މިއަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީން ކާމިޔާބުނުކޮށް، ކުރިއަށް ހުރި އެހެން އިންތިޚާބުތައް ކާމިޔާބުކުރުމަކީ ދަތިކަމަކަށް ވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ފުވައްމުލަކުގައި ބޭއްވި ކެމްޕެއިން ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ފުވައްމުލަކުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، އެމްޑީޕީގެ މެންބަރުންގެ ކުރިމަތީގައި އޮތީ، މުޅި ރާއްޖެއަށް އެމަނިކުފާނުގެ ސަރުކާރުން ގެންނަ އިސްލާހީ ބަދަލުތަކާއި، ތަރައްޤީއާއި، ހޭލުންތެރިކަމާ، އެނޫންވެސް ރައްޔިތުންގެ ކުރިއެރުމަށް ކުރައްވާ މަސައްކަތައް ފަހަތަށް ދާނީތޯ، ނުވަތަ އެކަންކަމާއިގެން ކުރިއަށް ދާނީތޯ އޮތް ސުވާލުކަމަށެވެ. އެއްގޮތަކީ ކުރިއަށްގޮސް، އެ ބާރުމިނުގައި ގޮސް މަގުމަތިވުންކަމަށާއި، ނުވަތަ ސިއްހަތާއި، ތައުލީމާއި، އެނޫންވެސް އަސާސީ ޚިދުމަތްތައް ގެނައުމަށް ކުރާ މަސައްކަތައިގެން ކުރިއަށްދާނީތޯ ރައީސް ސުވާލުކުރެއްވިއެވެ.
ރައީސް ވިދާޅުވީ، އެމްޑީޕީން ބޭނުންވާ ތަރައްޤީ ގެނެވޭނީ ވެރިކަމުގައި އެޕާޓީ އޮވެގެންކަމަށެވެ. ވެރިކަމަށް އާދެވޭނެގޮތް ވަރަށް ސާފުކަމަށް ވިދާޅުވަމުން ރައީސް ވަނީ އެމްޑީޕީގެ މެންބަރުން އެކަމަށް ވިސްނާފައި، ވެރިކަމަށް އެމްޑީޕީއަށް އާދެވޭނެ ގޮތް ޚިޔާރުކުމަށް އެދިވަޑައިގެންފައެވެ.
ރައީސްގެ ވާހަކަފުޅުގައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެމްޑީޕީން ކާމިޔާބުނުކޮށް، އޭގެ ފަހުން އަންނަ އިންތިޚާބުތައް ކާމިޔާބު ކުރުމަކީ ދަތި އުނދަގޫކަމަކަށްވާނެކަމަށް ވިދާޅުވިއެވެ.
"ބައެއް ދާއިރާތަކުގައި ބައެއް ބޭފުޅުންނަށް 2023އަށްވުރެ ކުރިން 2024 ކުރިއަށް އެބަ އާދޭ. ވިސްނަވަންވާނެ. ވޭތުވެދިޔަ ތަނުގައި ކަންތައް ވެފައި އޮތްގޮތް. ރައްޔިތުންގެ މަޖިލިސް ކަމަށްވިޔަސް، ކައުންސިލް އިންތިޚާބުކަމަށްވިޔަސް. ވެރިކަމުގައި ތިބި ބަޔަކަށް ނޫނިއްޔާ ރައްޔިތުންގެ މަޖިލީހެއްވެސް ނެތް "ވިން" [ކާމިޔާބު] ކުރެވިފައެއް. 2008ގައިވެސް އެކަންވީ އެހެން. 2013ގައިވެސް އެކަންވީ އެހެން. 2013ގައި ވެރިކަމުގަ އޮތީ ޕީޕީއެމް. ޕީޕީއެމުން ބޮޑުތަކުން މަޖިލިސް ނެގި. ކައުންސިލްތައް ނެގި. 2018ގައި އަޅުގަނޑުމެން ވެރިކަމަށް އައިސް ބޭއްވި މަޖިލިސް އިންތިޚާބު ބޮޑުތަނުން އަޅުގަނޑުމެން ކާމިޔާބު ކޮށްގެން މިތިބީ. ކައުންސިލްތައްވެސް ކާމިޔާބު ކުރިން." ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުގެ ތަރައްޤީގެ އެޖެންޑާގައި ފުވައްމުލަކަކީ ޚާއްޞަ ސިޓީއެއްކަމަށެވެ. މީގެ ކުރީގެ ސަރުކާރުކާރުތަކުން ފުވައްމުލައް ސިޓީގައި މަސައްކަތްތަކެއް ކުރަން ފެށިކަމަށާއި، ނަމަވެސް މިސަރުކާރު އައުމަށްފަހު ކުރިންކުރި އެތައްކަމެއް ދެވަނަ ފަހަރަށް ކުރަންޖެހުނުކަން ރައީސް ފާހަގަކުރެއްވިއެވެ. ސަބަބަކީ އޭރު އެއްވެސް ރޭވުންތެރިކަމެއް އަދި ޕްލޭނެއްނެތި ބައެއް މަޝްރޫޢުތައް ހިންގާފައި ހުރުމުންކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"މިސާލަކަށް މިރަށުގެ ނަރުދަމާ ނިޒާމް. ބޮޑު ހޭދައެއް ކޮށްގެން ކޮށްފައި އޮތްކަމެއް. އެހެންނަމަވެސް މަގުމަތިން އޭރު ކޯދު ލާފައި އަރަނީ ކޮން އެއްޗެއްތޯ؟ ގޭގޭތެރެއިން. ދިރިއުޅެވެން ނެތް. މީހަކަށް ހަމަ ނޭވާލެވެން ނެތް. ބޮޑު ޚަރަދުކޮށްގެން އިރާދަކުރެއްވިއްޔާ މިއަދު މިވަނީ އެކަމުން ސަލާމަތްވެވިފައި." ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފުވައްމުލަކުގެ މަގުތައް ތަރައްޤީކުރަމުން އަންނަނީ އެސިޓީގެ ރައްޔިތުންނާއި ކައުންސިލްގެ ލަފައާއެކުކަމަށެވެ. އެގޮތުން އެރަށުގެ ބޮޑުމަގާއި އެތެރޭގެ މަގުތައް ތަރައްޤީކުރުން ބާރަށް ކުރިއަށްދާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އެސިޓީގެ ގިރާ ސަރަހައްދުވެސް ހިމާޔަތްކުރުން ބާރަށް ކުރިއަށްދާކަމަށެވެ. އެ މަޝްރޫއާއެކު އެސަރަހައްދުގައި ބޮޑު މަގެއް ހެދޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން އެރަށުގެ ސްކޫލްތަކަށް ބޮޑު ބަދަލެއް ގެނެވެމުންދާކަމަށާއި، ސިއްޙީ ދާއިރާއިން ހޮސްޕިޓަލް ބޮޑުކުރުމުގެ މަސައްކަތްވެސް ނިމިފައިވާކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ދެން އޮތީ ހޮސްޕިޓަލުގައި އިތުރު އައު ޚިދުމަތްތައް ފެށުންކަމަށާއި، އޭގެތެރޭގައި ސީޓީ ސްކޭންގެ ޚިދުމަތް ވަރަށް އަވަހަށް ފަށްޓަވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އޭގެ ފަހުން އައު ހޮސްޕިޓަލެއްވެސް ތަރައްޤީކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފުވައްމުލަކު ބަނދަރުގެ ދަތިކަން ހައްލުކުރުމަށް ބަނދަރު ބޮޑުކުރެވޭނެ ގޮތްތަކެއް ބަލަމުން އަންނަކަމަށެވެ. އަދި އެރަށު މަސްވެރިކަން ބާނާ މަސް އެރަށް ގަނެވޭނެ އިންތިޒާމް ހަމަޖެއްސުމަށް އެސްޓީއޯއާއި ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފުވައްމުލަކު ރައްޔިތުން އެދޭ ބަދަލު ގެންނަވާނެކަމަށާއި، އެކަން ކުރެވޭނީ ވެރިކަމުގައި ތިބެގެންކަމަށެވެ.