ކުޑަކުއްޖަކު ރޭޕްކޮށް އޮރިޔާން ކާޑު އުފެއްދި މީހެއްގެ މައްޗަށް ކުށް ސާބިތުވެ 40 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފިއެވެ. އެ ކުށް ސާބިތުވެފައިވަނީ ލ. ކަލައިދޫ، މާކަރީލައިޓް، މުޙައްމަދު ޝަޒްލީފްގެ މައްޗަށެވެ.
އޭނާގެ މައްޗަށް ދައުލަތުން ރޭޕްކުރުމުގެ ކުށުގެ ދަޢުވާއާއި، ކުޑަކުއްޖަކު މެދުވެރިކޮށް އޮރިޔާންކާޑު އުފެއްދުމުގެ ދައުވާ އުފުލީ 2018 ވަނަ އަހަރުއެވެ. އަދި އޭނާގެ މައްޗަށް އުފުލި ދަޢުވާތައް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ އިއްޔެއެވެ.
ދައުލަތުން ކޯޓަށް ހުށައެޅި މައްސަލާގައި ވަނީ 2018 ވަނަ އަހަރުގެ ޖެނުއަރީ 6 ވަނަ ދުވަހު، ޢުމުރުން 17 އަހަރުގެ ކުއްޖާ ލ.ކަލައިދޫ ދަނޑުބިން ސަރަހައްދު ވަލުތެރެއަށް ގެންގޮސް ގަދަކަމުން ޖިންސީ ގުޅުން ހިންގައި، ކުއްޖާގެ ބަރަހަނާ މަންޒަރު ފެންނަ ފޮޓޯއާއި ވީޑިއޯ ނަގާފައިވާކަމަށެވެ.
މި މައްސަލާގައި ކްރިމިނަލް ކޯޓުން އިއްވި ޙުކުމުގައި ވަނީ، މުޙައްމަދު ޝަޒްލީފްގެ މައްޗަށް ރޭޕްގެ ކުށް ސާބިތުވެފައިވާތީ ޖިންސީ ކުށުގެ ޤާނޫނުގެ ދަށުން، 20 އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށްފައިވާކަމަށެވެ. އަދި ކުޑަކުއްޖަކު މެދުވެރިކޮށް އޮރިޔާންކާޑު އުފެއްދުމުގެ ކުށް ސާބިތުވެފައިވާތީ، ކުޑަކުދިންނަށް ޖީންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްސަ އުޞޫލުތަކަކުން ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން، 20 އަހަރަށް ޖަލަށްލުމަށް ޙުކުމްކުރާކަމަށެވެ.
އޭނާގެ މައްޗަށް އިއްވި 40 އަހަރުގެ ޖަލު ހުކުމުގައި، އޭނާ ޝަރީޢަތް ނިމެންދެން ބަންދުގައި ހުރި މުއްދަތު ކަމުގައިވާ 2 އަހަރާއި 1 މަހާއި 14 ދުވަސް ވަނީ އުނިކޮށްފައެވެ.