ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު ކުރާނެ އެއްވެސް ސިޔާސީ މަސައްކަތެއް ނޯންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގައި ކުރިޔަށްދާ ކެންޕެއިންގެ ތެރައިން ބޭއްްވި ޖަލްސާއެއްްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގެ ފޯރިވަނީ ވަރަށް ގަދަވެފައެވެ. ޕްރައިމެރީގައި ވާދަކުރައްވާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ކެމްޕެއިން ދަތުރުތައް ކުރައްވަމުންނެވެ.
ޕްރައިމެރީގައި ވާދަކުރައްވާ ރައީސް ނަޝީދު ވަނީ ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރައްވާ މޭރުމަކުން ވާހަކަފުޅު ދައްކަވާފައެވެ. ޕްރައިމެރީގެ ތެރެއިން މިރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވަނީ ނަޝީދުގެ ވާހަކަފުޅުތަކަށް ރައްދުދެއްވާފައެވެ.
ރައީސް ޞާލިޙް ވިދާޅުވީ ކުރީގެ ރައީސް ޔާމީނާއއި އެކު އެމަނިކުފާނު ކުރައްވާނެ އެއްވެސް މަސައްކަތެއް ނޯންނާނެކަމަށެވެ. އަދި އެކަމަށް ތާއީދުވެސް ނުކުރައްވާނެކަމަށެވެ.
"ނުކުރެވޭނެ އަދި ކުރަން ހެޔޮނުވާވަރުގެ ކަންކަން ހުންނާނެ. ރައީސް ޔާމީން އަޅުގަނޑަކަށް އޯކޭއެއް ނޫން. ޔާމީނާއެކު ކުރާނެ އެއްވެސް މަސައްކަތެއް ނޯންނާނެ. އެކަމެއް ނުކުރާނަން." ރައީސް ޞާލިޙް ވިދާޅުވިއެވެ.
ރައީސް ޞާލިޙް އެމަނިކުފާނަށް ތާއީދުކުރައްވާ އެތައް ސަތޭކަ ބަޔަކާއި އެކު ބޭއްވި ޖަލްސާގައި ވަނީ އެމްޑީޕީއަށް ދެވަނަ ދައުރެއް ހޯދުމުގެ މުހިއްމުކަމުގެ މައްޗަށް ވާހަކަ ދައްކާފައެވެ. އަދި މިހާތަނަށް ސަރުކާރުން ނިންމާފައިވާ ބައެއް މަޝްރޫއަތަކުގެ ތަފްސީލުތައްވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގެ ވޯޓްލުން އޮންނާނީ އަންނަ ހަފްތާގެ ހޮނިހިރު ދުވަހުއެވެ. މި އިންތިޚާބުގައި ވޯޓްލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަކީ 57،257 އެވެ. މުޅި ރާއްޖޭގައި ކުރިޔަށްދާ މި އިންތިޚާބުގައި 243 ވޯޓް ފޮށީ ހުންނާނެކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.