ޚަބަރު

ޕީއެސްއެމްގެ އެމްޑީއަކަށް ޚާލިދު، ޗެއަރމަނަކަށް ޙިލްމީ ދެވަނަ ދައުރަކަށް


ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމްގެ މެނޭޖިންގ ޑިރެކްޓަރަކަށް ޢަލީ ޚާލިދާއި، ޗެއަރމަނަކަށް އިބްރާހީމް ޙިލްމީ ދެވަނަ ދައުރަކަށް ޢައްޔަނުކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް، ޕީ.ސީ.ބީއިން ވިދާޅުވީ، ޕީ.އެސް.އެމްގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމަށް މ.ފިނިފަރު ޢަލީ ޚާލިދު މިމަހުގެ 18 ވަނަ ދުވަހު އެ ބޯޑުން ޢައްޔަނުކުރައްވާފައިވާކަމަށެވެ. އަދި ޢަލީ ޚާލިދު މި މަޤަމަށް ޢައްޔަނުކުރައްވާފައިވަނީ ދައުލަތުގެ ވިޔާފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގައިވާގޮތުގެ މަތީންކަމަށެވެ.

ޕީ.އެސް.އެމްގެ ޑިރެކްޓަރކަމުގެ މަޤާމުގެ ދެވަނަ ދައުރަކަށް ޢަލީ ޚާލިދު ޢައްޔަނުކުރެއްވިކަމުގެ ލިޔުން ޙަވާލުކޮށްދެއްވީ ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ޕީ.ސީ.ބީގެ ރައީސް އާޞިމް މުޙައްމަދެވެ. ޚާލިދަކީ އޮސްޓްރޭލިއާގެ ސްޓަރޓް ޔުނިވަރސިޓީން އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ.

މި ރަސްމިއްޔާތުގައި ޕީ.ސީ.ބީއިން ކުރިއަށްގެންދިޔަ ޕީ.އެސް.އެމްގެ ފައިނޭންޝަލް އަދި ގަވަރނަންސް ރިވިއުތަކުން ފާހަގަވެފައިވާ ކަންކަން ޙިއްސާކޮށް އެކަންކަން އިސްލާޙުކޮށްދެއްވުމަށާއި، ކުންފުނި ހިންގުމުގައި މިހާރު ދިމާވެފައިވާ ކަންކަމަށް ޚާއްސަ ސަމާލުކަމެއްދެއްވާ އެކަންކަން ޙައްލުކޮށްދެއްވުމަށް ޕީ.ސީ.ބީއިން ވަނީ އިރުޝާދުދެއްވާފައެވެ. އަދި ޕީ.ސީ.ބީއިން ފާހަގަކުރި ކަންކަން ޙައްލުކޮށްދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ޙާލިދު ދެއްވާފައިވާކަމަށް އެ ބޯޑުން ވިދާޅުވެއެވެ.

ޕީ.އެސް.އެމްގެ ޗެއަރމަނަކަށް ތ. ވިލުފުށީ ހުސްނުހީނާގެ އިބްރާހީމް ޙިލްމީ ދެވަނަ ދައުރަކަށް ޢައްޔަނުކޮށް އެކަމުގެ ލިޔުން ޕީ.ސީ.ބީއިން ޙަވާލުކޮށްފައިވަނީވެސް މިމަހުގެ 18 ވަނަ ދުވަހުއެވެ. ޙިލްމީއަކީ އިންޓަރނޭޝަނަލް ބިޒްނަސް އޯވަސީސް އިން ޑިޕްލޮމާ އިން ސޮފްޓްވެއަރ އިންޖިނިއަރިންގ ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ.

ޕީ.އެސް.އެމްގެ މެނޭޖިންގ ޑިރެކްޓަރަކަށް ޚާލިދު އަދި ޗެއަރމަން ކަމުގެ މަޤާމަށް ޙިލްމީ ދެވަނަ ދައުރަކަށް ޢައްޔަނުކުރައްވާފައިވާއިރު، ޕީ.އެސް.އެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ ގޮތުގައި ހުންނެވި މުޙައްމަދު ޝަމީމުގެ ދައުރު މިދިޔަމަހު ހަމަވެފައިވާތީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓެރީގެ މަޤާމަށް ފަހުން ވަނީ ޢައްޔަނުކުރައްވާފައެވެ.