ސްވިޑެންގެ ސިޔާސީ މީހެއް ކަމުގައިވާ ރާސްމުސް ޕަލުޑެން މުޞްޙަފެއްގައި ރޯކޮށްލައި ފުރައްސާރަކޮށް ހިންގި އަމަލު ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ރަސްމުސް ޕަލޫދާން މިއަމަލު ހިންގާފައިވަނީ މިމަހުގެ 21 ވަނަ ދުވަހުއެވެ.
މިއަމާލާއި ގުޅޭގޮތުން މިނިސްޓްރީ އޮފް ފޮރިން އެފައަރޒުން ނެރުނު ބަޔާނެއްގައި ވިދާޅުވީ އިޖްތިމާޢި އެއްބައިވަންތަކަން ދަމަހައްޓަން ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެކަމަށެވެ. އެހެންނަމަވެސް، އިސްލާމްދީނަށް ފުރައްސާރަކޮށް ކުރާ އެފަދަ އަމަލުތަކުގެ ސަބަބުން ކެތްތެރިކަމާއި އެއްބައިވަންތަކަމުގެ އަސާސްތައް ދަމަހައްޓަން ކުރާ ހުރިހާ މަސައްކަތަކަށް ބުރޫ އަރާކަމަށް މިނިސްޓްރީގެ އެބާޔާނުގައިވެއެވެ. އަދި މިފަދަ ޢަމަލުތަކުގެ ސަބަބުން މުޖުތަމަޢުގައި ނަފްރަތާއި ހަރުކަށި ފިކުރު އިތުރުކުރުވުމަށް މަގުފަހިވާކަމަށްވެސް އެބަޔާނުގައިވެއެވެ.
ޕަލުޑެން މުޞްޙަފެއްގައި ރޯކޮށްލައި، މުސްލިމުންނާއި އިސްލާމީ އުންމަތަށް ފުރައްސާރަކޮށްފައި ވަނީ، ސްވިޑްންއިން ނޭޓޯގެ މެންބަރު ޤައުމަކަށްވުމަށް ކުރަމުންދާ މަސައްކަތަށް ތުރުކީވިލާތުން ހުރަސްއަޅާކަމަށް ތުހުމަތުކޮށް ކުރި މުޒާހަރާއެއްގެ ތެރެއިންނެވެ. މި މުޒާހަރާ ބާއްވާފައި ވަނީ، ސްޓޮކްހޯމްގައި ހުންނަ ތުރުކީވިލާތުގެ އެމްބަސީ ކުރިމަތީގައެވެ.
ޕަލުޑެން މުޒާހަރާ ބާއްވާފައި ވަނީ ސްވިޑްންގެ ފުލުހުންގެ އިދާރާއިން ހުއްދަ ހޯދައިގެންނެވެ. އިސްލާމް ދީނަށާއި މުސްލިމް އުންމަތަށް ފުރައްސާރަކުރުމުގެ ނިޔަތުގައި މި ފަދަ މުޒާހަރާއެއް ބާއްވަން ހުއްދަ ދިނުމުން ސްވިޑްންގެ ސަރުކާރަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. އަދި، މުސްލިމް އުންމަތުން ދަނީ އެ ކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމުންނެވެ.