ނޫސްވެރިންނަށް ބިރުދައްކާ، މަސައްކަތަށް ހުރަސް އަޅާ ފުރައްސާރަކުރުން ބަލައި ނުގަންނާނެކަން މޯލްޑިވްސް މީޑިއާ ކައުންސިލުން ވިދާޅުވެއްޖެއެވެ.
އެކައުންސިލުން ނެރުނު ބަޔާނެއްގައި ވަނީ ނޫސްވެރިންނަށާއި މީޑިއާތަކަށް އަަމާޒުކޮށް ބައެއް ފަރާތްތަކުން ފުރައްސާރަކުރުމާއި އިންޒާރުދިނުމާއި ބިރުދައްކާކަމުގެ ޝަކުވާތައް ފަހަކަށް އައިސް އެ ކޮމިޝަން ލިބެމުން އަންނަކަމަށެވެ.
ނޫސްވެރިކަމުގެ މިނިވަންކަމަކީ ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހައްޤެއްކަން ކައުންސިލްގެ ބަޔާނުގައި ވަނީ ހަނދާންކޮށްދީފައެވެ. އަދި ޤާނޫނީ އިމުގެ ތެރެއިން ފާޅުކުރާ ހިޔާލެއްގެ ސަބަބުން މީޑިއާތަކުގެ އިދާރާތަކަށް ވަދެ ނޫސްވެރިންނަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ގެއްލުންދީ، ފުރާނައަށް ނުރައްކާކޮށްް އިންޒާރުދިނުމާއި ސޯސަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި ނޫސްވެރިންގެ އަބުރުކަތިލާ ސާބިތު ނުހިފޭ ދޮގުވާހަކަތައް ފެތުރުމަކީ ބަލައިގަންނާނެކަމެއް ނޫންކަމަށްވެސް މީޑިއާ ކައުންސިލްގެ ބަޔާނުގައިވެއެވެ.
" ނޫސްވެރިން އެމީހުންގެ ވާޖިބުތައް އަދާކުރުމުގައި ޤާނޫނުތަކާއި ގަވައިދުތަކާއި ހިލާފު ނުވާ ހިނދަކު އެއްވެސް ފަރާތަކުން ނޫސްވެރިންގެ ވާޖިބުތައް އަދާކުރުމަށް ހުރަސްއަޅާ ބިރުދައްކާ އިންޒާރު ދިނުންް ފަދަ ކަންކަން ކުރުމަކީ މި ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމެއް". އެމްއެމްސީގެ ބަޔާނުގައިވެއެވެ.
ނޫސްވެރިންނަށް ފުރައްސާރަކުރުމާއި ބިރުދެއްކުމުގެ ވާހަކަތައް ފެންމަތިވެފައި މިވަނީ "މިހާރު" ނޫހުގެ ނޫސްވެރިޔަކަށް ފުރައްސާރަކޮށް ސޯޝަލް މީޑިއާގައި އެ ޕޯސްޓްތައް ދައުރުވާން ފެށުމުންނެވެ. އެ ނޫހުން ވަނީ މި އަމަލުތަަކަކީ ނޫސްވެރިން އެމީހުންގެ ޒިންމާތައް ފުރިހަމަ ގޮތުގައި އަދާކުރުމަށް އޮތް ނުރައްކަލެއްކަމަށް ގަބޫލުކުރާކަމަށް ބުނެފައެވެ. އަދި އެ މައްސަލަތައް ތަހުޤީގުކޮށްދިނުމަށް އެދި ފުލުހުންނަށް ހުށައަޅާފައިވާކަމަށްވެސް މިހާރު ވަނީ ބުނެފައެވެ.