މިސަރުކާރުގެ އިތުބާރު ގެއްލުވާލައި ސަރުކާރަށް ގެއްލުން ދޭން ބައެއް ފަރާތްތަކުން މަސައްކަތްކުރަނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަކީ ވަކި މީހަކު ބުނާގޮތަށް ކަންތައްކުރައްވާނެ ނުވަތަ އެއްވެސް މީހެއްގެ "ޕަޕެޓަކަށް" ނުވާތީކަމަށް މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ. މަޚްލޫފް މިހެން ވިދާޅުވީ ރޭ އޮތް ރައީސް ޞާލިޙްގެ ކެމްޕެއިން ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރިވަނީ ވަރަށް ގަދަވެފައެވެ. ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ވަރަށް ވާދަވެރި ކެމްޕެއިނެއް ކުރައްވަމުންނެވެ. މި ކެމްޕެއިންގައި ރައީސް ނަޝީދު ގެންދަވަނީ މިސަރުކާރާއި، ރައީސް ޞާލިޙްގެ ބައެއް ސިޔާސަތުތަކަށް ފާޑުވިދާޅުވަމުންނެވެ.
ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ކެމްޕެއިން ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މަޚްލޫފް ވިދާޅުވީ، ސިޔާސީ ބައެއް ފަރާތްތަކުން ރައީސް ޞާލިޙާއި މިސަރުކާރު ބަދުނާމުކުރަނީ، އެފާރާތްތަކުން ވިދާޅުވާހާ ގޮތަށް ޢަމަލުނުކުރައްވާތީކަމަށެވެ. މަޚްލޫފް ވިދާޅުވީ ކޮންމެ ބޭފުޅަކުވެސް ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ވާދަކުރުން ބަލައިގަނެވޭނެކަމަށާއި، ނަމަވެސް ހަގީގަތް އޮޅުވާލައިގެން ވެރިކަމަށް އައުމަށް މަސައްކަތްކުރުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ.
މަޚްލޫފް ވިދާޅުވީ ވޭތުވެދިޔަ 4 އަހަރު އިދިކޮޅު ސިޔާސީ ފަރާތްތަކުން ސަރުކާރަށް ގެއްލުން ނުދޭ މިންވަރަށް އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް މަޖިލިސް މެންބަރުން ސަރުކާރަށް ގެއްލުން ދެމުން އަންނަކަމަށެވެ. މަޚްލޫފް ވަނީ އެ މެންބަރުން ސަރުކާރާއި ރައީސް ޞާލިޙް ބަދުނާމްކުރުމަށް މަސައްކަތްކުރައްވާކަމަށް ތުހުމަތުކުރައްވާފައެވެ.
"މައްސަލައަކީ ތިމާ އެންމެ ބޭނުންވާ މީހާ މިވަގުތު މިރާއްޖޭގެ ވެރިކަމުގައި ނެތުން. މައްސަލައަކީ ރާއްޖޭގެ ކުޑަ ރަށެއްގެ ރައްޔިތަކު މިރާއްޖޭގެ ވެރިކަން ކުރާތީ. މިއީ ހަމައެކަނި މާލެ މީހުން ކުރަން އޮތް އެއްޗެއް ނޫނޭ ވެރިކަމަކީ. މައްސަލައަކީ ވަކި ބޭފުޅަކު ބޭނުންވާ ގޮތަށް މަގާމުތަކަށް މީހުން އައްޔަނު ނުކުރުން، މައްސަލައަކީ ވިދާޅުވާހާ ގޮތަކަށް ޕަޕެޓެއްހެން ވެރިކަން ކުރަމުން ނުގެންދިއުން. ހުރިހާ ކަމެއް ވިދާޅުވާ ގޮތަކަށް ނުކުރެވޭނެ." މަޚްލޫފް ވިދާޅުވިއެވެ.
މަޚްލޫފް ވިދާޅުވީ ފާއިތުވި 50 އަހަރު ރަށްރަށުގައި ތަރައްޤީގެ މަޝްރޫޢުތައް ނުހިންގާ މިންވަރަށް މަޝްރޫޢުތައް މިސަރުކާރުން ހިންގަމުން އަންނަކަމަށެވެ. މިސަރުކާރުން ތަރައްޤީ ގެންނަނީ އެއްވެސް ރަށެއް ތަފާތު ކުރުމެއް ނެތިކަމަށްވެސް މަޚްލޫފް ވިދާޅުވިއެވެ. ނަމަވެސް މިސަރުކާރުގެ ޕްރޮޖެކްޓްތަކަކީ ބިލާހެއްކަމަށް ދެއްކުމަށް އެމްޑީޕީގެ ބައެއް މެންބަރުން މަސައްކަތްކުރާކަމަށްވެސް މަޚްލޫފް ތުހުމަތުކުރެއްވިއެވެ.
"ސަރުކާރުގެ އިތުބާރު ގެއްލުވާލުމަށް އިންތިހާއަށް މަސައްކަތްކޮށްފި. މިސަރުކާރުން ކުރިއަށް ގެންދާ އެތައް ހާސް ޕްރޮޖެކްޓްތަކަކީ ބިލާހެއްކަމަށް ހަދަން މަސައްކަތްކޮށްފި. ދޮގު އެއީ ތެދުކަމަށް ޤަބޫލުކުރާވަރުކޮށްފި." މަޚްލޫފް ވިދާޅުވިއެވެ.
މިސަރުކާރުން ވޭތުވެދިޔަ އެއްވެސް ސަރުކާރަކުން ތަރައްޤީގެ މަޝްރޫޢު ކުރިއަށް ނުގެންދާ މިންވަރަށް ތަރައްޤީގެ މަޝްރޫޢުތައް ހިންގާފައިވާކަަމށް ސަރުކާރުން ވިދާޅުވެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮންނާނީ އަންނަ ހޮނިހިރު ދުވަހެވެ. އެމްޑީޕީގެ ޕްރައިމަރީއަކީ ސިޔާސީ ޕާޓީއަކުން ބާއްވާ އެތެރޭގެ އެންމެ ވާދަވެރި އިންތިޚާބެވެ.