މިސަރުކާރުން ގދ.ތިނަދޫ ތަރައްޤީކުރަނީ، އެރަށަށް ސިޓީއެއްގެ ދަރަޖަ ދިނުމުގެ ވިސްނުމުގައިކަމަށާއި، އެމަނިކުފާނު ދެން އެރަށަށް ވަޑައިގަންނަވާނީ އެ ދަރަޖަ ދެއްވުމަށްފަހުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ގދ.ތިނަދޫގައި އެމަނިކުފާނުގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ތިނަދޫގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް ހުރިކަމަށެވެ. މިސަރުކާރުގެ ތަރައްޤީގެ ސިޔާސަތުގައި ތިނަދޫ މުހިންމުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ސިޓީއަކަށް ބަދަލުކުރުމަށް ބޭނުންވާ ހުރިހާ ވަސީލަތެއް އެރަށުގައި ޤާއިމްކުރައްވާނެކަމަށެވެ. އެގޮތުން ބައިނަލްއަޤްވާމީ ވިޔަފާރި ބަނދަރެއް ތަރައްޤީކުރުމުގެ ފުރަތަމަ ފިޔަވަހި މިހާރު ފަށައިގެން ކުރިއަށްދާކަމަށާއި، ތިނަދޫ ކައިރީގައި ބައިނަލްއަޤްވާމީ އެއަރޕޯޓެއް އެޅުމުގެ އިތުރަށް އެ ސަރަހައްދުގައި ޓޫރިޒަމް ފުޅާކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ތިނަދޫގައި މިހާރު ހުރި ހޮސްޕިޓަލް އިތުރަށް ތަރައްޤީ ކުރުމުގެ އިތުރުން، ޓާޝަރީ އައު ހޮސްޕިޓަލެއް އަޅުއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެ މަޝްރޫޢު މިހާރު އޮތީ ޓެންޑަރިން މަރުހަލާގައިކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. އަދި އެރަށު ފަޅުގައި ޕިކް ނިކް އައިލެންޑެއް ތަރައްޤީކުރައްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ގިނަ ޢަދަދެއްގެ ސަޕޯޓަރުންނާއި މުޚާޠަބު ކުރައްވަމުން ރައީސް ވަނީ އެރަށުގައި އެޅުމަށް ސަރުކާރުން ކަނޑައެޅި 200 ހައުސިންގ ޔުނިޓްގެ ޢަދަދު އިތުރުކުރުމަށް ނިންމާފައިވާކަމަށްވެސް ވިދާޅުވެފައެވެ. އަދި މަގުހެދުމާއި، ފެން ހިންދުމުގެ ނިޒާމް ޤާއިމްކުރުމާއި، އިންޖީނުގެ އެޅުންފަދަ މަޝްރޫޢުތައް މިވަގުތުވެސް ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އެރަށު ހިއްކި ބިމުން މާ ލަސްތަކެއްނުވެ ގޯތި ދޫކުރަން ކައުންސިލުން އިއުލާންކުރާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ބަރާބަރު ސިޓީއަކަށް ބޭނުންވާނެ ހުރިހާ ވަސީލަތްތަކެއް ނިންމާނަން އަޅުގަނޑުމެން. މިއަދު އަޅުގަނޑުމެން އެދިފަވާނެ މިރަށުގެ ކައުންސިލްގަ އެދިފަވާނެ ދެން ހުރި ކަންތައް. އަބާދީގެ ޢަދަދު އަޅުގަނޑުމެންނާއި ހަމައަށް ފޮނުވަން. އިރާދަކުރެއްވިޔާ މި އިންތިޚާބަށްފަހު މާލަސްތަކެއް ނުވެ މިރަށް ސިޓީއަކަށް ބަދަލުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް އަޅުގަނޑު އަންނާން." ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.
ގދ.ތިނަދޫގެ އާބާދީ 10،000އާއި ގާތްކުރެއެވެ. އަދި އެރަށުގައި މިހާރު ދިރިއުޅޭ މީހުންގެ އާބާދީއާއެކު އެޢަދަދު އެއަށްވުރެ އިތުރުވާނެކަމަށް އެރަށު ރައްޔިތުން ބުނެއެވެ. ޤާނޫނު ބުނާގޮތުން ސިޓީއެއްގެ ދަރަޖަ ރަށަށް ލިބިގެންދާނީ އެރަށެއްގެ އާބާދީގައި 10،000 މީހުން ހަމަވާނަމައެވެ. މިވަގުތު ސިޓީގެ ދަރަޖަ ދީފައިވަނީ މާލެ ސިޓީގެ އިތުރުން އައްޑޫ ސިޓީއާއި، ފުވައްމުލައް ސިޓީގެ އިތުރުން ކުޅުދުއްފުށީ ސިޓީއަށެވެ.