ޚަބަރު

ރޭޕްގެ ކުށް ސާބިތުވި މައްސަލައިގެ ތަޙުގީގު ޓީމަށް ޕޮލިސް ކޮމިޝަނަރގެ ތަޢުރީފު


ކުޑަކުއްޖަކު ރޭޕްކުރި މީހަކަށް 40 އަހަރުގެ ޖަލު ޙުކުމެއް އައުމަކީ، އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާއާއި ދެކޮޅަށް ފުލުހުން ދިން ވަރުގަދަ ރައްދެއް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.

ކުޑަކުއްޖަކު ރޭޕްކޮށް އޮރިޔާން ކާޑު އުފެއްދި މީހެއްގެ މައްޗަށް ކުށް ސާބިތުވެ 40 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކުރީ މިމަހުގެ 18 ވަނަ ދުވަހުގައެވެ. މިމައްސަލައިގައި ކުށް ސާބިތުވެފައިވަނީ ލ.ކަލައިދޫ، މާކަރީލައިޓް މުޙައްމަދު ޝަޒްލީފްގެ މައްޗަށެވެ.

އޭނާގެ މައްޗަށް މިކުށް ސާބިތުވުމާ ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް ކުރެއްވި ޓުވީޓެއްގައިވަނީ މިމީހާގެ މައްޗަށް ކުށްސާބިތު ކުރެވިގެން މިދިޔައީ ލ. ގަން ޕޮލިސް ސްޓޭޝަންގެ ސީނިއަރ ސަރޖަންޓް ހަސަން އާދިލް ކުރިއަށް ގެންދިޔަ ރަނގަޅު ތަހުގީގުގެ ސަބަބުން ކަމަށް ވިދާޅުވެ އޭނާއަށް މަރުހަބާ ވިދާޅުވެފައެވެ. ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ މިއީ އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލައިގަނެ އެކަމާއި ދެކޮޅަށް ފުލުހުން ދިން ވަރުގަދަ ރައްދެއް ކަމަށެވެ.


ކުޑަކުއްޖަކު ރޭޕްކޮށް އޮރިޔާން ކާޑު އުފެއްދުމުގެ ދަޢުވާ ޝަޒްލީފްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ 2018 ވަނަ އަހަރުއެވެ. މި މައްސަލާގައި ބުދަ ދުވަހު ކްރިމިނަލް ކޯޓުން އިއްވި ޙުކުމުގައި ވަނީ، މުޙައްމަދު ޝަޒްލީފްގެ މައްޗަށް ރޭޕްގެ ކުށް ސާބިތުވެފައިވާތީ ޖިންސީ ކުށުގެ ޤާނޫނުގެ ދަށުން، 20 އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށްފައިވާކަމަށެވެ. އަދި ކުޑަކުއްޖަކު މެދުވެރިކޮށް އޮރިޔާންކާޑު އުފެއްދުމުގެ ކުށް ސާބިތުވެފައިވާތީ، ކުޑަކުދިންނަށް ޖީންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްސަ އުޞޫލުތަކަކުން ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން، 20 އަހަރަށް ޖަލަށްލުމަށް ޙުކުމްކުރާކަމަށެވެ.

އޭނާގެ މައްޗަށް އިއްވި 40 އަހަރުގެ ޖަލު ހުކުމުގައި، އޭނާ ޝަރީޢަތް ނިމެންދެން ބަންދުގައި ހުރި މުއްދަތު ކަމުގައިވާ 2 އަހަރާއި 1 މަހާއި 14 ދުވަސް ވަނީ އުނިކޮށްފައެވެ.