ޚަބަރު

އޮލިމްޕަސް، މަރާމާތަށްްފަހު ފުރަތަމަ އަޅުވަނީ "ބީވީމާ"


އޮލިމްޕަސް އަލުން ހުޅުވާއިރު ފުރަތަމަ ދައްކާނެ ފިލްމަކީ ޑާކް ރެއިން އެންޓަރޓެއިންމަންޓްގެ "ބީވީމާ" ކަމަށް ނެޝަނަލް ސެންޓަރ ފޯ އާޓްްސްއިން ބުނެފިއެވެ.

ބޮޑެތި މަރާމާތުތަކެއް ކުރުމަށްފަހު މިމަހުގެ 25 ވަނަދުވަހު އޮލިމްޕަސް އަލުން ހުޅުވުމަށް ނެޝަނަލް ސެންޓަރ ފޯ ދި އަރޓްސްއިން ވަނީ ބުނެފައެވެ. އަދި އޮލިމްޕަހުގައި ފިލްމު އެޅުވުމާއި، އެކިއެކި ހަރަކާތްތައް ކުރިއަށްގެންދަން ބޭނުންވާ ފަރާތްތަކަށް ބުކް ކުރުމަށްވެސް ވަނީ ހުޅުވާލާފައެވެ.

އެންސީއޭއިން ބުނީ އޮލިމްޕަސްގެ މަރާމާތަށްފަހު ހުޅުވާ ފުރަތަމަ ފިލްމު ދައްކަން ފަށާނީ އަންނަ މަހުގެ 6 ވަނަދުވަހު ކަމަށެވެ. ފުރަތަމަ ދައްކާ ފިލްމު "ބީވީމާ" ގެ ޓިކެޓް މިއަދު ވިއްކަން ފެށިކަންވެސް އެންސީއޭއިން ބުނެއެވެ.

ޑާކްރެއިންގެ "ބީވީމާ" އަކީ އަހްމަދު ޒަރީރު ލިޔެ ޑައިރެކްޓްކުރާ އޭނާގެ ފުރަތަމަ ފީޗަރ ފިލްމެވެ. މި ފިލްމުގެ ލީޑްރޯލުން ފެނިގެންދަނީ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާއެވެ. މީގެއިތުރުން އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) އާއި އައިމިނަތު ރަޝްފާވެސް މި ފިލްމުގެ މުހިއްމު ރޯލްތަކުން ފެނިގެންދާނެެއެވެ.

އޮލިމްޕަސް ތަރައްޤީކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދިޔައީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ކުރިއަށް ގެންގޮސްފައިވަނީ އިމާރާތް މަރާމާތުކޮށް، ގެންނަންޖެހޭ ބޮޑެތި ބަދަލުތައް ގެނައުމުގެ މަސައްކަތެވެ. މި މަސައްކަތުގެ ތެރެއިން ޓިކެޓް ކައުންޓަރަށް ބަދަލު ގެނައުމާއި، ހޯލާއި، ކޮރިޑޯއާއި ކެފޭ ސަރަޙައްދާއި އިމާރާތުގެ ބޭރަށްވެސް ވަނީ ބަދަލުތައް ގެނެސްފައިވެއެވެ. އަދި ދެވަނަ ފިޔަވަހީގައި ހިމަނައިގެން އޮލިމްޕަހުގެ ސައުންޑް ސިސްޓަމާއި ޓެކް މަސައްކަތްވެސް ވަނީ ކޮށްފައެވެ. މީގެއިތުރުން މިއުޒިކާއި ޑާންސް ޕްރެކްޓިސް ކުރުމަށްވެސް ބައެއް ްވަނީ ހާއްސަކޮށްފައެވެ.

އޮލިމްޕަހުގައި އެންމެ ފަހުން ފިލްމް ދައްކާފައިވަނީ 2019 ވަނަ އަހަރުއެވެ. ކޯވިޑް ޙާލަތާ ގުޅިގެން 2020 ވަނަ އަަހަރުން ފެށިގެން އޮލިމްޕަސް އޮތީ ބަންދުކޮށްފައެވެ. އޮލިމްޕަހަކީ ރާއްޖޭގައި އެއްފަހަރާ އެންމެ ގިނަ މީހުނަށް ވަދެވޭ ސިނަމާއެވެ. އޮލިމްޕަސް ތަރައްޤީކޮށް އެތަނުގައި މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި، އަދި ފިލްމް އަޅުވަން ފެށީ 1957 އިން ފަށައިގެންނެވެ. އޮލިމްޕަހުގެ ޚިދުމަތަށް 61 އަހަރުވަނީ ފުރިފައެވެ.