ޚަބަރު

ބޮޑުކަމެއް ޖެހުމުން ސަރުކާރުތަކުން އަމަލުކުރާ ގޮތާއި މެދު ރައްޔިތުން ވިސްނަންޖެހޭ: ރައީސް


ކާރިސާއެެއް ނުވަތަ ބޮޑުކަމެއް ޖެހުމުން ސަރުކާރުތަކުން އަމަލުކުރާ ގޮތާއިމެދު ރައްޔިތުން ވިސްނަންޖެހޭކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ކަނޑިތީމުގައި އޮތް އެމަނިކުފާނުގެ ކެމްޕެއިން ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވަނީ މީގެކުރިން ދުނިޔެއަށް ކުރިމަތިވި އެކިއެކި ކަންކަމާއި ގުޅިގެން ސަރުކާރުތަކުން އަމަލު ކޮށްފައިވާ ގޮތާއި މިސަރުކާރުން ބޮޑު ކަމެއް ޖެހުމުން އަމަލުކުރި ގޮތް އަޅާކިޔުއްވައި، އެކަމުގައި ހުރި ތަފާތުތައް ދައްކަވާފައެވެ.

ރައީސް ސާލިހު ވިދާޅުވީ ދުނިޔެއަށް ކުރިމަތިވާ ބޮޑެތި ކާރިސާތަކާއި ހާދިސާތަކުގެ އަސަރު ރާއްޖެއަށް ކުރާނެކަމަށެވެ. އަދި އެފަދަ ދަނޑިވަޅެއްގައި ވެރިކަމުގައި ތިބޭ ބަޔަކު ކަންކުރާ ގޮތް އެއީ ވަރަށް ފުންކޮށް ރައްޔިތުންެ ވިސްނަންޖެހޭނެ ކަމެއްކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި އިސްކަން ޖެހޭނީ ރައްޔިތުން. ސަރުކާރެއްގެ ބޭނުމަކީ އެއީ. ސަރުކާރު ހަމަޖެހިލައިގެން ހަމައެކަނި ވެރިކަމުގައި ތިބެ، ރައްޔިތުންނަށް އޭގެ ގެއްލުން ލިބޭ ގޮތަށް ސިޔާސަތުތައް ކަނޑައެޅުމަކީ ސަރުކާރެއްގެ ވިސްނުމުގައި އޮވެގެން ވާނެކަމެއް ނޫން" ރައީސް ވިދާޅުވިއެވެ.


ކޯވިޑްގެ ކުރިން ރާއްޖެއަށް ކުރިމަތިވި އެންމެ ބޮޑު އިގްތިސާދީ ހީނަރުކަން ކުރިމަތިވީ 2008 އަދި 2009 ވަނަ އަހަރުކަމަށެވެ. އަދި އެ އިގްތިޞާދީ ހީނަރުކަމުން އަރައިގަތުމަށް އޭރުގެ ސަރުކާރުން އަމަލުކުރި ގޮތް ރައްޔިތުންނަށް އެނގޭނެކަމަށާއި، އޭރު ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން އެތައް ބަޔަކަށް އޭގެ ނުރަނގަޅު އަސަރުކުރިކަމަށެވެ.

"2008 އަދި 2009 ގައި ރާއްޖެއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުގައި ސަރުކާރުން ކަންތައް ކުރި ގޮތް އެއޮތީ ފެންނަން. ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ނަމުގައި ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ބޮޑުތަނުން ކުޑަކުރި. މުވައްޒަފުން ވަކިކުރި. އޭގެ ނުރަނގަޅު އަސަރު ވަކިވަކި ފަރުދުންގެ ދިރިއުޅުމަށް ވަރަށް ބޮޑަށް ކުރި" ރައީސް ވިދާޅުވިއެވެ.


ރައީސް ވިދާޅުވީ މިސަރުކާރުން ކޯވިޑާއި ގުޅިގެން އެއްވެސް ރައްޔިތަކަށް ގެއްލުންވާނެ ގޮތަށް މަސައްކަތެއް ކޮށްފައި ނޯންނާނެކަމަށެވެ. އަދި އެހެން ގައުމުތަކާއި އަޅާބަލާއިރު ދިވެހި ރައްޔިތުންނަށް މިކަމުން ކުރި އަސަރު ކުޑަކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

"ކޯވިޑާއި ގުޅިގެން އަޅުގަނޑުމެންގެ ސިޔާސަތުތަައް ތަންފީޒުކުރަމުންދިޔަ ގޮތުން އޭގެ ނުރަނގަޅު އަސަރު ކުރަންވީ ވަރާއި ގާތަށްވެސް ރާއްޖެގެ އެއްވެސް ރައްޔިތަކަށް އެ އަސަރުކޮށްފައެއް ނޯންނާނެ. އެ އިހުސާސްވެސް ގިނަ ބޭފުޅުންނަށް ރަނގަޅަށް ނުކުރެވޭނެ" ރައީސް ވިދާޅުވިއެވެ.


މީގެކުރިން 2009 ވަނަ އަހަރު ކުރިމަތިވި އިގްތިސާދީ ހީނަރުކަމުގައި ސިވިލް ސަރވިސް މުވައްޒަފުންގެ އަދަދު މަދުކޮށް، މުސާރަތަކުން ވަނީ 15 ޕަސަންޓް ކުޑަކޮށްފައެވެ. އޭރު ސަރުކާރުން ބުނެފައި ވަނީ އެއީ ބަޖެޓްގެ ދަރަނި ކުޑަކުރަން އެޅި ފިޔަވަޅެއްކަމަށެވެ.


ކޯވިޑާއި ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކުގައި ވަނީ ސަރުކާރު މުވައްޒަފުންގެ މުސާރަތައް ކުޑަކޮށް، ވަޒީފާތަކުން ވަކިކޮށްފައިވާއިރު ރާއްޖޭގައި ކޯވިޑާއި ގުޅިގެން ސަރުކާރުގެ އެއްވެސް މުވައްޒަފެއްގެ މުސާރަ ކުޑަކޮށްފައިނުވާއިރު، ވަޒީފާތަކުން އެއްވެސް މުވައްޒަފެއް ވަކިކޮށްފައެއްވެސް ނުވެއެވެ. މީގެއިތުރުން އަމިއްލަ ވިޔަފާރިތައް ހުއްޓުނަ ނުދީ ކުރިއަށް ދިއުމަށާއި، އެ ވިޔަފާރިތަކުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް މުސާރަ ޔަގީންކޮށްދިނުމަށްވެސް ރައީސް ސާލިހުގެ ސަރުކާރުން ވަނީ އެތައް ބިލިއަން ރުފިޔާއެއްގެ އެހީތެރިކަން ފޯރުކޮށްދީފައެވެ.