހާރުވަނީ ފުޅާކޮށްފައެވެ.